ސްޓެލްކޯ

މިމަހު ފޮނުވި ބިލް ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް ދެނީ

ސްޓެލްކޯ އިން މިމަހު ފޮނުވި ކަރަންޓު ބިލަށް ފައިސާ ދެއްކި މީހުންނަށް ކުރިއަށް އޮތް މަހުގެ ބިލުން ޑިސްކައުންޓް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރޯދަމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެން ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި ކުންފުނިން އެކަން ތަންފީޒުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރޯދަ މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު ރޯދަމަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު މިރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފަ،" ހުސެއިން ފަހުމީ ވިދާޅުވި އެވެ.

އޭނާ ވަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.