ހަބަރު

ފޮނަދޫ ފެންވިއުގަ ގާއިމުކުރަން 47 މިލިއަން ރުފިޔާއަށް ސިއެރާއަށް

ލ. ފޮނަދޫގައި ބޯފެނުގެ ނިޒާމް ގާއިމުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ، ސްރީލަންކާގެ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއެރާއާ މި މަޝްރޫއު ހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ތޯރިގު އިބްރާހިމެވެ. ސިއެރާއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިމާލް ލޮކުގެ އެވެ.

ފޮނަދޫގައި ބޯފެނުގެ ނިޒާމް ފަރުމާކޮށް ގާއިމުކުރަން ބަޔަކު ހޯދުމަށް ހުޅުވާލި ބީލަމަކީ ރާއްޖޭގެ ނޭޝަނަލް ޓެންޑާ ބޯޑުން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބީލަމެކެވެ. މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ހަތަރު ކުންފުންޏަކުން ބީލަން ހުށަހެޅި އެވެ. ބީލަމަށް ހުށަހެޅީ، އެމްޑަބްލިއުޔޫއެސްސީ އާއި ސްޓެޓިކް ކޮމްޕެނީ އާއި ލަކީ އެކްސްޕޯޓް އަދި ސިއެރާ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ހުށަހެޅި ބީލަންތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅީ ސިއެރާ ކުންފުނިންނެވެ.

މިއަދު ސޮއިކުރި ކޮންޓްރެކްޓްގެ ދަށުން ފޮނަދޫގެ ފެނުގެ ނިޒާމް ފަރުމާކުރުމަށް ބޭނުންވާ ސާވޭ އަދި ޑިޒައިންގެ މަސައްކަތްކޮށް، ފެނުގެ ނިޒާމް ގާއިމުކުރާނެ އެވެ. ފެނުގެ ނިޒާމް ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގައި ރަށަށް ބޭނުންވާ ފެން އުފައްދާ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމާއި ފެން ވިއުގައެއް ގާއިމުކޮށް އެ ވިއުގާ މެދުވެރިކޮށް ގޭގެއަށް ފެން ފޯރުކޮށްދިނުމަށް ފެން މީޓަރުތައް ގުޅައިދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 47،139،214 ރުފިޔާ އެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ހަމަޖެހިފައިވާ މި މަޝްރޫއު ޑިޒައިން މަސައްކަތްތަކާއެކު މަސައްކަތުގެ މުއްދަތަކީ ސޮއިކުރާ ތާރީހުން ފެށިގެން 12 މަސް ދުވަހެވެ.

މިދިއަ ހަފުތާގައި ހއ. ދިއްދޫގެ ފެންވިއުގަ ގާއިމު ކުރަން ވެސް ހަވާލުކޮށްފައި ވަނީ ސިއެރާ ކުންފުންޏާއެވެ.