"ބޭ". މިއީ މިއަދު މިއުޅޭ ހުރިހާ ޒުވާނުންގެވެސް ހިތުގެ ދިރުމެވެ. ފުރާނަ އެވެ. ހިތުގެ އެއްބަ އެވެ. ދިރި ހުރުމުގެ އުއްމީދެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މި ބޭއަކީ ދެން މިހާވެސް ވަރުގަދަ މީހެކެވެ. މި ބޭ ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރާނެ އެވެ. ރަނގަޅު ކަމެއް ކުރަން މަންމަ ކިތަންމެ ނަސޭހަތެއް ދިނަސް ކަހާތަން ހިރުވާނުލާ އޮވެފައިވެސް ބޭ ބުނެފިއްޔާ އެކަމެއް ކުރާނެ އެވެ. މި ބޭއެއްގެ ކަންތައް އޮތީ މިހާވަރަށް ކުރި އަރާފަ އެވެ.
ދެން މިހާރު މި ބޭ އެއްގެ ވާހަކަ ދެއްކިއްޖެ ތާ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބޭ އާ އެކީ ކިޔަވާ އަދި ކަސްރަތުކޮށް ހަދާނަމަ އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. މިއީ ކައިކައި ފަލަވެފައި ހިކެން ބޭނުންވެފައި ތިބޭ ކުދިންނަށް ހިކެން ލިބޭނެ ވަރަށް އުއްމީދީ ހިތްވަރެކެވެ. މީގައި ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ. ސިއްހަތާއި އެއްވަރަށް ދެމީހުންގެ ގުޅުމުގެ ސިއްހަތުވެސް ރަނގަޅުވާ ކަމަކަށް މިކަން ވެ އެވެ.
ހިތްވަރު ލިބުން
"ބޭ ބުނެފި މަ ކައިރީ ޖިމަށް ގޮސްގެން ހިކޭށޯ، އެވެސް އޭނާ އާ އެކީ. މަ މާ ފަލަޔޯ. ދެން މަ ވީގޮސް ވައްތަރުތަކެއް ޖައްސަން، ހިކެން." ފަލަ ކަމުން ނޭވާ ވެސް ނުލެވޭހާ ފަލަ އަންހެން ކުއްޖަކު ދެއްކި ވާހަކައެއްގެ ތެރޭން ރުޅި އައިސް ރަތް ވެގެން އިނދެ ބުންޏެވެ.
ބޭ މިހެން ބުނީމަ ގިނަ އަންހެންކުދިންގެ ގާތަށް އަންނަނީ އަމަށަކު ރުޅި އެއް ނޫނެވެ. މީހަމަ އުފާވާންވީ ކަމެކެވެ. ދެ މީހުން އެކީގައި ޖިމަށް ދާނަމަ އެއީ ހިތްވަރެކެވެ. އެކަނި މާ އެކަނި ޖިމަށްގޮސް ހިކެން އުޅެގެން ނޫނީ ކަސްރަތު ކުރަން އުޅެގެން ވާނީ ފޫއްސެވެ. ހަފްތާއެއް ވަންދެން ކީއްކުރަން ތިން ދުވަހުވެސް ނުދެވޭނެ އެވެ. ފޫހިވާނެ އެވެ.
ގައިމު ދެމީހުން އެކީގައި ދާނަމަ އެއީ ހަމަ އެކުގައި ހޭދަކޮށްލަން ލިބޭ ވަގުތަކަށްވެސް ވާނެ އެވެ. އަދި ފާޑެއްގެ ވާދަވެރިކަމެއް އުފެދި އެންމެ ފުރިހަމަ އަށް ކަސްރަތުކޮށް ނަތީޖާ ނެރެން މަސައްކަތް ކުރެވޭނެ އެވެ.
ގުޅުން
ދެން މިއޮތީ ދެމީހުންގެ ގުޅުމުގެ ސިއްހަތު ރަނގަޅުވާ ވާހަކަ އެވެ. ދެ މީހުން އެކީގައި ޖިމށް ގޮސް ކަސްރަތުކުރާއިރު އެކަމަށްޓަކައި ދެމީހުން ކުރާ މަސައްކަތް ދެމީހުންނަށްވެސް ފެންނާނެ އެވެ. މޯޓިވޭޝަން ލެވަލް އިތުރުވެ ދެ މީހުންވެސް ދެމީހުންނަށް ސަމާލުކަންދެވޭ މިންވަރު އިތުރުވާނެ އެވެ. އެކަނި ކުރަން އުޅެގެން ހަމަ ޔަގީނުންވެސް ބޭ ދެކެ ރުޅި އާދެވޭނެ އެވެ. ހިތްވަރު އެލި މާޔޫސްވާނެ އެވެ. ރުޅި ގަދަވެ މީހާ ޓެންޝަނަށް ދާނެ އެވެ. ދެން ވީ ދެމީހުން ޒުވާބުކޮށް ތަޅައިފޮޅައިގަންނާށެވެ. މުޅި އެތި އެކީ ދެމީހުންނަށް އަންޑަސްޓޭންޑިން އެއް ނުވާނެ އެވެ. އެހެން ވީމަ ހަމަ އެންމެ ރަނގަޅީ ބޭ އާ އެކީ ޖިމަށް ދިޔައިމަ ނޫން ހެއްޔެެވެ؟
ބޭ އަށްވުރެ ބޮޑަށް ރައްޓެއްސަކާއެކީ ޖިމަށް ދާނަމަ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ. އެކަމަކު ތަޖުރިބާކާރުން މިއަކާ މުޅިން އިއްތިފާގެއް ނުވެ އެވެ. އެމީހުން ބުނަނީ އެއީ އެކުވެރިކަމުގެ ގުޅުން ކެނޑިގެން ހިނގައިދާނެ ވަރުގެ ކަމަކަށްވެސް ވެދާނެ ކަމަށެވެ. އެހެންވާނެ ކަމަށް ލަފާކުރަނީ ތިމާއަށްވުރެ އެކުވެރިޔާގެ ކަސްރަތީ ނަތިޖާ ރަނގަޅުވެއްޖެ ހިނދެއްގައި އެކަމާ "ޖެލަސް" ވުމެވެ. ހަމަ ގައިމުވެސް ދެމީހުން އެކީގައި ޖިމަށް ގޮސް ކަސްރަތުކޮށްކޮށް އުޅެ އުޅެ ހުއްޓާ ބަދަލެއް ނައިސް އެކުވެރިޔާއަށް އެ ބަދަލު އައުމުން އެއީ ކިތަންމެ ތާކުންތާކު ނުޖެހޭ ކަމެއް ވިޔަސް އެކަމާ ރުޅި އަންނާނެ ކަމެވެ. ހާއްސަކޮށް އަންހެނުންނެވެ. ކުދި ކުދި ތާކުންތާކު ނުޖެހޭ ކަންތަކާ ރުޅިއައިސް ހަސަދާލާން މިވަރު ބައެއް ނޫޅޭނެ އެވެ.
އަނެއްކާވެސް ގުޅުން ރަނގަޅުވާނެ ކަމަށް ޕްލަސް ޕޮއިންޓެކެވެ. ބޭ އަކީ ހަމަގައިމުވެސް އިތުބާރުކުރާ ފަރާތެކެވެ. ޖިމުގައި އުޅޭ އިންސްޓްރަކްޓަރުން ނަކަށް ތީކީ ކާކު ކަމެއް ނޭނގޭނެ އެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ވަތްކެއް ނުވާނެ އެވެ. އެހެން ވީމަ އެހާ ވަރަކަށް އެމީހުން އަޅައެއް ނުލާނެ އެވެ. ހަމަގައިމުވެސް ބޭ އަޅާލާ ވަރަކަށް ނުލާނެ އެވެ. ބައެއް ކަސްރަތުތައް ކުރާއިރު އެމީހުން އެހާ ވަރަށް އަޅާނުލާނެ އެވެ. މިސާލަކަށް ޑެޑް ލިފްޓް ނުވަތަ ބެންޗް ޕްރެސް އެވެ. އަދި ބަރު އެއްޗެހި އުފުލުން ވެސް މެއެވެ. މިކަސްރަތުތައް ރަނގަޅަށް ކުރެވޭނީ އިތުރު މީހެއްގެ އެހީގަ އެވެ. އެކަމުގައި އެންމެ ރަނގަޅު އެހީތެރިކަމެއް ދެވޭނީ ބޭ ނޫން ކާކަށް ހެއްޔެވެ؟ ބޭ ދެކެވާ ލޯބި އިތުރުވެ ބޭ ލޯބިވާކަން މިކަމުންވެސް ޔަގީންވާނެ އެވެ.
ދެން މިއޮތީ އުފާވެރިކަމެވެ. ޖިމަށް ގޮސް އުޅޭއިރު ޔަގީނުންވެސް މަޖާ ކަންތައްތަކެއް ހިނގާނެ އެވެ. އެއީ ހާއްސަ ވަގުތުތަކަށް ވާނެ އެވެ. އެކުގައި ހޭދަކުރެވޭ ވަގުތުތައް އުފާވެރި ވީ އެވެ. އަދި ބޭނުންތެރި ފައިދާހުރި ވަގުތުތަކަކަށްވީ އެވެ.
ބޭ އާ އެކީ ޖިމަށް ދިޔަސް ގޯލްތަކެއްވެސް ކަނޑައަޅާފައި ހުންނާނެ ކަން ގައިމެވެ. އެހެން ވީމަ ސަކަރާތް ޖެހއިަސް މި ގޯލް ކާމިޔާބު ކުރަންވާނެ އެވެ. އެކަމަކު އެކަކު އަނެކަމަށް މަޖުބޫރު ކޮށްގެނެއް ނޫނެވެ. ކަސްރަތު ކުރަން އުޅޭއިރު ދެމީހުންނަށް ވާގޮތާއި މޫނުމަތީގެ އެކްސްޕްރެޝަންތައް ފެންނާނެ އެވެ. ގައިމުވެސް އެވާނީ ވަރަށް ހަނދާނީ އަދި މަޖާ ކަމަކަށެވެ. ބޭ ވަރަށް ސީރިއަސްވެ ކަސްރަތު ކުރަން އުޅޭއިރު އެތަން ފެނުނީމަ ނުހޭން ހުއްޓަސް ހެވޭނެ އެވެ.
ޑައިޓު
މިސާލަކަށް ދެ މީހުން ޖިމަށްދާނަމަ މިއީ ޖެހުމަށްވުރެ ނުޖެހުން ގާތް މައްސަލަ އެކެވެ. ބޭ ޖިމަށްގޮސް ހޭބަލި ވަންދެން ކަސްރަތުކޮށް ޑައިޓު ކުރާއިރު ތިމާ ހަމަ ސިއްހަތަށް ބަލައިނުލާ ހިތަށް އައިހާ އެއްޗެއް ކާނަމަ ދެން އެޖެހުނީ ކަންތަކާއެވެ. ކަސްރަތުކޮށް އުޅެން ބޭ ފޫހިވާނެ އެވެ. ހިތްވަރު އެލޭނެ އެވެ. ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭ ކުރާ މަސައްކަތުގައި އެއްބާރުލުމެއް ނުދެއޭ ހީވާނެ އެވެ. ދެ މީހުން ޖިމަށް ދާނަމަ ދެ މީހުން ޑައިޓު ކުރާނެ އެވެ. އޭރުން ފަސޭހައެއް ނޫން ހެއްޔެވެ؟ ދެމީހުންގެ ސިއްހަތު ރަނގަޅުވެ އުފާވެރިކަމެވެ.
އެހެން ވީމަ ބޭ އާއެކީ ޖިމަށް ނުދާވަރެއް ނޫނެއް ނޫން ހެއްޔެވެ؟ ބޭ އާއެކު ވަރަށް ސީރިޔަސް ކޮށް މިވާހަކ ދައްކާށެވެ. ކަންނެތްކަން ފިލުވައި ބޭ ގޮވައިން ޖިމަށް ނައްޓާލާށެވެ. ދެމީހުންގެ ސިއްހަތާއެކީ ދެމީހުންގެ ގުޅުންވެސް ރަނގަޅުވާނެ އެވެ.