ހަބަރު

އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި ޕިކަޕް ޑްރައިވަރު ހައްޔަރުކޮށްފި

މަސް ޕްރޮސެސް ކުރާ ކުންފުނި، އެންޒިސް ހުޅުމާލެ ފެކްޓްރީގައި ހިނގި އެކްސިޑެންޓެއްގައި އެތަނުގެ މުވައްޒަފަކު މަރުވި މައްސަލާގައި ޕިކަޕް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކުރީ މިއަދު ހަވީރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގާ، މީހަކު މަރުވި މައްސަލާގައި 31 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އެންޒީ ފެކްޓްރީގައި މިއަދު މެންދުރު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި ބިދޭސީ މީހަކު ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. ބިދޭސީ މުވައްޒަފު މީހާ މަރުވީ، އެންޒީ ފެކްޓްރީގެ ތެރޭގައި ބޭނުން ކުރި ޕިކަޕެއް ފަހަތަށް ޖެއްސުމުގެ ތެރޭގައި އެ ވެހިކަލުން ޖެހިގެން ކަމަށްވެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.