ޓައިވާންގެ އާ ރައީސް ވިލިއަމް ލައި ޗިންޓޭ ރައީސްކަމުގު ހުވައިކުރައްވައި މަގާމާ ހަވާލުވެ ވަޑައިގެންފި އެވެ. މިއީ މި ޖަޒީރާއަށް އައްޔަންކުރެވުނު އަށްވަނަ ރައީސް އެވެ.
މިއަދާ ހަމައަށް ޓައިވާންގެ ރައީސްގެ މަގާމުގައި ހުންނެވީ ސައި އިން ވެންގް އެވެ. މި ދެ ބޭފުޅުންނަކީވެސް ހުޅަނގާ ވަރަށް ގާތް އަދި ޗައިނާއާ ދުރު ވިސްނުމަކަށް ލޯބިކުރައްވާ ދެ ލީޑަރުންނެވެ.
ޗައިނާ ދެކޭ ގޮތުގައި ލައި ޗިން ޓޭ، 64، އަކީ މަސްލަހަތު ބައިބައިކުރެއްވުމަށް ހިތްވަރު ދެއްވާ ލީޑަރެކެވެ.
އޭނާގެ ޒައާމަތުގައި ޓައިވާންއަށް ހެޔޮ ގޮތެއް އޮތީ ޗައިނާއާ އެކު ގުޅުން ބަދަހިކުރި ވަރަކުން ކަމަށް ޗައިނާ ބުނެ އެވެ.
ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ ޗައިނާގެ ވަކިން އޮންނަ ރަށެކެވެ. މި ރަށުގައި އޮންނަން ޖެހޭނީ ޗައިނާ މައި ސަރުކާރުގެ ވިސްނުމެވެ. ވަކި ސަރުކާރަކުން މި ޖަޒީރާ ހިންގުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ޗައިނާ ބުނެ އެވެ. ނަމަވެސް ޓައިވާން އިން މި ގޮތް ގަބޫލެއް ނުކުރެ އެވެ. ޓައިވާން އެދެނީ ވަކި ގައުމެއް ގޮތުގައި މިނިވަން ދައުލަތެއް ޓައިވާންގައި އޮތުމަށެވެ.
ޓައިވާންގެ މި ވިސްނުމަކީ ޗައިނާ ބުނާ ގޮތުން ނުރައްކާތެރި ވިސްނުމެކެވެ.
ޗައިނާގެ މުށުތެރެއިން ޓައިވާން ނެރެ މިނިވަން ގައުމެއް ގޮތުގައި ދުނިޔޭގައި ހަރަކާތްތެރިކުވުމަށް އެންމެ ބޮޑަށް ބާރުއަޅަނީ އެމެރިކާ އެވެ.
ޓައިވާންގެ އަސްކަރިއްޔާ ފައިމައްޗަށް ނަގައި ޗައިނާއާ ވާދަކުރެވޭ ވަރުގެ ގާބިލުކަން ހޯދައިދިނުމަށްވެސް އެންމެ ބޮޑަށް -- ފާޅުގައި އަދި ސިއްރުގައި އެންމެ ނުބައި ރޯލެއް ކުޅެނީ އެމެރިކާ އެވެ.
އެމެރިކާގެ މި އަހްލާގުގެ ސަބަބުން ޗައިނާއާ އެކު އޮންނަ ގުޅުމަށްވެސް ވަނީ ބުރޫއަރާފަ އެވެ.
ޗަައިނާ ބުނާ ގޮތުން އެމެރިކާއާ ބެހުމެއް ނެތް ކަންތައްތައް ދޫކޮށްލައިގެން ނޫން ގޮތަކަށް އެެމެރިކާއަށްވެސް ކުރިއެރުމެއް ނޯންނާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލައި ޗިންޓޭ ވެރިކަމާ ހަވާލުވެ ވަޑައިގެން، ޗައިނާއާ ކޮންމެވެސް ވަރަކަށް ގުޅުން ބަދަހިކުރައްވާނެ އެވެ. އެކަމަކު މިއީ އެމެރިކާގެ ހުއްދަ ނެތް ކަމަކަށްވާނަމަ ޓައިވާންގެ އާ ރައީސަށްވެސް މިކަމެއް ނުކުރެއްވޭނެ އެވެ.
ޓައިވާންއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ޗައިނާއާ އެކު ގާތް ގުޅުމެއް ބޭއްވުމެވެ.
ރަޝިއާއަށް ޖެއްސުންކުރަން ހަދައިގެން ޔުކްރޭނަށް ލިބުނު ލަނޑު، ޓައިވާނަށް ލިބެން އާ ރައިސް ބޭނުންފުޅު ވާނެހެން ހިއެއް ނުވެ އެވެ.