އީރާންގެ ވަގުތީ ރައީސް މުހައްމަދު މުޚްބީރުއަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ފޯނުކުރައްވައި، ހިތްވަރުދެއްވައި ދެ ގައުމުގެ ގުޅުން އިހުނަށް ވުރެ ބަދަހިކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފި އެވެ.
އީރާންގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ރައީސީ ވަނީ ރަށުން ބޭރަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ވަޑައިގަތް މަގުމަތީގައި ހެލިކޮޕްޓަރު ވެއްޓި އަވަހާރަވެފަ އެވެ.
މުޚްބީރު ރައިސްކަމުގައި ހުންނަވާނީ ރިޔާސީ އިންތީހާބެއްގައި ރައްޔިތުންގެ ވޯޓުން ދާއިމީ ރައީސަކު އައްޔަންކުރެވެންދެންނެވެ.
އީރާންގެ ގާނޫނު ބުނާ ގޮތުން ކުރިއަށް އޮތް 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި ރައީސަކު ހޮވަންޖެހެ އެވެ.
ރަޝިއާގެ ރައީސް، މުޚްބީރު އަރިހުގައި ދެއްކެވި ވާހަކަތަކުގައި އަސްކަރީ ގޮތުން އަދި އިގުތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އާ ރޭވުންތަކެއް ރޭވުމަށް މަޝްވަރާކުރެވުނެވެ. އަދި ދެ ގައުމުގެ ވިޔަފާރި މި އަހަރު ކުރިއަށް އޮތް ދުވަސްތަކުގައި -- ފާއިތުވި އަހަރުގެ މިދުވަސްތަކަށް ވުރެ ކުރިއަރުވައި ފައިދާ އިތުރުކުރައްވާނެ އެވެ.
އީރާން އަކީ ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ވަރަށް ގާތް އެކުވެރިއެކެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުގެ ހިޔާލު އެއްގޮތް ކުރެއްވުމަށް އީރާނުން މަސައްކަތްކުރުމަށް މުޚްބީރަށް ޕޫޓިން ދެންނެވި އެވެ.
ޕުޓިން ވިދާޅުވީ ދެ ގައުމުގެ ހިޔާލު ކަފިވެގެންދާ ހާލަތުގައި މަޝްވަރާކުރުމާއި، ޚިޔާލު ހޯދުން އިސްކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އިބްރާހިމް ރައީސީގެ ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ރަޝިއާ އެހީތެރިވެދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އީރާން އެދިއްޖެ ކޮންމެ ކަމެއް ކޮށްދެއްވުމަށް ރަޝިއާގެ ހާޜިޖީ ވަޒީރު ސަރުގޭ ލަވްރޯފަށް ދަންނަވާފައި ވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. އަދި އަސްކަރިއްޔާގެ ވެރިންނަށްވެސް އެ އަމުރު ނެރުއްވާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސީ އަވަހާރަވުމާ ގުޅިގެން އީރާނަށް އެންމެ ފުރަތަމަ އެހީ ހުށަހެޅި ގައުމުތަކުގެ ތެރޭގައި ރަޝިއާ ހިމެނެ އެވެ.
އީރާންގެ ހާލަތު އެންމެ ކައިރިން ބައްލަވަމުން ގެންދަވާ ވެރިންގެ ތެރޭގައިވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހިމެނިވަޑައިގަންނަވަ އެވެ.