ބޭރު ކުޅިވަރު

ޗެކަށް އަނިޔާވެ އާސެނަލް އަށް އިތުރު ރިހުމެއް

އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކަށް އަނިޔާގެ މުހިންމު މެޗުތަކެއް ގެއްލޭނެކަން ކަށަވަރުވެއްޖެ އެވެ.

ލީގު ޗެމްޕިއަންކަން ހޯދުމަށް އަމާޒުހިފާފައިވާ ޗެކް ނެތުމުން ގޯލު ބަލަހައްޓާނީ މިދިޔަ ސީޒަނުގެ ފަހު ބައިގައި ޓީމުގެ އެއްވަނަ ކީޕަރުކަން ކުރި ޑޭވިޑް އޮސްޕިނާ އެވެ.

ޗެކަށް އަނިޔާވީ ސްވަންސީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ލަނޑެއް ޖަހަން ކުރިއަށް އަރާފައި އެނބުރި ގޯލަށް އައުމަށް ދުވަމުން ދަނިކޮށެވެ.

ޗެކަށް ލިބުނު އަނިޔާގެ ހަތަރު ހަފުތާ ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މިހެންވެ 33 އަހަރުގެ ކީޕަރަށް ޕްރެމިއާ ލީގުގެ ހަތަރު މެޗަކާއި ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އެފްއޭކަޕުގެ މެޗެއް ގެއްލޭނެ އެވެ.

2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ކާމިޔާބު ކުރަން އާސެނަލް މަސައްކަތް ކުރަމުންދާއިރު ފަހަކަށް އައިސް އެ ޓީމުގެ ފޯމު ވެސް ވަނީ ކަޓާފަ އެވެ.

ޓޭބަލުގައި އާސެނަލް މިވަގުތު އޮތީ 28 މެޗުން 51 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. މިއީ އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ.