ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ލެވިއާ ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުގެ 29 އަހަރުގެ ކުޅުންތެރިޔާ އަށް އަނިޔާވީ ހުސްވި ހަފުތާގައި ކެޕިޓަލަވަން ކަޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗުގައި ކަމަށެވެ.
"އޭނާ ޕެނަލްޓީ ޖެހުމަށްފަހު އަނިޔާ އިތުރަށް ގޯސްވެފައިވަނީ. އޭނާ ނެތުމަކީ އަހަރުމެންނަށް ލިބުނު ގެއްލުމެއް. ދެން ތިބި ކުޅުންތެރިން ހިތްވަރުކޮށްފައި މަސައްކަތް ކުރަންވީ ދެން،" ފައިނަލުގައި ޕެނަލްޓީ ނާކާމިޔާބި ލޫކަސްގެ އަނިޔާއާ ބެހޭ ގޮތުން ކްލޮޕް ބުންޏެވެ.
ކޯޗު ބުނީ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލް ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ހާއްސަކޮށް މި ސީޒަނުގައި ނަތީޖާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދިފައިނުވާ ކަމަށެވެ.
"މިހެންވީމަ އަހަރުމެން އެބަޖެހޭ އިތުރަށް މަސައްކަތް ކުރަން. އަހަރެން ކުޅުންތެރިން ގާތުގައި ބުނެފައިވަނީ ލިބެން އޮތް ޕޮއިންޓެއް ހޯދުމަށް. އަހަރުމެންނަށް ކުރިއަށް ދެވޭނީ ޕޮއިންޓްތަކެއް ލިބިގެން،" ކޯޗު ބުންޏެވެ.
އަނިޔާގެ ހިޔަލި ސީޒަން ފެށުނީއްސުރެ ލިވަޕޫލަށް ކުރިމަތިވެފައިވާއިރު ލޫކަސް އަކީ ކްލޮޕްގެ އިރުޝާދުގެ ދަށުން އެންމެ ބަރާބަރަށް ޓީމުގައި ކުޅެމުން އައި އެއް ކުޅުންތެރިޔާ އެވެ.