ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

މަޖިލީހުގެ ރައީސަކަށް އަދުރޭ، ނައިބަށް ނާޒިމު

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ރައީސް މިގޮތަށް ހުށަހެޅުއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރާއި އެ ގުރޫޕްގެ އިސް އެހެން މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގެ މަޝްވަރާތަކަށް ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިންނާ އެކު މިއަދު މުލިއާގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.

އަބްދުއްރަހީމް ވަނީ މީގެ ކުރިން ދެ ދައުރެއްގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފަ އެވެ. އަބްދުއްރަހީމް މިވަގުތު ހުންނެވީ ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައެވެ. ނާޒިމު މީގެކުރިން ވަނީ މ. އަތޮޅުގެ މެންބަރުކަމާއި ދިއްގަރު ދާއިރާގެ މެންބަރު ކަމާއި މަޖިލީހުގެ ނައިބް ރައީސް ކަން ކުރައްވާފަ އެެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން 66 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ބޭފުޅުންގެ ތެރޭގައިވެސް ގިނައީ ޕީއެންސީގެ ބޭފުޅުންނެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވި އަށް ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވާފައިވާތީ ކުރިއަށް އޮތް މަޖިލީހުގައި ޕީއެންސީ ތަމްސީލް ކުރައްވާނެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 އަކަށް އިތުރުވެފަ އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓްގައި ވެލިދޫ ދާއިރާއަށް ހޮވުނު އައްބާސް އަކީ ވެސް ޕީއެންސީއާ އެކު މަސައްކަތް ކުރައްވާނެ މެންބަރުންނަށް ވާތީ ސަރުކާރަށް ވަނީ މަޖިލީހުގެ ވަރަށް ސާފު އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެެއްވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.