( 20 މެއި 2024 އާ ގުޅޭ )
ފައިނާނު ގޮވައިގެން ގެއާ ދިމާއަށް ކާރުގައި ސައިފުލް މިސްރާބު ޖެހި އެވެ. އެ ދަތުރުގައި ޒާހިލް ބައިވެރިއެއް ނުވި އެވެ. އެކަމަށް އެއްވެސް މީހަކު ޒާހިލްއަށް ބާރެއް ވެސް ނާޅަ އެވެ. ގޭގައި މަޑުކުރުމެއްނެތި ޒާހިލް ނުކުމެގެން ދިޔައީ އޮފީހަށް ދާންޖެހިއްޖެ ކަމުގެ ބަހަނާގަ އެވެ. އޭރު އޭނާގެ ޠަބީޢަތްވަނީ އިންތިހާއަށް ގޯސްވެފައި ކަމެއް އެކަކު ވެސް ނުދެނަ ހުއްޓެވެ.
* * * * *
ދެ ހަފްތާ ފަހެވެ. އެޕާޓްމެންޓަށް ވަދެގެން އައި މާޔާއަށް އެތަނުގެ ފަޅުކަން އިޙްސާސް ކުރެވުނެވެ. އެހެންޏާ އޭނާ އަންނައިރު ފައިނާނު ނޫޅޭ ގަޑިއެއް މަދުވާނެ އެވެ. އެކަމަކު މިހާރު އެކުވެރިޔާއާ ދިމާވަނީ ނިދާ ގަޑީގަ އެވެ. ފިނިނޭވާއެއް ދޫކޮށްލާފައި މާޔާ އައިސް ވަނީ ކޮޓަރިއަށެވެ. އޮފީހުން އައި ވަގުތައް ވީމާ އޭނާ ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލީ އެވެ. އަދި ފޯނު ހިފައިގެން ކޮޓަރިން ނުކުމެގެން އައީ ކާއެއްޗަކަށް އޯޑަރު ދިނުމުގެ ވިސްނުމުގައި ހުރެ އެވެ. ކޮފީމޭޒު މަތީ ހުރި މާވަށިގަނޑުގެ ދަށަށްވާހެން ކުޑަކޮށް ލައްވާލާފައި އޮތް ދަޢުވަތު ކާޑު މާޔާއަށް ފެނުނީ ސޯފާއަށް ވެއްޓިގަތް ވަގުތެވެ. ހަށިގަނޑު ސީދާކޮށްލަމުން މާޔާ އެ ކާޑު ނަގައި ބަލަން ފެށި އެވެ. އެއީ ފައިނާނާއި ޒާހިލްގެ ކައިވެނީގެ ދަޢުވަތު ކާޑެވެ. އެއާއެކު މާޔާގެ ހަނދާނަށް އައީ މެންދުރު ފައިނާނު ގުޅާފައި ދެއްކި ވާހަކަ އެވެ. ގޭގައި މާޔާއަށް ވީ އެއްޗެއް އޮންނާނޭކަމަށް ފައިނާނު ބުންޏެވެ. އެހެންވީމާ އޭނާ އެ ދެއްކީ އެ ދަޢުވަތު ކާޑުގެ ވާހަކަތާއޭ މާޔާގެ ހިތަށް އެރި އެވެ.
"ތަޤްދީރު މިކުރަނީ ކޮންކަހަލަ ސަމާސާއެއް. ނާނު ބަނޑުބޮޑުކަން އެ ޢާއިލާއަށް ކުރީން އެނގުނުނަމަ... އެމީހުން ހުރިހާ ގޮތަކުން ނާނު ސަލާމަތް ކުރާން މަސައްކަތް ކުރީސްކަން ޔަޤީން. އަހަރެން އިޒިކްގެ ގާތަށް އާދޭސްކުރާން ދާކަށް ނުޖެހުނީސް. މިހާރު މިހުރި ހާލަތަށް އަހަރެން ނުދިޔައީސް... ކީއްވެތަ އަހަންނަށް އިޒިކްގެ މަތިން ހަނދާންނައްތާ ނުލެވިގެން މިއުޅެނީ. ކީއްވެތަ އޭނާއާ ދުރަށް ނުދެވިގެން މިއުޅެނީ." މާޔޫސްކަމުގެ އާހެއް މާޔާގެ އަނގައިން ނުކުތެވެ. އަދި ހަޤީޤީ ލޯތްބެއްގެ އަސަރަކީ އެހާ ފަސޭހައިން ނެތިގެން ހިނގައިދާނޭ އެއްޗެއްނޫންކަން މާޔާގެ ޟަމީރު އޭނާއަށް ވިސްނައިދިނެވެ. އިޒީކިއަލްގެ ޢަމަލުތައް ބަލައިގަންނަން އުނދަގޫވިޔަސް މާޔާއަށް އޭނާއާ ދުރަށް ނުދެވިގެން އުޅެނީ އެހެންވެކަން އެ ޟަމީރު ބުނެދިނެވެ.
"ނޫން... ހަމަހޭގައި އެއްވެސް އަންހެނަކު އެކަހަލަ ފިރިހެނެއް ދެކެ ލޯތްބެއް ނުވާނެ. އަހަރެން ކިހިނެއް އޭނާދެކެ ލޯބިވާނީ. މީ ލޯތްބެއްނޫން... އެހެނެއްނުވާނެ... އަހަރެން އޭނާދެކެ ލޯތްބެއް ނުވޭ." އަމިއްލަ ޟަމީރާ މާޔާ ދެކޮޅު ހަދާލި އެވެ. ހީވަނީ އޭނާގެ ޟަމީރުގެ ވާހަކަ ހަޤީޤަތަކަށްވާން ބޭނުންނުވަނީ ހެންނެވެ.
އެކުވެރިޔާއަށް ރަނގަޅު ގޮތެއް ފަހިވީތީ މާޔާ ނުހަނު އުފާވި އެވެ. ޔަޤީނުން ވެސް ދުނިޔޭގެ ލަދުން ފައިނާނު ސަލާމަތް ވެއްޖެ އެވެ. އަދި ޒާހިލްއަށް އޭނާ ކުރި ކަންތަކުގެ ޒިންމާއިން ނުފިލޭނެތީ އެކަމާ މާޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އިޒީކިއަލްގެ ޚިޔާލުތައް އެއްފަރާތް ކުރަމުން އޭނާ ހިނިތުންވެލީ ފައިނާނަށް ޓަކައި އެވެ. އެ އެކުވެރިޔާގެ ކައިވެންޏަކީ ޚާއްޞަ މުނާސަބާއެކެވެ. މާޔާ ބައިވެރިވާން މަޖުބޫރު ޙަފުލާއެކެވެ.
* * * * *
"ނިމުނީ... މާޝާﷲ! ވަރަށް ލޯބި." މޭކަޕްކޮށްދޭން ހުރި އަންހެންކުއްޖާ މިހެން ބުނެލީ ލޯގަނޑު ކުރިމަތީ އިން ފައިނާނަށް ބަލަން ހުރެ އެވެ. އެއާއެކު ފައިނާނު ވެސް އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލި އެވެ.
އަލަތު ކައިވެންޏަށް ތައްޔާރުވެގެން އިންއިރު ފައިނާނަށް ފެންނަމުން ދިޔައީ އޭނާ ހުވަފެނުން ވެސް ދެކިފައިނުވާ ފަދަ ފުރިހަމަ ކަމެކެވެ. ޖަރީކުރެވިފައިވާ ހުދު ކުލައިގެ ކައިވެނި ހެދުމުގައި އޭނާ ރާނީއެއް ފަދަ އެވެ. މިއަދު ފައިނާނަށް ވެސް ލޯގަނޑުން ފެންނަމުންދާ ސޫރަ ރީތިވެއްޖެ އެވެ. މީގެ ކުރީން ޚުދު އޭނާއަށް އެ ރީތިކަން ފާހަގަވެފައެއް ނެތެވެ.
"ތޫމާއަށް ގޮވާލަންވީތަ؟." މޭކަޕްކޮށްދޭ ކުއްޖާ އަހާލީ އޭނާގެ މަސައްކަތް ނިމުނީތީ އެވެ. އެމީހުން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލައި ހުޅުވިގެން ދިޔައީ ހަމަ އެވަގުތެވެ. ފައިނާނާއި އޭނާގެ ކައިރީ ހުރި މޭކަޕްކޮށްދޭ ކުއްޖާއާ ދެ މީހުންނަށް އެ ދިމާއަށް ބަލާލެވުނީ އެއްފަހަރާ އެވެ. ދެން ފެނުނީ ފުޅާ ހިނިތުންވުމަކާއެކު ކުއްލިއަކަށް ފައިނާނު ތެދުވިތަނެވެ.
"ނިމުނީތަ؟." އުފާވެރި ހިނިތުންވުމަކާއެކު ތޫމާ އަހާލި އެވެ.
"ލައްބަ." މޭކަޕްކޮށްދޭ ކުއްޖާ ޖަވާބު ދިނެވެ.
"މިޔާ." ފައިނާނު އައިސް މާޔާގެ ކުރިމަތީ ހުއްޓިލި އެވެ.
"ފައިނާނު ކައިރިޔަށް އަންނަން ބޭނުންވެގެން އުޅޭތީ މަންމަ މިއައީ ގޮވައިގެން." ފައިނާނަށް ބަލާލަމުން ތޫމާ ބުންޏެވެ.
"ތެންކިޔު މަންމާ. މީ އަޅުގަނޑުގެ ބެސްޓްފްރެންޑް... ހުރި ހަމައެކަނި ޢާއިލާ. ޝީ އިޒް ދެޓް ސްޕެޝަލް." އެކުވެރިޔާގެ ތަޢާރަފެއް ފައިނާނު ދިނީ މާޔާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފާލައިގެން ހުރެ އެވެ.
"މަންމައަށް ހީވެއްޖެޔޭ. އެކަމަކު ދެ ކުދީން ވާހަކަދައްކަން ތިބޭހާ ވަގުތެއްނެތް. ހޯލަށް އެންމެން ދާންވީ ވަގުތު ޖެހިއްޖެ. ކައިވެނި ކޮށްދޭ މީހުން ގޮވައިގެން ކާފަ އެބަ ދުރުވޭ. އެހާއިރަށް ކޮންމެހެން ވެސް ތިބެންވާނީ އެތަނުގައި." ތޫމާ ބުންޏެވެ.
"އަޅުގަނޑު ނާނު ގޮވައިގެން ހޯލަށް ދިޔަޔަސް އެންމެ ރަނގަޅުތޯ." މާޔާ އަހާލި އެވެ. އެއާއެކު ތޫމާ ފަރުވާތެރި ބެލުމަކުން މާޔާއަށް ބަލާލި އެވެ. އަދި ލުއި ހިނިތުންވުމަކާއެކު އެންމެ ރަނގަޅުކަމުގައި ބުނެލި އެވެ. ދެ އެކުވެރީން ބައިތިއްބާފައި މޭކަޕްކޮށްދޭން ގެނެސްފައި ހުރި އަންހެން ކުއްޖާއާއެކު ތޫމާ އެ ކޮޓަރިން ނުކުތެވެ.
ކައިވެނި ހަމަޖެހިފައި އޮތީ ހުޅުމާލޭގެ ލަގްޒަރީ ހޮޓެލެއްގެ ތަނަވަސް "ބޯލްރޫމް"ގަ އެވެ. އެހެންވެ ހުރިހާ ތައްޔާރީތަކެއް ވުމަށް ޓަކައި އެތަނުގެ ސުވީޓްތަކުން ތިން ކޮޓަރި ވަނީ ހަމަޖައްސާފަ އެވެ. ފައިނާނު އިނީ އެތަނުން ކޮޓަރިއެއްގަ އެވެ.
"ވޯއޮ! ޔޫ އާ ލުކިން ގޯޖަސް." ފައިނާނަށް ބަލާލާފައި މާޔާ ތަޢުރީފުކޮށްލި އެވެ.
"އައި ނޯ... އަހަންނަށް ވެސް ޤަބޫލެއް ނުކުރެވޭ މީ އަހަރެން ކަމެއް." ސަކަ ހިނިގަނޑެއް ޖަހާލަމުން ފައިނާނު ބުންޏެވެ.
"ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ ދެން ދާނީ ރަނގަޅަށް. ނާނު އުފަލުގައި ހުންނައްޗޭ. އަހަރެންނަށް އެންމެ މުހިންމީ އެކަން... ދެން ބުނަން. ކަމެއް ބޮޑުވެއްޖެއްޔާ ނުބުނެ ނުހުންނާތި. ޒާހިލްއާ ގުޅުން ހުރި ކަމެއްވިޔަސް އަހަރެން ކައިރީ ބުނާތި. އައި ވިލް ޓީޗް ހިމް އަ ލެސަން." މާޔާ ބުންޏެވެ.
"ހޫމް... ބުނާނަން. ވަރަށް މިސްވާނެ." މާޔާގެ ގައިގާ ފައިނާނު ބައްދާލި އެވެ.
"ވަރުގަދަ ފިރިއެއް ލިބެން ތިއުޅެނީ. އެހެންވީމަ އޭނާގެ ކަންތަކުގައި އުޅެނިކޮށް ނުވެސް އެނގި ދުވަސް ހޭދަވެގެން ހިނގައިދާނެ. ދެން މާބޮޑަށް މިސްވަންޏާ ފޯނު އޮންނާނެއެއްނު. އަހަރެން ހުންނާނީ ފޯނުކޯލެއްގެ ދުރުމިނުގައި. މާޔާ ބުންޏެވެ. އެކުވެރިޔާއާ ދުރަށް ޖެހިލަމުން ފައިނާނު ހީނލި އެވެ.
"ޞާދިގު ނެތްކަން ނަސީބެއްނު." މާޔާ ބުނެލި އެވެ.
"އާން. ބައްޕަގެ ގޮތް ކިޔާދިނިން ޒާހިލްގެ މަންމައަށް. ހަމަ ވަރަށް ބޮޑު ނަސީބެއް މިކަންވުމުގެ ކުރީން އޭނާ ޖަލަށް ގެންދިޔަކަން." ފައިނާނު ބުންޏެވެ.
ދޮރުގައި ޓަކި ޖަހާލާފައި ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ބޯ ދިއްކޮށްލީ ސައިފުލް އެވެ. އޭނާ އަދަބުވެރިކަމާއެކު ފައިނާނަށް ގޮވާލި އެވެ. ޙަފުލާ އޮތް މާލަމަށް ދާންވެއްޖެކަން ސައިފުލް ހަނދާންކޮށްލަ ދިނީ އެވެ. އަދި މެހެމާނުން ޖަމާވުމުގެ ކުރީން އެތަނުގައި ފައިނާނު ހުންނަންވާނޭކަން ވެސް ސައިފުލް ބުނެދިނެވެ. ދެ އަންހެންކުދީން އެކުގައި ކޮޓަރިން ނުކުމެ ހިނގައިގަތީ ޙަފުލާ ރޭވިފައި އޮތް މާލަމަށް ދިއުމަށެވެ.
ކައިވެނި ކުރެވި އެންމެން އަލަތު ދެމަފިރިންނަށް ތަހުނިޔާ ކިޔަމުންދިޔަ އެވެ. ހޯލުތެރެ ތައްޔާރު ކޮށްފައިވަނީ މެދުން ހިނގާނޭ މަގެއް ބާއްވާފައި ދެ ފަރާތުގައި މޭޒުތައް ޖަހާފަ އެވެ. މުޅިތަނުން ފެންނަނީ ޗޮކުލެޓާއި ބޭޖްއާއި ކްރީމްގެ ކުލަތަކެވެ. މޭޒުތަކުން ފެންނަނީ ރަންކުލައިގެ ފިނިފެންމާތަކެވެ. ރޭގަނޑު ބޭއްވޭ ޙަފުލާއަކަށްވާތީ ބުފޭ ތައްޔާރު ކުރެވިފައި އޮތީ ރޭގަނޑުގެ ކެއުމަށް ކަމުދާނޭ ބާވަތްތަކުގެ މައްޗަށެވެ. ތަށިތަކަށް ކާއެއްޗެހި އަޅައިގެން އަންނަ މީހުންނާއިގެން މޭޒުތައް ފުރެމުންދިޔަ އެވެ. މާޔާ ވެސް ހިނގައިގަތީ މޭޒެއްގެ ދޮށުގައި އިށީންނަން ގަސްދުކޮށްގެންނެވެ. ނަމަވެސް އެނބުރިލި ވަގުތު އޭނާ އަޅައިގަތީ މީހެއްގެ ގައިގަ އެވެ.
"ސޮރީ." މަޢާފަށް އެދެން މާޔާ އަވަސްވެލި އެވެ.
ކައިރީ ހުރީ ކާކުކަން ފެނުމުން މާޔާ ބަސްހުއްޓުނެވެ. މަޑު އާހެއް ފަދައިން މާޔާގެ އަނގައިން ނުކުތީ "ދޮންތަ" އެ ލަފުޒެވެ. އެހިނދު މާޔާއާ އަމާޒުވެލީ އަލިފާންފަދަ ހޫނުކަމާއި ނުރުހުންތެރިކަން އެކުލެވިގެންވީ ދެ ލޮލެވެ.
"މިޔާ... މިޔާ ދޯ ތީ. ކަލޭ އަދިވެސް ދުނިޔޭގައި އެބައުޅޭންތަ؟." ޖާހިދާގެ ރުންކުރު އަޑު އިވިގެންދިޔަ އެވެ. ހަމައެވަގުތު ޖާހިދާގެ ކައިރިޔަށް އައިސް މަޑުކޮށްލިތަން ފެނުނީ އޭނާގެ އަންހެން ދަރިފުޅު އަޖުލާ އެވެ. އޭނާ މާޔާއަށް ބަލާލީ މަލާމާތުގެ ހިނިތުންވުމަކާއެކު އެވެ.
"މީނާއަށް މިކަހަލަ ތަނަކަށް އަންނަން ދަޢުވަތު ދިނީ ކާކު؟." އަޖުލާގެ އަޑުގައި ވެސް ވީ މާޔާ ނިކަމެތިކޮށްލުމެވެ.
"އޮޅުނީހެން ހީވަނީ. އަޅުގަނޑަށް ކިޔަނީ މިޔާއެއްނޫން." މާޔާ ބުންޏެވެ. އަދި އެމީހުންގެ ކުރިމަތިން ދުރަށްދާން އޭނާ އުޅުނެވެ. ނަމަވެސް އެހިނދު އޭނާގެ ވައަތު ކުޑަހުޅާ ހިސާބުގައި އަޖުލާ ހިފައި ހުއްޓުވައިފި އެވެ.
އެތައް އަހަރުތަކަކަށްފަހު ބޮޑުދައިތަ ފެނުމުން މާޔާ އުފާވި އެވެ. ނަމަވެސް އެ އުފާވެރިކަން ފަޅި ސުކުންތެއްގެ ތެރޭ ގެއްލިގެންދިޔައީ ބޮޑުދައިތަ އޭނާއާ މެދު ކަންތައް ކުރި ނިކަމެތި ގޮތް ހިތަށް އަރާފަ އެވެ. އެއީ ދުވަހަކުވެސް ހިތުން ފިލުވާލަން ފަސޭހަވާނެ ހަނދާންތަކެއް ނޫނެވެ. އޭނާއަށް ޖެހުނު ނިކަމެތި ހާލުގެ އަސްލަކީ އެމީހުންނެވެ. އަބަދުގެ އަބަދަށް މާޔާއާ އޮތް ޢާއިލީ ގުޅުން ކަނޑާލުމަށްފަހު ގެއިން ވެސް އެމީހުން އޭނާ ނެރެލީ އެވެ. ވީއިރު މިއަދު މާޔާގެ ޢާއިލާ މީހަކު ހުރި ކަމަކަށް އޭނާ ވެސް ޤަބޫލެއް ނުކުރެ އެވެ. އެހާ ރަޙުމްކުޑަ ބަޔަކާ ގުޅުމެއް އުފައްދާކަށް ވެސް އޭނާ ބޭނުމެއްނުވެ އެވެ.
"އަހަރުންނަކަށްނޫން އޮޅުނީ. މީނަ ހުންނަ ގޮތް ބަދަލުކޮށްލީމާ އަހަރެމެންނަށް މީނަ އޮޅޭނެކަމަށް ހީކުރީ... ކާކާ އެއްކޮށް މިތަނަށް ވަދެގަނެގެން ތިއުޅެނީ. މީ ކަލޭގެ ފެންވަރެއްނޫން. އެނގޭތަ މީ ކޮންބައެއްގެ ޕާޓީއެއްކަން. ތިކަހަލަ ސުންޕާ މީހަކު މި ޕާޓީއަށް އައުމަކީ ވެސް އެސްފީނާއެއް." ޖާހިދާ ދަތްކުނޑިވިކައިގަނެގެން ހުރެ ވާހަކަދެއްކި އެވެ.
"އަޅާނުލާ މަންމާ. އެވާނީ ކޮންމެވެސް ފިރިހެނެއްގެ ފަހަތުން އަޅައިގަނެގެން އައީ ކަމަށް." ޒާތަކަށް ހިނިއައިސްފައި ހުރެ އަޖުލާ ބުނެލި އެވެ.
"އަތުން ދޫކޮށްލަންވީނު ދޯ. ބުނެފީމެންނު އަހަރެންނަށް ކިޔަނީ މިޔާއެއް ނޫނޭ." މާޔާ ވެސް މިފަހަރު ވާހަކަދެއްކީ ނުރުހުންތެރިކަމާއެކީ އެވެ.
"މަންމާ... ބަލާބަލަ މަންމާ. އެހެރި އަންނަނީ އަހަރެން ބުނި މީހާ." ކުއްލިއަކަށް އަޖުލާގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރުނެވެ. ޖާހިދާއެކޭ އެއްފަދައިން މާޔާއަށް ވެސް ބަލާލެވުނީ އަޖުލާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށެވެ.
"އަޑު އެހީން ނޫމާންމެންނާ ކޮންމެވެސް ކަހަލަ ޢާއިލީ ގުޅުމެއް އޭނާއާ އޮވެޔޭ. އޭނާއާ..." އަޖުލާގެ ވާހަކަ ނުނިމެނީސް ކުއްލިއަކަށް މާޔާ އަތްދަމައިގެންފި އެވެ. އޭނާގެ އަތުން ދޫކޮށްނުލެވިކަން މި ހުރިހާއިރު ހުރީ އަޖުލާއަށް ރެއަކާލީ ދެނެވެ. ވަގުތުން އަޖުލާ ފޫހިކަމާއެކު ތުންއަނބުރާލި އެވެ.
"އިޒީކިއަލް އެއީ. ޔޫ އާ ނޮޓް ހިޒް ޓައިޕް." މާޔާ ބުނެލި އެވެ. އަދި އޭނާގެ ނަޒަރު ދަތުރުކޮށްލީ ޙަފުލާއަށް ވަދެގެން އަންނަ އިޒީކިއަލްއާއި އޭނާގެ ގާތުގައި ހުރި އަންހެންކުއްޖާއަށެވެ. މާޔާގެ ހިތަށް ތޫނު ކައްޓެއް ހެރުނު ފަދަ އެވެ. އެތަނުން ދާން އިހުނަށްވުރެ ވެސް ބޮޑަށް މާޔާ ބޭނުންވި އެވެ. އެވަގުތު އަޖުލާއަށް ހީވީ އޭނާގެ މޫނުމަތީގައި މިޔާ ޖަހާފައި ދާން އުޅުނީ ހެންނެވެ. މީހާ ރުޅިގަދަވެގެން ފުފުނެވެ. ދާންވެގެން އެނބުރިލީ މިޔާގެ ގައިގާ ޖެހިގަންނަމުން އެ ދިމާއަށް އައި ވެއިޓަރާ ދިމާއަށް ކޮށްޕާލި އެވެ. އެހިނދު ވެއިޓަރާ މުޑިއަރައި އޭނާގެ އަތުގައި އޮތް ތަބަށް އަރި އަޅައިލި އެވެ. މާޔާ ވެއްޓުނީ މެދުގައި ހިނގަން ހަދާފައި އޮތް މަގަށެވެ. މޭޒުތަކުގައި މީހުން ކައި ނިންމާފައި ހުރި ތަށިތައް ނަގަމުންދިޔަ ވެއިޓަރުގެ ތަބަކުން ހުރިހާ ތަށްޓެއް އަރިއަޅައިލީ މާޔާއާ ދިމާއަށެވެ. ވެއިޓަރުގެ ހުސިޔާރު ކަމުން މާޔާގެ ގައިގާ ތަށްޓަކުން ޖެހުނަ ނުދިނެވެ. އެހެންނަމަވެސް އޭނާގެ ހެދުން މުޅީން ހަރާބުވީ އެވެ. މާޔާ އިސްއުފުލާލިއިރު ކައިރީގައި މަޑުކޮށްލައިގެން އިޒީކިއަލް ހުއްޓާ ފެނުނެވެ. ހަމައެއާއެކު އެތައް ބައެއްގެ ސަމާލުކަން މާޔާއަށް އަމާޒުވެފައިވި އެވެ.
(ނުނިމޭ)