ދުނިޔެ

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ޖުލައި 4 ގައި

އިނގިރޭސިވިލާތުގައި އާންމު އިންތިހާބު ބޭއްވުމަށް ބޮޑުވަޒީރު ރިޝީ ސުނަކް ތާރީހް ކަނޑައަޅުއްވައި، އެ ދުވަހަކީ ޖުލައި ހަތަރެއް ކަމަށް އިއުލާންކުރައްވައިފި އެވެ.

ރިޝީ ސުނަކް ވިދާޅުވި ގޮތުގައި އާންމު އިންތިހާބަށް ތާރީހެއް ކަނޑައެޅުއްވުމަށްޓަކައި، އިނގިރޭސި ރަސްގެފާން ޗާލްސްއާ މަޝްވަރާކުރެއްވި އެވެ. އަދި އިންތިހާބު ބޭއްވޭނީ ރަސްގެފާން ދެއްވި ލަފާފުޅާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ރިޝީ ވިދާޅުވީ އާންމު އިންތހާބުގެ ކުރިން ކެބިނެޓް އިސްތިއުފާ ދިނުމާއި ސަރުކާރު އުވާލުމާ ބެހޭ ގޮތުން ވެސް ރަސްގެފާންގެ ލަފާ ހޯއްދެވި ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ އިނގިރޭސިވިލާތް އާންމު އިންތިހާބަކަށް މިސްރާބު މި ޖެހީ ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. ފިނި ހަނގުރާމައަށްފަހު މިއަށް ވުރެ ނުރައްކާތެރި ދުވަސްތަކެއް ދުނިޔެ ނުދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

ރިޝީ ވިދާޅުވީ ޖުލައި 4، ބުރާސްފަތި ދުވަހަކީ އޭނާގެ ކެބިނެޓަށްވެސް އެންމެ ރަނގަޅު ދުވަސް ކަމަށެވެ. އާންމު އިންތިހާބާ ބެހޭ ހުރިހާ ކަމެއް -- ކެބިނެޓް އުވާލުމުގެ ކުރިން މަޝްވަރާކޮށް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އާންމު އިންތިހާބަށް ތާރީހް ކަނޑައެޅުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށްވެސް -- ދުވަސްވަރުގެ ގޮތުން ދަތިނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރިޝީ ސުނަކް ވިދާޅުވި އެވެ.