މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލުން ފައިސާ ހަރަދުކުރީ ރަނގަޅަށް: އޮޑިޓް

ދެހާސް ސާދަވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން މާލީ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މާލީ މުއާމަލާތްތައް ހިންގުމާ ބެހޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއް ގޮތަށް ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ބުނީ، 2014 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އެ ކައުންސިލަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ. އަދި އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންކަން، ބަޖެޓުގައި ކަނޑައެޅި މިންވަރަށް ހާސިލު ވެސް ވެފައިވެފައިވާ ކަމަށެވެ.

".. މައިގަނޑު ގޮތެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލު 31 ޑިސެމްބަަރު 2014 ނިމުނު އިރު މާލީ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ކައުންސިލަށް ފާސްކޮށްދެއްވި ބަޖެޓުގައި ހާސިލުވާ މިންވަރަށް، އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތައް، ބަޖެޓުގައި ކަނޑައެޅިފައި ވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށެވެ،" މީޑިއާ ކައުންސިލުން 2014 ވަނަ އަހަރުގެ އެންމެހާ ހަރަދުތަކުގެ ތަފްސީލުވެސް ހިމަނާފައިވާ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މާލިއްޔަތުގެ ގާނޫނުތަކާއި އެއްގޮތަށް ކުރާ ހަރަދު ތަކުގެ ތަފްސީލާއި ލިޔެކިޔުންތައް ނުބެލެހެއްޓުމުގެ މައްސަލަޔަކީ ގިނަ އޮޑިޓްތަކުން ފާހަގަވާ ވަރަށް އާންމު މައްސަލައެކެވެ. ނަމަވެސް މީޑިއާ ކައުންސިލުން އެފަދަ މައްސަލައެއް ވެސް ފާހަގަ ނުވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.