ދުނިޔެ

އިޒުރޭލުން ރަފާހްއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން އަންގައިފި

އިޒުރޭލުން ރަފާހްއަށް ދެމުންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އަންގައިފި އެވެ.

އައިސީޖޭއަށް މި މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިން މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި 15 ފަނޑިޔާރުން ހިމެނޭ ޕެނަލަކުން 13 ފަނޑިޔާރަކު ވަނީ އިޒުރޭލުގެ ހަމަލާތައް ހައްދުން ނައްޓާފައި އޮތް ކަމަށް ވިދާޅުވެ، ހަމަލާތައް މިހާރުން މިހާރާށް ހުއްޓާަލަން އަންގާފަ އެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މުޅި ސިޓީގެ އުމްރަނީ ތަރައްގީ ވަނީ ނެތި ފަނާކޮށްލާފައި ކަމަަށް، އައިސީޖޭގެ ރައީސް ނަވާފް ސަލާމް ހުކުމް އިއްވަމުން ވިދާޅުވި އެވެ. އަދި ރަފާހް އަރައިގަނެ ހަމަލާތައް ފުޅާކުރަމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި އޮތް ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުން ހަމަލާތައް ހުއްޓާނުލައިފިނަމަ ދޮޅު މިލިއަން އާބާދީއެއް އޮތް ރަފާހް ނެތިގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުގެ ފަނާކުރަނިވި ހަމަލާތަކާ ހެދި ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ވެއްދުން ބަންދުވެފައި އޮތް ކަމަށްވެސް ވިދާޅުވި އެވ.

މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އިޒުރޭލަށް ކުރިން -- މާރިޗު 28 ގައި އަމުރުކުރެވިފައި ވާނެ ކަމަށްވެސް ރައީސް ނަވާފް ވިދާޅުވި އެވެ.

ޣައްޒާގެ އާންމު ހާލަތު އޮތް ގޮތާ ބެހޭ ގޮތުން އިޒުރޭލަށް ލާޒިމުކުރި އެއްވެސް މައުލޫމާތެއް އައިސީޖޭއަށް ފޯރުކޮށްދިފައި ނުވާ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.