ކްރިމިނަލް ކޯޓް

ނޭޕާލް މީހާ ރަހީނުކުރި މީހެއްގެ ބަންދަށް 10 ދުވަސް

މާލޭގޭ މާފަންނު ގެސްޓްހައުސްއެއްގައި މީހަކު ރަހީނުކުރުމުގެ ކުށުގައި ހައްޔަރުކުރި އެކަކު 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުމުގެ ކުށުގައި ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ދެ ފިރިހެނެކެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން އެކަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށްފަހު ދެވަނަ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ނޭޕާލް މީހާ ރަހީނުކޮށްފައި ހުރީ މާފަންނަ ވީބީ މާޓާ އިންވެގެން އޮންނަ ގޯޅީގައި ހިންގާ "ސްކައި ލޭންޑް" ގައެވެ.

ނޭޕާލް މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ނޭޕާލް މީހާ ރަހީނުކުރި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ.