އުނގޫފާރު

ކަރަންޓުގައި ޖެހުނު ކުދިން ސަލާމަތްކުރި ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް

ރ. އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް ކަރަންޓް ދަތުރުކޮށް އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި ކަރަންޓުގައި ޖެހުނު ދެ ކުދިން ސަލާމަތް ކުރަން އުޅުނު ކުއްޖާއަށް އެ މަންޒަރު ފެނިގެން އަނބުރާ ގަނެގެން ވެއްޓުނީ އެވެ. އެ ކުއްޖާ ކަރަންޓުގައި ޖެހުނު ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލަރު މުހައްމަދު މުހައްމަދު މުނީޒު ވިދާޅުވީ ކަރަންޓުގެ ހާދިސާގައި ހާލު ސީރިއަސްވީ ދެ ކުދިން ސަލާމަތް ކުރަން ދިޔަ ކުއްޖާ ކަމަށެވެ.

އުމުރުން 18 އަހަރުގެ މި ކުއްޖާ އަކީ އޯޓިސްޓިކް ކުއްޖެކެވެ. މި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މުނީޒު އިތުރަށް ވިދާޅުވީ ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.