ޝަރުއީ ދާއިރާ

ޖޭއެސްސީން ގާނޫނާ ހިލާފުވުމުން 10 ވަރަކަށް މިލިއަން ރުފިޔާގެ ގެއްލުން

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުން 10 މީހަކަށް އަލުން އަނބުރާ ވަޒީފާ ހަމަަޖއްސައިދީ، ތިން އަހަރެއްހާ ދުވަހުގެ މުސާރަ ދޭން ޖެހިއްޖެ އެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައިކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.

މީގެތެރެއިން ބައެއް މީހުންގެ މުސާރައާއި އިނާޔަތްތަކަށް މަހަކު 24،000 ރުފިޔާ ވަރު ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި މި 10 މީހުންގެ ތެރެއިން އެންމެ މުސާރަ ކުޑަ މީހާއަށްވެސް މަހަކު، ގާތްގަނޑަކަށް 16،000 ރުފިޔާ ވަރު ލިބޭނެ އެވެ. މި އެންމެންނަށް ސުޕްރީމް ކޯޓުގެ ހުކުމާއެކު، ގާތްގަނޑަކަށް ފަސް އަހަރުގެ މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނެ އެވެ.

މި މީހުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅީ 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭރު ޓްރައިބިއުނަލްގެ ނިންމުމާ އެއްގޮތަށް މި އެންމެނަށް ވަޒީފާ ދިންނަމަ ދައުލަތަށް މާބޮޑު މާލީ ބުރައެއް އުފުލާކަށް ނުޖެހުނީހެވެ. އެހެންނަމަވެސް ޖޭއެސްސީން އޭރު ނިންމީ މައްސަލައް އިސްތިއުނާފް ކުރާށެވެ.

އެޑްމިނިސްޓްރޭޓަރުން މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިއަދު އެވެ. އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުން އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އެ މީހުން ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ނިންމުން ޖޭއެސްސީއަށް ކަމު ނުގޮސްގެން ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުންވެސް ޖޭއެސްސީއާ ދެކޮޅަށް ނިންމުމުން، ޖޭއެސްސީން އެވަރުންވެސް ހިތްހަމަ ނުޖެހިގެން ދެން ދިޔައީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން މިއަދު އެ މައްސަލައިގައި ނިންމީ އަނެއްކާވެސް ޖޭއެސްސީއާ ދެކޮޅަށެވެ. ތިން މަރުހަލާގެ އިސްތިއުނާފު މިއަދު ނިމުނުއިރު މި އެންމެންގެ މުސާރައާއި އިނާޔަތްތަކަށް 10 ވަރަކަށް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށެވެ. އަދި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރި އެވެ.

މި މައްސަލައިގައި ޖޭއެސްސީގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ނިންމިއިރު ޖޭއެސްސީގެ ރައީސްއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ. އެ މަޖިލީހުގެ ދައުރު ހަމަވި ނަމަވެސް 20 ވަނަ މަޖިލީހުން އަދި ޖޭއެސްސީއަށް މެންބަރަކު އައްޔަންކުރައްވާފައި ނުވާތީ އެ މަރުހަލާ ނިމެންދެން ޖޭއެސްސީގައި ހިސާން ހުންނަވާނެ އެވެ.