ހަބަރު

ހުޅުމާލެ "ސެންޓްރޯ މޯލް" ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވަނީ

  • ސެންޓްރޯ މިނީ މޯލް އަކީ ތިން ބުރީގެ އިމާރާތެއް
  • މޯލްގެ ޔުނިޓްތައް ވަނީ އެކިއެކި ފަރާތްތަކަށް ދީފަ
  • މޯލްގައި ހަތާވީހަކަށް ޔުނިޓް ހިމެނޭ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގައި އަލަށް އިމާރާތްކުރި "ސެންޓްރޯ" މިނީ މޯލް، ތިއޭޓަރަކާއި ގިނަ އަދަދެއްގެ ފިހާރަތަކާއެކު ޖޫން މަސް ހިސާބުގައި ހުޅުވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ސެންޓްރޯ މިނީ މޯލް އަކީ ތިން ބުރީގެ އިމާރާތެކެވެ. އެތާނގައި ސުޕަމާކެޓަކާއި ފާމަސީއަކާއި ބުކްޝޮޕަކާއި ޕޭސްޓްރީ އަދި ކެފޭ އެއް ހިމެނޭ ޔުނިޓެއް ހިމެނެ އެވެ. އަދި ހެދުން ވިއްކާ ފިހާރަތަކަށް ހަތް ޔުނިޓާއި ފޮއްޗާއި ކަރަންޓު ސާމާނުގެ ވިޔަފާރި ކުރުމަށާއި ބޯކޮށާ ތަންތަނަށް ވެސް ވަކި ޔުނިޓްތަކެއް ކަނޑައަޅާފައިވެ އެވެ.

ކްލިނިކެއް ވެސް ހިމެނޭ ގޮތަށް ހުޅުވާ ސެންޓްރޯ މޯލްއާ ބެހޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައިމަން ވިދާޅުވީ، މިނީ މޯލްގެ ޔުނިޓްތައް މިހާރު އެކި ފަރާތްތަކަށް ދީ ނިމިފައިވާތީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެފަރާތްތަކުން އެ ފިހާރަތައް ތައްޔާރުކޮށް ނިންމާނެ ކަމަށެވެ. ފިހާރަތައް ތައްޔާރުވެ ނިމުނުހާ އަވަހަށް ހިދުމަތްދޭން ފަށާނެ ކަމަށެވެ.

"މިނީ މޯލްގެ ޔުނިޓްތައް މިހާރު މިވަނީ އެކި ފަރާތްތަކަށް ދީފަ. އެ ފަރާތްތަކުން ދެން ކުރިއަށް ގެންދާނީ އެ ޔުނިޓްތައް ތައްޔާރުކުރުމުގެ މަސައްކަތް. އަޅުގަނޑުމެން މި ބަލަނީ ކުރިއަށް މިއޮތް ތިން ވަރަކަށް މަހުގެ ތެރޭގައި މޯލްގެ ހިދުމަތް ހުޅުވޭނެކަމަށް،" ސައިމަން ވިދާޅުވި އެވެ.

ސަންޓްރޯ މިނީ މޯލްގައި ހަތާވީހަކަށް ޔުނިޓް ހިމެނޭއިރު އެ ހުރިހާ ތަނެއް ވަނީ ވިޔަފާރިކުރާ އެކި ފަރާތްތަކަށް ކުއްޔަށް ދީފައެވެ. އެއީ ފިހާރަ ހިންގުމަށް 21 ޔުނިޓާއި ކިއޮސްކް ގޮތަށް ހިދުމަތްދޭނެ 12 ޔުނިޓެވެ. ތަންތަން ކުއްޔަށް ދީފައިވަނީ، އެތަންތަން ކުއްޔަށް ދޭން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށް ފަހު ކަމަށް އެޗްޑީސީން ބުންޏެވެ.

ތިން ބުރީގެ އެ މޯލްގެ ގްރައުންޑް ފްލޯގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި މޮރިޝަސް ކޮމާޝަލް ބޭންކުގެ ދެ ޔުނިޓެއްވެސް ހިމެނެ އެވެ. އެ މޯލްގެ ސުޕަމާޓް ޔުނިޓްގެ ބީލަން ކާމިޔާބުކުރީ މަޝްހޫރު ފެންޓަސީ ސްޓޯރުންނެވެ. އަދި ޕޭސްޓްރީ ޔުނިޓް ސިޓީ ބޭކަރީ އިންނެވެ.