މޯލްޑިވްސް ޕޮލިސް ސާވިސް

ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑާކުރުމުގެ ކުށްތަކާ ގުޅިގެން ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެ އެވެ.

ފުލުހުން މިއަދު އެ ތަނަށް ވަނީ ކޯޓު އަމުރެއް ހޯދައިގެންނެވެ. ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީހަކީ ޓެކްނިކަލް އަދި އިދާރީ ބައެއް މަސައްކަތްތައް ކުރާ ތަނެކެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމުގެ އަމުރަށް ފުލުހުން، އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެގޮތުން އޮކްޓޫބަރު 22 ވަނަ ދުވަހު ފުލުހުން ވަނީ އެފްއޭއެމްގެ އިދާރާއަށް ވަދެ ފުލުހުން ބޭނުންވާ ބައެއް ތަކެތި އެތަނުން ގެންގޮސްފަ އެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑާކުރުމުގެ ކުށްތަކާއި ގުޅިގެން އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާވެސްކޮށްފަ އެވެ. ބައްސާމަށް ކުރަނީ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ކުރިން ބުނި ގޮތުގައި ބައްސާމް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ އެފްއޭއެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން އެފްއޭއެމްއަށް ދެމުން ގެންދިޔަ ފައިސާއަށް ވަނީ ހިޔާނާތްތެރިވެފަ އެވެ.

ބައްސާމުގެ މައްޗަށް ހިޔާނާތުގެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެނަމަ އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.