އެސްޓީއޯ

އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމާއި ގުޅިގެން އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން އަގަށް ގެނައި މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ވާނެ އެވެ.

މި ބަދަލާއެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަންތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 13.92ރ. އަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށެވެ.

މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލުކުރަމުން ދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފަ އެވެ.