ވާހަކަ

މިލްކުވާނެބާ

( 23 މެއި 2024 އާ ގުޅޭ )

މޭޒުތަކުގައި މީހުން ކައި ނިންމާފައި ހުރި ތަށިތައް ނަގަމުންދިޔަ ވެއިޓަރުގެ ތަބަކުން ހުރިހާ ތަށްޓެއް އަރިއަޅައިލީ މާޔާއާ ދިމާއަށެވެ. ވެއިޓަރުގެ ހުސިޔާރު ކަމުން މާޔާގެ ގައިގާ ތަށްޓަކުން ޖެހުނަ ނުދިނެވެ. އެހެންނަމަވެސް އޭނާގެ ހެދުން މުޅީން ހަރާބުވީ އެވެ. މާޔާ އިސްއުފުލާލިއިރު ކައިރީގައި މަޑުކޮށްލައިގެން އިޒީކިއަލް ހުއްޓާ ފެނުނެވެ. ހަމައެއާއެކު އެތައް ބައެއްގެ ސަމާލުކަން މާޔާއަށް އަމާޒުވެފައިވި އެވެ.

"އިޒީ..." އިޒީކިއަލްގެ ގާތުގައި ހުރި އަންހެންކުއްޖާ އޭނާގެ ނަމުން ގޮވާލަން އުޅުނެވެ. އެއާއެކު އޭނާ ކުރިޔަށް ހިނގައިގަތީ އެވެ.

މީހުންތަކުގެ ތެރެއިން ޒުވާނަކު މާޔާއަށް އެހީވާން ކައިރިވެލި އެވެ. އޭރު ވެއިޓަރު ވެސް މާޔާއަށް އެހީވާން މަސައްކަތް ކުރަނީ އެވެ. ތަށިތައް ވެރުނު އަޑުފަށްގަނޑުން އެތައް ބައެއްގެ ސަމާލުކަން އެ ދިމާއަށް ހުއްޓިފައިވި އެވެ. ކޮންމެ މީހަކު ވެސް ވާނުވާ ބަލަން އަވަސްވެގަތެވެ. މީހުންތައް އެއްނުވަނީސް މާޔާ ހަލުވި ފިޔަވަޅުގައި ހިނގައިގަތީ ފާޚާނާ ހުރި ދިމާއަށެވެ. އޭނާގެ ހެދުން ވަނީ ހަޑިވެފަ އެވެ. އެއަށްވުރެ ބޮޑަށް މީހުންގެ ލޯތަކުން އެއްފަރާތްވާން އޭނާ ހުރީ ބޭނުންވެފަ އެވެ.

ފާޚާނާއަށް ވަދެ ދެ އަތްތިލަ ދޮވެލައި ހެދުމުގައި ހަޑިވެފައި ހުރި ތަންތަނުގައި ފެންފޮދެއް ލާން މާޔާ އުޅުނެވެ. އެހެންނަމަވެސް ފެންފޮދަކުން ސާފުވާ ގޮތެއް ނުވި އެވެ. ބޭކާރު މަސައްކަތެއްކަން ވިސްނި އޭނާ އެކަން ހުއްޓާލީ އެވެ. ފާޚާނާއިން ނުކުތުމުގެ ބަދަލުގައި އޭނާ މަޑުކޮށްލި އެވެ. ހަޤީޤަތުގައި އޭނާގެ ސިކުނޑީގައިވީ އިޒީކިއަލްގެ ޚިޔާލެވެ. ކުރިމަތީގައި އޭނާ ވެއްޓިފައި އޮއްވާ ފެނުމުން ވެސް އިޒީކިއަލް އަޅާނުލީތީ އެކަމާ ހިތުގައި ޝަކުވާވި އެވެ. ނުދަންނަ މީހުން މާޔާއަށް އެހީވީއިރު އިޒީކިއަލްއަށް އެވަރު ވެސް ނުވި އެވެ.

"ކައިރީގައި އަންހެންކުއްޖަކު ހުރީމަތަ އަހަރެން ނުފެންނަ ކަމަށް ހެދީ... އަހަންނަށް އެހީނުވީ." މާޔާ ވިސްނި ވަރަކަށް އޭނާގެ ދެ ލޯ ފެންކަޅިވާން ފެށި އެވެ. މާޔާގެ އިޙްސާސްތަކަށް ކުޑަކޮށް ވެސް އިޒީކިއަލް ޤަދަރެއް ނުކުރާތީ އެކަމާ އޭނާ ސުވާލު އުފެދެ އެވެ. އެފަދައިން އޭނާ ކަންތައް ކުރަނީ ކީއްވެކަމެއް މާޔާއަށް ނޭނގޭތީ އެވެ. އިޒީކިއަލްގެ މަޤްޞަދަކީ މާޔާގެ ހިތުގައި ޖެއްސުން ކަހަލަ އެވެ.

"މިޔާ." ފާޚާނާގެ ދޮރުގައި ޓަކި ޖަހާލި އަޑާއެކު އިވުނީ ފައިނާނު ގޮވާލި އަޑެވެ.

މާޔާ އަވަސްއަވަހަށް ޚިޔާލުތައް އެއްފަރާތްކޮށްލި އެވެ. އަދި ޓިޝޫ އިން ލޯ ކައިރި ފުހެލައި ލޯގަނޑުން ސޫރަ ބަލާލި އެވެ. މީހާ ހަމަޖެހިލުމާއެކު ފާޚާނާގެ ދޮރު މާޔާ ހުޅުވާލި އެވެ. އޭނާއާ ބައްދަލުކުރީ ކަންބޮޑުވެފައިވާ ފައިނާނެވެ.

"އާ ޔޫ އޯކޭ. ތަނަކަށް ތަދުވިތަ؟. ދެންމެ އަހަރެންނަށް އެނގުނީ." މާޔާއަށް ނަޒަރު ހިންގާލަމުން ފައިނާނު ބުންޏެވެ.

"ނަސީބަކުން އަނިޔާއެއްނުވޭ. ސޮރީ ނާނު. އަހަރެންނަށް ޕާޓީ ނިމެންދެން މަޑުކުރެވޭކަށްނެތް. މިގޮތަށް ހުރެގެން މަޑެއް ނުކުރެވޭނެ އެއްނު. އެހެންވެ ގެއަށްދާން މިއުޅެނީ." މާޔާ ގަސްދުކޮށްފައިވާ ގޮތް ހާމަކުރި އެވެ. އޭނާ މަޑުކުރާން ބޭނުންނުވާ އެތައް ސަބަބެއް ހުއްޓެވެ. އެކަމަކު ފައިނާނުގެ އުފާވެރި ރޭ ހަރާބުކޮށްލަން ބޭނުންނުވީ އެވެ.

"މިޔާ ގެޔަށްލާން ސައިފުލް ފޮނުވަންތަ؟" ފައިނާނު އަހާލި އެވެ.

"ނޫން. ޓެކްސީއެއްގައި ދާނީ. ފަހުން ނާނުއަށް ގުޅާނަން." މާޔާ ބުންޏެވެ.

އިތުރަށް އެ މީހުންނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެތަނަށް ޒާހިލްގެ މަންމަ އަތުވެއްޖެ އެވެ. ފައިނާނު ހޯދަމުންނެވެ. މެހެމާނުންނާ ބައްދަލުކުރާން ޒާހިލްއާއެކު ފައިނާނު ހުރުން މުހިންމުވީމަ އެވެ. އެހެންވެ މާޔާގެ ހާލު އިތުރަށް އޮޅުންފިލުވަން ބޭނުންވީ ނަމަވެސް ފައިނާނަށް އެ ފުރުޞަތެއް ނުލިބުނެވެ. ދެ އެކުވެރީންގެ މެދުގައި ބަދަލުކޮށްލެވުނީ ހިމޭން ހިނިތުންވުމެކެވެ. ޒާހިލްގެ މަންމައާއެކު ފައިނާނަށް ދާން މަޖުބޫރުވީ އިރު މާޔާ ހިނގައިގަތީ އެ ޙަފުލާއިން ނުކުންނާށެވެ.

* * * * *

އަލަތު ދެމަފިރިންނަށްޓަކައި ގޭތެރެ އޮތީ ޒީނަތްތެރިކޮށްފަ އެވެ. ޚާއްޞަކޮށް އޭގެ ދެމަފިރިން ދިރިއުޅޭން ޚާއްޞަކޮށްފައިވާ ފަންގިފިލާ އެވެ. އެޕާޓްމަންޓަށް ވަދެގެން އައި ގޮތަށް ޒާހިލް ވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ފައިނާނު އައިސް ވަނެވެ. ލައިގެން ހުރި ކޯޓު ޒާހީލް ބޭލި ގޮތަށް ވައްޓާލީ ހުރި ދިމާ ތަޅުން މައްޗަށެވެ. ބެލްޓު ނައްޓާލައި ގަމީހުގެ ގޮށްތައް ނައްޓަން ފެށި އެވެ. އެވެސް ބާލައި އެނދުމައްޗަށް އެއްލާލާފައި ޒާހިލް ގޮސް ވަނީ ފާޚާނާ އަށެވެ. އެމަންޒަރު ބަލަން ހުރި ފައިނާނަށް ތުންފިއްތާލެވުނެވެ. ދެން އޭނާ އައިސް ތަޅުންމަތިން ކޯޓު ނެގި އެވެ. އެއްފަރާތު ބިތުގައި ހުރި ބޮޑު އަލަމާރި ހުޅުވާލައި ކޮނޑެއް ނަގައި ކޯޓު އޭގައި އަޅުވާލަމުން ގެނެސް އެނދުގެ ފައިލާ ކޮޅުގައި ރީތިކޮށް ބާއްވާލި އެވެ. އަދި އެނދުމަތީ އޮތް ގަމީސް ނަގައި ހެދުން އަޅުވަން ހުރި ދަނޑީގައި އަޅުވާލި އެވެ. ފައިނާނު އައިސް އެނދުގެ އެއްފަރާތުގައި އިށީނީ ޒާހިލްއާ މެދު ވިސްނަމުންނެވެ. ރޭގެ ބާކީބައި ހޭދަވެގެންދާނޭ ގޮތަކާމެދު ފައިނާނަށް ވިސްނޭއިރު މުޅި ދިރިއުޅުން ޒާހިލްއާއެކު ހޭދަކުރާނޭ ގޮތަކާމެދު އޭނާ ވެސް ސުވާލު އުފެދެ އެވެ. ދިރިއުޅުމަށް އެއްބާރުލުންދޭން ފައިނާނު ތައްޔާރެވެ. ނަމަވެސް ޒާހިލްގެ ފުށުން އެކަން ހާޞިލު ވެދާނެބާ އެވެ. މިކަހަލަ ފިކުރުތަކެއްގައި ފައިނާނު ވަނިކޮށް ޒާހިލް ފާޚާނާއިން ނުކުތެވެ. ފިރިމީހާއާ ދިމާއަށް ފައިނާނުގެ ނަޒަރު ސީދާވެލި އެވެ. ފެންވަރައިގެން ނުކުތް ޒާހިލް ހުރީ އުނުގައި ތުވާލި އަނދެލައިގެންނެވެ. އޭނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމާއެކު އެނދު އަރިމަތީ އިށީނދެ އިން ފައިނާނަށް ބަލާލި އެވެ.

"މަގޭ އެއްޗެހީގައި އަތްލާށޭ ބުނީ ކާކު؟." ދެ ބުމަ ގޮށްޖަހާލައިގެން ހުރެ ޒާހިލް ވާހަކަދެއްކީ ހަރުކަށިކަމާއެކު އެވެ. އަދި އެނދުމަތިން ކޯޓު ނަގައި ތަޅުން މައްޗަށް އެއްލާލި އެވެ. ނުވީތާކަށް ގަމީސް ވެސް ނަގައި ކޮޓަރިތެރެއަށް ހޫރާ ލައިފި އެވެ.

"އަހަންނަށް އެނގޭ ޒާހިލް އަހަރެންނާ އިންނާކަށް ބޭނުމެއްނޫންކަން. މީ މަޖުބޫރީ ކައިވެންޏެއް. އެހެންވީމަ ދެމަފިރިންނަށް ވިޔަސް ދެމަފިރިންހެން އުޅޭން އަހަރެމެންނަށް ފަސޭހައެއްނުވާނެ." ފައިނާނު ބުންޏެވެ.

"ރަނގަޅަށް ތިބުނީ. އަހަރެން ތިކަހަލަ އަންހެނާ ހުވަފެނުގައި ވެސް ނީންނާނަން. ހަނދާންކުރާތި މީގެ ފަހުން މަގޭ އެއްޗެއްގައި އަތްނުލާތި. އަދި ބުނަން... މީ މަގޭ ކޮޓަރި. އަހަރެން މިތާ ނިދާނީ. މިބައިގައި އެތައް ކޮޓަރިއެއް އެބަހުރި. އަހަރެންނަށް ވަރިހަމަ ކަލޭ ކޮންމެ ތަނެއްގައި ނިދިޔަސް. މި ކޮޓަރިއަކު ނޯވެވޭނެ." ރުޅިވެރި ރާގެއްގައި ޒާހިލް ބުންޏެވެ.

"އަހަރެން ވެސް ކަލެއާ އެއް އެނދެއްގައި އޮންނަ ހިތަކުން ނޫޅެމޭ." ފައިނާނު ބުނެލި އެވެ. އެއާއެކު ޒާހިލްގެ ރުޅި ވަކިން ގަދަވެއްޖެ އެވެ.

"އެހެންވީރު ތި ހުންނަނީ ކިހިނެއްވެފައި... ހަމަ މިހާރު ރައްކާވޭ... ނުކުމޭ. ދުރަށްދޭ މަގޭ ކުރިމަތިން." ޒާހިލް ހަޅޭލަވައިގަތެވެ. ފައިނާނު ހިސާބަކަށް ސިހުނެވެ. ނަމަވެސް އޭނާ އިތުރަށް މަޑެއް ނުކުރި އެވެ. ހަލުވި ފިޔަވަޅުގައި އެ ކޮޓަރިން ނުކުމެއްޖެ އެވެ. ލެއްޕުނު ދޮރާ ދިމާއަށް ބަލަން ހުރެފައި ޒާހިލް ފުންނޭވާއެއް ދޫކޮށްލުމާއެކު ކަނާއަތުން އޭނާގެ ތެތްކޮށް އޮތް އިސްތަށިގަނޑުގައި އަތްތިލަ ހިންގާލި އެވެ. ބޮލުގައި ރިއްސައިގަނެފައި އޭނާ ހުރި ކަހަލަ އެވެ. އެނދު ކައިރިއަށް ޖެހިލުމާއެކު އޭނާ އުއްޑުން އެނދު މައްޗަށް ވެއްޓިގަތީ އެވެ.

* * * * *

ދެ އަތަށް ފުރޮޅިފުރޮޅި އެނދުގެ ތަންމަތި ރޫޅިއްޖެ އެވެ. ނިދޭތޯ މަސައްކަތް ކޮށްކޮށް މާޔާ ވަރުބަލިވެއްޖެ އެވެ. އޭނާ މަޑުމަޑުން ދެ ލޯ ހުޅުވާލި އެވެ. ނިތްކުރީގައި ކަނާއަތް ބާއްވާލި އެވެ. ދެ ލޯ މެރޭ އިރަށް މާޔާއަށް ފެންނަނީ ފައިނާނުގެ ކައިވެނި ޙަފުލާގައި މިރޭ ހިނގައިދިޔަ ހާދިސާ އެވެ. އިޒީކިއަލްއާއި އޭނާގެ ގާތުގައި ހުރި އަންހެން ކުއްޖާ އެވެ. ޚާއްޞަކޮށް އިޒީކިއަލްގެ ސޫރަ އެވެ.

"އިޒީކިއަލްއާ އޭނާއާ އޮތީ ކޮންގުޅުމެއް؟." ނުކުރާނަމޭ ހިތަށް އަރައިގެން ހުރި ސުވާލު އެންމެ ފަހުން މާޔާގެ އަމިއްލަ ނަފްސާ ކުރެވިއްޖެ އެވެ.

އިޒީކިއަލް ބައިވެރިއަކު ޚިޔާރުކުރީބާއޭ މާޔާ ހިތަށް އަރަމުންދިޔަ އެވެ. އެހެންނޫންނަމަ އެފަދަ ޙަފުލާއަކަށް އަންހެންކުއްޖަކާއެކު އިޒީކިއަލް ނުދާނޭ މާޔާއަށް ހީވަނީ އެވެ. އިޒީކިއަލްގެ ބައިވެރިއަކު ހުރިނަމަ އޭނާ މާޔާގެ ފަރާތުން ފައިދާ ނަގަނީ ކީއްވެބާއޭ ވެސް ސުވާލު އުފެދުނެވެ.

"ކީއްކުރަން އަހަރެން ބޭނުންވެގެން އުޅޭ މީހަކުހެން އުޅެންވީ. ބޭނުންނެތިގެން ދޫކޮށްލީ މީހެއް އަހަރެންނަކީ... އިޒިކް ކިތައް އަންހެނުން ބޭނުންވެގެން ތިއުޅެނީ؟." މާޔާއަށް ބުނެވުނެވެ. އަދި ލިބުނު ނުތަނަވަސްކަން އޭނާ ބޭރުކޮށްލީ ކައިރީގައި އޮތް ބާލީހަށެވެ. އޭގައި ތަޅައިގަނެފައި ގެނެސް މޫނުގައި އަޅައި އޮބާލުމާއެކު އަޑުގެކޮޅަށް މާޔާ ހަޅޭލެވި އެވެ. ދެން އޭނާ ފުންމައިގެން ތެދުވެ އެނދުން ފައިބައިފި އެވެ.

"މިރޭ ދެން ނިދަން އުޅޭނެކަމެއްނެތް. އޭނާ އަހަރެން ނިދިޔަކަ ނުދޭނެ." ފޫހި ރާގެއްގައި މިހެން ކިޔަމުން މާޔާ ކޮޓަރިން ނުކުތެވެ.

ސިޓިންރޫމު ސޯފާތަކާ ދިމާއަށް ދާން އުޅެފައި ވެސް މާޔާ އައިސް ވަނީ ބަދިގެއަށެވެ. މަތީ ކަބަޑުތަކުން ކަބަޑެއް ހުޅުވައިލައި އޭނާ ނެގީ ނޫޑުލިސް ޕެކެޓެކެވެ. ދެ ޕެކެޓު އަތަށް ލައިގެން ހުރެ އެނބުރިލެވުނީ ފައިނާނުގެ ހަނދާނުގަ އެވެ. ފައިނާނުގެ ކޮޓަރިއާ ދިމާއަށް ބަލަހައްޓައިގެން ހުރި މާޔާގެ ތުންފަތުގައި ދުވެލީ މާޔޫސްކަމުގެ ލުއި ހިނިތުންވުމެކެވެ. އެހެންވިޔަސް އޭނާ އެ ޖަޒުބާތުތައް އެއްފަރާތްކޮށްލީ ފައިނާނާ އަބަދުގެ އަބަދަށް ވަކިވީކީނޫންކަން ހިތަށް އަރުވާލާފަ އެވެ. މިވަގުތަކީ ފައިނާނު އޭނާގެ އަމިއްލަ ދިރިއުޅުމުގެ އިމްތިހާނާ ކުރިމަތިލާން ޖެހޭނެ ވަގުތުކަން މާޔާއަށް އެނގެ އެވެ.

ނޫޑުލިސް ކައްކައި ނިމިގެން އުނދުން ކައިރިން މާޔާ ދުރަށް ޖެހިލީ ކާމޭޒު މަތީ ނޫޑުލިސް ތަށި ބަހައްޓާށެވެ. ހޫނުކަމުން ވަގުތުން ކާން ނުފެށޭނެކަން އެނގޭތީ އެވެ. އެޕާޓްމެންޓްގެ ބެލް އަޅާލީ އެވަގުތެވެ. މާޔާ ދިޔައީ ސިއްސައިގެންނެވެ. އުނދުން ކައިރީ ކަބަޑުސެޓުމަތީ ބާއްވާފައި އޮތް ފޯނު އޭނާ ހަލުވިކޮށް އައިސް ނެގި އެވެ. ގަޑިންވީއިރު ބަލާލިއިރު ދަންވަރު އެއްގަޑި ބައިވާން އުޅެނީ އެވެ. އެ ގަޑީގައި އެ އެޕާޓްމެންޓްގެ ބެލްއަޅާނޭ މީހަކު ނުހުންނާނޭކަން މާޔާއަށް ޔަގީންވެ އެވެ. އޭނާ ވިސްނަން ހުއްޓާ އަނެއްކާ ވެސް އެ މީހަކު ބެލް އަޅައިފި އެވެ.

"ނާނުއަށް ވެދާނެތަ؟... ނާނުވެއްޖެއްޔާ ތަޅުދަނޑި އޮންނާނެ." ދޮރުކައިރިއަށް އަންނަމުން މާޔާ ސިއްރުސިއްރުން ވާހަކަދެއްކި އެވެ.

"ވަޓް ދަ..." ދޮރުގައި ހުރި ކުޑަ ބިއްލޫރިކޮޅުން ބަލާލި ވަގުތު ފެނުނު މަންޒަރުން މާޔާއަށް ބުނެވުނެވެ. އަދި ވަގުތުން އޭނާއަށް ދޮރުގައި ލައްގަނެވުނެވެ. ޤަބޫލުކުރާން ދަތިވެފައިވާ ފަދަ އަސަރުތަކެއް މާޔާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ.

"ކިހިނެއް މިތަނަށް އަންނަން އެނގުނީ." މާޔާއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

ހަދަންވީ ކިހިނެއްކަމެއް ނޭނގިފައި މާޔާ ހުއްޓާ ތިންވަނަ ފަހަރަށް ވެސް އެމީހަކު ބެލް ޖަހައިފި އެވެ. ހާސްވެފައި ހުރެ މާޔާ ދޮރު ކައިރިން ދުރަށް ޖެހިލުމާއެކު ދޮރު ހުޅުވާލި އެވެ. އޭރު ދޮރުމަތީ ހުރީ އިޒީކިއަލް އެވެ.

"ކީއްތިކުރަނީ؟. ހާދަގިނައިރެއްވީ ދޮރުހުޅުވަން." ދޮރުކަންޏަށް އެއްއަތް އުފުލާލަމުން އިޒީކިއަލް ވާހަކަދެއްކި އެވެ.

"މިތާ ކީއްކުރަނީ؟." މާޔާއަށް ބުނެވުނެވެ.

"އެނގޭއިރު ވެސް ބޭކާރު ސުވާލުކުރަން ޖެހޭތަ؟." އިޒީކިއަލް ބުންޏެވެ. އަދި އޭނާ ދޮރުގައި އަތް އަޅައި ކޮށްޕާލުމާއެކު އެޕާޓްމެންޓް ތެރެއަށް ވަނެވެ. އަވަސް އަވަހަށް ދޮރު ލައްޕާލުމާއެކު މާޔާ ބަލާލީ އިޒީކިއަލްއާ ދިމާއަށެވެ.

"ނިދަނީތަ؟." މާޔާގެ ހަށިގަނޑަށް ނަޒަރު ހިންގާލުމާއެކު އިޒީކިއަލް އަހާލި އެވެ. ބަދިގޭ އުނދުނުގެ ހުޑުގެ އަލިކަން ފިޔަވައި ދެން އެތަނުގައި ހުރީ ޓީވީގެ އިސްކުރީނުން އެޅިފައިވާ އަލިކަމެވެ. މާޔާއަށް ހުރެވުނީ ނިދާ ހެދުމުގައިކަން ރެއަކާލީ ދެނެވެ. އޭނާ ހުރީ މީހަކު އަތުވެދާނެކަމަށް ހީކޮށްގެންނެއް ނޫނެވެ. އެވެސް އަދި އިޒީކިއަލް އެވެ. މިރޭ ޕާޓީގައި އިޒީކިއަލް ކުރި ކަންތައް އަދި ހަނދާންނެތޭހާ ވަގުތެއް ނުވޭ ވިއްޔާ އެވެ. މާޔާ ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނެވެ. އެހިނދު ހުސިޔާރު ކަމާއެކު އޭނާގެ އަތުގައި އިޒީކިއަލް ހިފައިފި އެވެ.

"ތި ހުރި ގޮތް ވެސް އޯކޭ." އިޒީކިއަލް ބުންޏެވެ.

(ނުނިމޭ)