ހަބަރު

އައްޑޫ ވިޔަފާރިވެރިޔާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މަރާލުމަށްފަހު އައްޑޫ ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ މިދިޔަ ބުދަ ދުވަހު ފެނުނު އެ ރަށު ބުރުނީގޭ، 47 އަހަރުގެ އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، މިމަހުގެ ދެވަނަ ދުވަހު އައްޑޫގައި ހިނގި މަރުގެ ހާދިސާގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މީހަކު ހައްޔަރުކުރި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ހަމަ އެދުވަހު ޖަހާފައިވާ ކަމަށެވެ.

ހިތަދޫ ސްކޫލު ފުރަގަހުގައި އޮންނަ އަލަ އޮޅެއްގެ ތެރެއިން އަލީ އަބްދުﷲ ފެނިފައިވަނީ، އާއިލާ އާއި ފުލުހުން އޭނާ ހޯދަމުން ދަނިކޮށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގު އަވަސް އަށް ވިދާޅުވެފައިވަނީ، އަލީ އަބްދުﷲގެ ފިހާރަ "ޓޫވޭވް" ހުންނަނީ އޭނާގެ މައިންބަފައިން ގެ ކައިރީގަ ކަމަށާއި ނަމަވެސް އޭނާ ދިރިއުޅެނީ އަންހެނުންގެ ގޭގައި ކަމަށެވެ. ފިހާރައިގެ ސެކްރިޓީ ބެލެހެއްޓުމަށް ދަންވަރު ވެސް އޭނާ އުޅެނީ ފިހާރައިގަ ކަމަށާއި އޭނާ ނިދަނީ ވެސް ފިހާރައިގަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަލީ މަރުވި ރޭ ދަންވަރު ތިނެއް ޖެހިއިރު ވެސް ފިހާރާގައި އޭނާ އުޅުނުކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަލީ ފެނިގެން ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.