ރާއްޖޭގައި ކުށަށް އަރައިގަންނަ އަދަދު މަދުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ފަރާތުން މިއަދު މި މައުލޫމާތު ހާމަކުރެއްވީ ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އެ އިދާރާގެ ތަރުޖަމާން އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ޝިފާން ވަނީ ކުށްތައް ދަށްވަމުން އައިސްފައިވާ ގޮތުގެ ތަފާހިސާބެއްވެސް ހިއްސާކުރައްވާފަ އެވެ.
ޝިފާން ވިދާޅުވީ ކުށުގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފުލުހުންނަށް ހުށަހަޅާ މައްސަލަތައް މަދުވެފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިދިޔަ ޑިސެމްބަރުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 777 މައްސަލަ އެވެ. މިއަހަރުގެ މެއި އެކަކުން 16 ވަނަ ދުވަހުގެ ނިޔަލަށް ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ 356 މައްސަލަ އެވެ. މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ވައްކަމުގެ މައްސަލައިގެ ގޮތުގައި 2،952 މައްސަލަ ހުށަހަޅާފައިވެ އެވެ.
މިދިޔަ ޑިސެމްބަރުގައި ދެވަނައަށް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ މާރާމާރީގެ މައްސަލަތަކެވެ. އެގޮތުން ޑިސެމްބަރުގައި އެކަނި 117 މައްސަލަ ހުށަހަޅާފައިވާއިރު މިއަހަރުގެ މެއި އެކަކުން 16 ވަނަ ދުވަހުގެ ނިޔަލަށް މާރާމާރީގެ 62 މައްސަލަ ހުށަހަޅާފައިވެ އެވެ.
ފޭރުމުގެ 117 މައްސަލަ ޑިސެމްބަރުގައި ހުށަހަޅާފައިވާއިރު މިއަހަރުގެ މެއި އެކަކުން 16 ވަނަ ދުވަހުގެ ނިޔަލަށް ފޭރުމުގެ މައްސަލަތަކުގެ ގޮތުގައި 38 މައްސަލަ ހުށަހަޅާފައިވެ އެެވެ.
މީހުން ރަހީނުކުރުމުގެ މައްސަލަތަކުގެ ގޮތުގައި މިދިޔަ ޑިސެމްބަރުގައި ފަސް މައްސަލަ ހުށަހަޅާފައިވާއިރު މިއަހަރުގެ މެއި އެކަކުން 16 ވަނަ ދުވަހުގެ ނިޔަލަށް ރަހީނުކުރުމާ ގުޅޭ އެއް މައްސަލަ ހުށަހަޅާފައިވެ އެވެ.
ކުށް ކޮށްގެން ކުރާ ރިޕޯޓްތަކުގެ އަދަދު ދަށްވަމުންދާ ކަމަށް ދައްކާތީވެ ފުލުހުން ވަނީ އަދަދުތައް އިތުރުވިޔަ ނުދީ ހިފަހައްޓަން މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފ އެވެ.