ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ސިފައިން އެޅި ފާލަން -- މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބިންދައިގެން ހިނގައްޖެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނެފި އެވެ.
ޕެންޓަގަންގެ ތަރުޖަމާން ސަބްރީނާ ސިންގް ވިދާޅުވި ގޮތުން ފާލަން މަރާމާތު ކުރުމަށްޓަކައި ކަނޑަށް ޖަހާފައި ހުރި މުޑިތަކުން ވަކިކޮށްލައިގެން ގެންދަން ޖެހޭނީ އިޒުރޭލުގެ ބަދަރަކަށެވެ.
ސަބްރީނާ އަދި ވިދާޅުވީ މޫސުން ތަންދޭނަމަ މަރާމާތުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމައި އަލުން ހަރުކުރެވޭނެ ކަމަށެވެ.
މޫސުން ގޯސްވާން ފެށުމުން އަސްކަރީ އުޅަނދުތަކުގެ އެހީގައި ފާލަން ދެމެހެއްޓޭތޯ މަސައްކަތްކުރި ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ އެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ފާލަން ބޭނުންކުރަމުން ދިޔައިރުވެސް އެމެރިކާގެ ބައެއް ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ޕެންޓަގަނުން ބުންޏެވެ.
ޣައްޒާ ފާލަމަކީ އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޣައްޒާއަށް އެހީ ފޯރުކޮށްދޭނެ މަގެއް ހެދުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަމުރަށް އެޅި ފާލަމެކެވެ.
ޣައްޒާއަށް ވަދެވެނުން ހުރި މަގުތައް އިޒުރޭލުން ބަންދުކޮށް އަދި އެހީގެ ލޮރީތައް ހިފަހައްޓައި ލަސްކުރަން ފެށުމުން ބައިޑަން މިއަމުރު ނެރުއްވީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން އެޅި ފާލަމަކީ ނަމުގައި އެޅި ފާލަމެކެވެ. އެ ފާލަމުން ގިނަ ތަކެތި ގެންދަނީ އިޒުރޭލުގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް މަންޒަރު ދުށް ނޫސްވެރިން ބުންޏެވެ.
ޣައްޒާ ފާލަން ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެތެރެކުރި އެހީ -- ލޮރީތައް ބަރާކޮށްގެން ގެންދިޔައީ އިޒުރޭލުގެ ސިފައިންނަށް ކާންދިނުމަށް ކަމަށްވެސް މަންޒަރު ދުށް މީހުން ހަބަރަށް ކިޔައިދިނެވެ.
މި ފާލަމުން ޣައްޒާއަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިން ނަމަވެސް އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާ ގޮތުން އެއްގަމު މަގުން ޣައްޒާއަށް އެހީ ނުވައްދައި އޮބިއޮންނަ ވަރު ނުވާނެ އެވެ.
ޣައްޒާގައި އަމިއްލަ މަސައްކަތުން ކައިބޮއިގެން އުޅެވޭ ވަރުގެ މިނިވަންކަމެއް ނެތް ކަމަށްވެސް އެހީ ފޯރުކޮށްދޭ އޮފިޝަލުން ވިދާޅުވި އެވެ.