ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަން މޫސަ ހުއްޓުވީ ގޯސްކޮށް، އެކަމަކު މޫސަގެ ތަންތަން ބެލުން އޯކޭ: ހައިކޯޓު

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގަކަށް އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ހިފަހައްޓައި ބަލައި ފާސްކުރުމަށް ނެރުނު އަމުރު ބާތިލުކޮށް، އެކަމަކު މޫސައާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރަން ނެރުނު އަމުރުތައް ރަނގަޅު ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މިއީ، މީގެ މަހެއްހާ ދުވަސް ކުރިން މޫސާ ހިފަހައްޓައި އަދި އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރެއްގެ އިސްތިއުނާފު މައްސަލައިގެ ހުކުމެވެ.

އޭސީސީން މޫސަ ހިފަހައްޓައި އަދި މޫސައާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރީ ކްރިމިނަލް ކޯޓުން ދިން ތިން އަމުރެއްގެ ދަށުންނެވެ. އެއީ ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރަކާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރެކެވެ.

ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރުގެ ދަށުން އޭސީސީން ފާސްކޮށްފައިވަނީ މއ. ވިލުވެލި ގްރައުންޑް ފްލޯއާއި އެ އިމާރާތުގެ އެއްވަނަ ފަންގިފިލާ އަދި އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓެކެވެ. މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ ހިފަހައްޓައި ބެލުމުގެ އަމުރެކެވެ.

މި މައްސަލަ މޫސަގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމާފައިވަނީ އެ ތިން އަމުރުގެ ތެރެއިން ތަންތަނާއި ތަކެތި ބަލައި ފާސްކުރުމުގެ ދެ އަމުރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން މޫސަ ހުއްޓުވިއިރު އެ އަމުރު ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ.

ހައިކޯޓުން އެ އަމުރު ބާތިލުކޮށް މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސްކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށެވެ. އޭސީސީގެ ގާނޫނުގެ ދަށުން އަދި އެ ނޫންވެސް އެހެން ގާނޫނެއްގެ ދަށުން އެ ބާރު އޭސީސީއަށް ލިބިފައި ނެތް ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހައިކޯޓުން މި ހުކުމް ކުރީ އިސްފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ދީބާނާޒް ފަހްމީ އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އޭސީސީން ތުހުމަތު ކުރި ގޮތުގައި މޫސަ ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފަ އެވެ.

މޫސަ ވަނީ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި އަދި އެތަނަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގައި އަމިއްލަ މަސްލަހަތު ފުށުއަރާ ފަދައިން އަމަލުތަކެއް ކޮށްފައި ކަމަށްވެސް އޭސީސީން ތުހުމަތު ކުރެ އެވެ.

މި މައްސަލަ ފެންމަތިވި ދުވަސްވަރު އޭސީސީން ބުނީ މޫސައާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އޭރު އޭސީސީން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަމުގެ ތަފްސީލެއް އާންމުކޮށްފައެއް ނުވެ އެވެ.