ހައިކޯޓް

މޫސަގެ މަރު: ސައްމާހް ބަންދުކުރަން ހައިކޯޓުން އަނެއްކާވެސް ދެކޮޅު ހަދައިފި

މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވ. ކެޔޮދޫ، ދޭލިޔާގޭ، މޫސާ އަހްމަދު (19 އ) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހު އަހްމަދު ފަތުހީ ބަންދު ކުރުމަށް ހައިކޯޓުން އަނެއްކާވެސް ދެކޮޅު ހަދައިފި އެވެ.

ސައްމާހް ބަންދު ކުރަން ހައިކޯޓުން މިއަދު ދެކޮޅު ހެދިއިރު، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން އެންމެ ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުން، ސައްމާހުއާ ގުޅޭގޮތުން ހައިކޯޓުން ފުރަތަމަ ނިންމި ނިންމުން ބާތިލުކޮށް އެ ނިންމުން އަލުން މުރާޖައާކުރަން ސުޕްރީމް ކޯޓުން ހައިކޯޓަށް އެންގީ މި ދިޔަ މަހު އެވެ. އެ ނިންމުމުގައި ސުޕްރީމް ކޯޓުން ހައިކޯޓަށް އަމުރުކޮށްފައިވަނީ އެ ކޯޓުން އެ މައްސަލައިގައި ރިއާޔަތް ކުރި ކަންކަމުގެ އަލީގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރާ އެކު ސައްމާހް ބަންދުކޮށް، ބަންދާ މެދު އޭރު ނިންމި ނިންމުން އަލުން ބަލަން ހައިކޯޓަށް އެންގި މުއްދަތާ ގުޅޭ އަމުރާ ގުޅޭ ގޮތުންވެސް އެކިއެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެހެން އެކަން ވުމަށްފަހު، ހައިކޯޓުން މިއަދު އަނެއްކާވެސް ނިންމީ ސައްމާހު ބަންދުކުރަން ނުފެންނަ ކަމަށެވެ. ހައިކޯޓުން މިގޮތަށް ދެވަނަ ފަހަރު އެކަމަކު ނިންމީ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސައްމާހް ބަންދު ކުރަން ނުފެންނަ ކަމަށް ކުރިން ރައުޔު ދެއްވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، އެ ފަނޑިޔާރު ކުރިން ދެއްވި ރައުޔު ބަދަލުކޮށް ސައްމާޙް ބަންދުކުރަން ޖެހޭ ކަމަށް މިއަދު ނިންމަވާފަ އެވެ. އެހެންނަމަވެސް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ފެނުނީ ކުރިއެކޭވެސް އެއްގޮތަށް ސައްމާހް ބަންދު ކުރަން ޖެހޭ ހާލަތެއް އަދިވެސް ނެތް ކަމަށެވެ. އެއީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އެވެ.

މި މައްސަލައިގައި ސައްމާހް ބަންދުކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރި ކަމަށް ދައުލަތުން ބުނާއިރު ހައި ކޯޓުން އެ ކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ބައެއް މަރުހަލާތައް ފުރިހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމި އެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.