ދުނިޔެ

މެކްސިކޯގައި ހުންނަ އިޒުރޭލު އެމްބަސީގައި ހުޅުޖަހައިފި

ފަލަސްތީންގެ ދިފާއުގައި ޝުއޫރު ފާޅުކުރި ބަޔަކު މެކްސިކޯގައި ހުންނަ އިޒުރޭލު އެމްބަސީގައި ހުޅުޖަހައިފި އެވެ.

މިކަމެއް ހިނގާފައިވަނީ ފަލަސްތީނަށް ތާއީދުކޮށް ޝޫއޫރުފާޅުކުރަން މަގުތަކަށް ނުކުތް ބަޔަކު ރޫޅާލަން ފުލުހުން ހަރަކާތްތެރި ވުމުންނެެވެ.

ފަލަސްތީންގެ ރަފާހްގައި އިޒުރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ސަރުކާރަށް ޕްރެޝަރުކުރުމަށް މަގުތަކަށް ނުކުތް އާންމުން ވަނީ އަމަން ބަލަހައްޓާ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލު އެމްބަސީގައި ހުޅުޖެހި މީހުންގެ ތެރޭގައި 200 އަށް ވުރެ މީހުން ގިނަ އެވެ.

އިޒުރޭލު އެމްބަސީގެ އިމާރާތަށް އޮއްގާ އުކުމުގެ ސަބަބުން ބިއްލޫރިތައް ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި އަލިފާން ބޯޅައާއި ޕެޓްރޯލް ބޮން އުކައި ގޯތިތެރޭގައި ހުރި ތަކެތީގައި ވަނީ ރޯކޮށްލާފަ އެވެ.

މި ހާދިސާ ހިނގައި ދިޔަ ގޮތް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ހުރިއިރު ފެންނަނީ، އެމްބަސީ ދޮށުގައި އެއްވެ ތިބި މީހުން ކޮންޓްރޯލް ނުކުރެވިގެން ފުލުހުން އުޅޭ މަންޒަރެވެ.

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކުރުމުގައި މެކްސިކޯއަކީ ވެސް ބައިވެރި އެކެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފަލަސްތީންގެ ދިފާއުގައި ދެކުނު އެފްރިކާއިން ހުށަހަޅާފައި އޮތް މައްސަލައިގެ ތެރެއަށް މެކްސިކޯވެސް ވަނީ މިހާރު ވަދެފަ އެވެ.

އިޒުރޭލު ސިފައިން މިދިޔަ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ޣައްޒާގެ އުމްރާނީ ތަރައްތީގެ ބޮޑުބައި ވަނީ ސުންނާފަތިކޮށްފަ އެވެ.

ޣައްޒާ ސުންނާފަތިކުރުމަށްފަހު މުޅި ދުނިޔެއާ ދެކޮޅަށް އިޒުރޭލު ސިފައިން މިހާރު ވަނީ ރަފާހްއަށް އަރައިގެންފަ އެވެ.

އިޒުރޭލުން ބުނާ ގޮތުން ޣާއްޒާގައި އަދި ރަފާހްގައިވެސް އެ ގައުމުގެ އަސްކަރިއްޔާ އިން ގަތުލުއާންމެއް ނުހިންގަ އެވެ. ނަމަވެސް އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 36،171 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ފަލަސްތީންގެ ނަސްލު ހައްތާލަން ޒަޔަނިސްޓުން ހިންގާ ހަރަކާތްތަކެއް ނޫން ނަމަ، މިހާ ގިނަ މީހުން މަރުވި ސަބަބެއްވެސް އޮންނާނެ އެވެ.