ރިސޯޓް ތަރައްގީކުރުމަށް 14 ރަށާއި ތިން ފަޅު ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މި ފަހަރު ރިސޯޓް ހެދުމަށް ހުޅުވާލި ރަށްތައް ނިސްބަތްވަނީ 11 އަތޮޅަކަށެވެ. ފަޅުތައް ނިސްބަތް ވަނީ ދެ އަތޮޅަކަށެވެ.
ރިސޯޓް ހަދަން މިފަހަރު ހުޅުވާލި ފަޅުތަކަކީ ކ. ހިއްމިއްޔަ ފަޅާއި، އެ އަތޮޅުން އަދި ވަކި ނަމެއް ނުކިޔާ އޮތް އިތުރު ފަޅަކާއި، ވ. އަތޮޅުން ވެސް އަދި ވަކި ނަމެއް ނުކިޔާ އޮތް ފަޅެކެވެ.
ސަރުކާރުން މިފަހަރު ދޫކުރާއި ރަށްތަކާއި ފަޅު ތަކުގެ ތެރެއިން އެންމެ ބޮޑު އިކުއިޒިޝަން ކޮސްޓެއް ދައްކަންޖެހެނީ ކ. ހިއްމިއްޔާ ފަޅަށެވެ. އެއީ 23.5 މިލިއަން ޑޮލަރެވެ. ދެވަނައަށް އެންމެ ބޮޑު އިކުއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ޅ. ދިއްފުށި އަށެވެ. އެ ރަށް ދޫކުރަނީ ކައިރީގައި އޮންނަ މައިދޫ އާ އެކު ޖުމްލަ 36 ހެކްޓަރުގެ ސަރަހައްދެއް ކުއްޔަށް ނަގާ ފަރާތަށް ލިބޭ ގޮތަށެވެ. މިތަނުގެ އިކުއިޒިޝަން ކޮސްޓަކީ 18.5 މިލިއަން ޑޮލަރެވެ. ތިންވަނައަށް އެންމެ ބޮޑު އިކުއިޒިޝަން ކޮސްޓެއް ދައްކަންޖެހެނީ މާލެ އަތޮޅުން އަދި ވަކި ނަމެއް ނުކިޔާ އޮތް 46 ހެކްޓަރުގެ ފަޅަކަށެވެ. އެ ތަނުގެ އެކުއިޒިޝަން ކޮސްޓަކީ 11 މިލިއަން ޑޮލަރެވެ.
ބީލަމަށް ހުޅުވާލި ރަށްތަކާއި ފަޅުތައް
- ހދ. ވައިކަރަމުރައިދޫ
- ށ. ކުޑަޅައިމެންދޫ
- ރ. ދިއްކުރެއްދޫ
- ޅ. ވިހަފަރުފިނޮޅު
- ޅ. ދިއްފުށި
- ކ. އަތޮޅުގެ ފަޅެއް
- ކ. ހިއްމިއްޔަ ފަޅު
- އއ. އަލިކޮއިރަށް
- ވ، އަތޮޅުން ފަޅެއް
- ތ، ރުއްތިބިރަށް
- ތ. ގާލީ
- ތ. ކަނިމީދޫ
- ލ. ބޮނޑުފުންޏަފުށި
- ލ. ހަންހުށި
- ލ. ކަށިދޫ
- ގއ. ބޭރުމައުޑޫ
- ގދ. ކަޅެހުއްޓާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިއަހަރު 20 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަކީ އަމާޒެކެވެ.
ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން ބުނާ ގޮތުގައި ސަރުކާރުން ގެންދަނީ ރިސޯޓް ހެދުމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން އެކި ސަބަބުތައް ކުރިމަތިވެ ނުހެދި ރަށްތައް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެެމުންނެވެ.