ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނެސް ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ދައުލަތުގެ މިއަހަރުގެ ބަޖެޓުން ފަސް ބިލިއަން ސަލާމަތް ކުރެވޭނެ ކަމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންށް އިއްޔެ މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ މާލީ ހާލަތު އަންގައިދޭ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީން ގަވައިދުން ރިވިއުކޮށް ކުންފުނިތަކަށް ދޫކުރާ ސަބްސިޑީ ދޫކުރުމުގައިވެސް ހިފެހެއްޓުންތައް ގެންގުޅެން ފަށާފައިވާ ކަަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކުރާ މަސައްކަތުން މިއަހަރު ތެރޭގައި ކުންފުނިތަކުގެ ތެރެއިން އިސްލާހީ ރަނގަޅު ބަދަލުތަކެއް ގެނެވޭނެ،" ޝަފީގު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި މިވަގުތު 32 ކުންފުންޏެއް އޮތް އިރު ގިނަ ކުންފުނިތަކުގެ މާލީ ހާލަތު ހުރީ ވަރަށް ގޯސްކޮށެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން 90 ދުވަހުގެ ތެރޭގައި އެކި ފަރާތްތަކަށް ދައްކަންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއްވެސް ހުރީ ނުދައްކާ ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 4.9 ބިލިއަން ރުފިޔާގެ ފައިސާ ފާއިތުވި ހަމަސް ތެރޭގައި ދޫކޮށްފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ދައުލަތުގެ އެކި އިދާރާތަކަށް 6.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވާ 49 ބިލިއަން ރުފިޔާގެ ބަޖެޓު މެނޭޖުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު ކުރިން ލަފާކުރި އަދަދަށް ވުރެ ދަރަނީގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އަދަދެއް ސޭވް ކުރެވިއްޖެ،" ހަރަދު ކުޑަކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަން ހާމަކުރައްވާ ޝަފީގު ވިދާޅުވި އެވެ.
މިނިސްޓަރު ޝަފީގު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ބަލައިގެން ނޫން ގޮތަކަށް ހަރަދު ނުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އިލްތިމާސް ކުރައްވާފަ އެވެ.