ދުނިޔެ

މުސްލިމު ނަރުހަކު އިޒުރޭލު ކުށްވެރިކުރުމުން ވަޒީފާއިން ވަކިކޮށްފި

އެމެރިކާގެ ސިޓީ ހޮސްޕިޓަލެއްގައި މަސައްކަތްކުރި މުސްލިމް ނަރުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އޭނާ ވަޒީފާއިން ވަކިކުރަނީ އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަނީ ގަތުލުއާންމެއް ކަމަށް ބުނުމުންނެވެ.

އެމެރިކާގެ ނިއުޔޯކްގައި ހިންގާ ހޮސްޕިޓަލެއް ކަމަށްވާ ނިއުޔޯކް ޔުނިވާސިޓީ ލޭންގޯން ހެލްތުގައި މަސައްކަތްކުރާ ހާސަން ޖަބުރު ވަޒީފާއިން ވަކިކުރިކަން އެ ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހޮސްޕިޓަލްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ފަލަސްތީނާ ގުޅިގެން މެދުއިރުމަތީގައި ހިނގަމުން އަންނަ އެއްވެސް ކަމަކާ ބެހޭ ގޮތުން އަމިއްލަ ޝުއޫރު ފާޅުކޮށް -- މަސައްކަތާ ގުޅުން ހުރި މާހައުލުގައި ވާހަކަ ނުދެއްކުމަށް ހާސަން ޖަބުރަށް ވާނީ ކުރިން ވެސް އަންގާފަ އެވެ.

އެހާ ބައިބައިވުން ބޮޑު ކަމަކާ ބެހޭ ގޮތުން ސިއްހީ ދާއިރާގައި ޝުއޫރު ފާޅުކުރުމާއި ޖަޒުބާތީ ޝިއާރުތައް ފާޅުކުރުމަކީ ސިއްހީ ބޭސްވެރިކަމުން ބޭރު ހަރަކާތެއް ކަމަށް ހޮސްޕިޓަލުން ދެކޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ހާސަން ޖަބުރަކީ ފަލަސްތީން ނަސްލަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ. އޭނާ އަކީ ފޫޅުމައެކެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި މަސައްކަތަށް ކިތަންމެ ރަނގަޅު ނަމަވެސް ބައިބައިވުން އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ސިއްހީ ދާއިރާއަށް ސިޔާސީ ހުރިހާ ކަމަކުން ރައްކާތެރިކަން ލިބެން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގާ ހަމަނުޖެހުންތަކުގައި މާބަނޑު އެތައް އަންހެނަކު މަރުވެއްޖެ ކަމަށް ބުނެ ޖަބްރު ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.

ހަނގުރާމަ ފެށިފަހުން ބަނޑަށް މަރުވާ ކުދިންގެ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޖަބްރު ދެއްކި ވާހަކައާ ގުޅިގެން އޭނާއާ އެކު މަސައްކަތްކުރާ ނަރުހުން ޖަޒުބާތުގައި ޖެހި ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ ވަކި ބަޔަކަށް ނަރުފަތު ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ޖަބުރު ވަޒީފާއިން ވަކިކުރީ ނަސްލީ ސަބަބެއް އޮވެގެން ނޫން ކަމަށާއި ހޮސްޕިޓަލް ބަދުނާމުވެދާނެ ކަމަށް ބަލާފައި ފިޔަވަޅު އެޅުއްވީ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.