މަސްވެރިކަން

މަހުގެ އެކްސްޕޯޓް 45 ޕަސެންޓް ދަށަށް

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.7 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޭޕްރީލްގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 19،060 މެޓްރިކް ޓަނުގެ މަހެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 35،081 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު -- 16،021 މެޓްރިކް ޓަނު މަދު އަދަދެކެވެ.

މި އަހަރުގެ މަހުގެ އެކްސްޕޯޓް

  • ޖެނުއަރީ: 4،475 މެޓްރިކް ޓަނު
  • ފެބްރުއަރީ: 6،051 މެޓްރިކް ޓަނު
  • މާޗް: 3،787 މެޓްރިކް ޓަނު
  • އެޕްރީލް: 4،746 މެޓްރިކް ޓަނު

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން 12،240 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 3،740 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 2،557 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.