ދުނިޔެ

މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނަތަންޔާހޫއަށް ދައުވަތު ދީގެން ނުވާނެ: ބާނީ ސެންޑާސް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ބާނީ ސެންޑާސް ވިދާޅުވެއްޖެ އެވެ.

ބާނީ ސެންޑާސް މިހެން ވިދާޅުވި ސަބަބަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ބެންޖަމިން ނަތަންޔާހޫއަށް ދައުވަތު ދެއްވުމުންނެވެ.

ނަތަންޔާހޫއަށް ދައުވަތު ދެއްވުމުގައި ބައިވެރިވި މަޖިލީހުގެ ލީޑަރުންނަށް ސެންޑާސް ވަނީ ވަރަށް ބޮޑަށް ފާޑުވިޔާދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.

ސެންޑާސް ވިދާޅުވި ގޮތުގައި ނަތަންޔާހޫ ކަހަލަ ލާއިންސާނީ ޖަރީމާތަކެއް ހިންގައި -- މުޅި އަތް ލެއިން ތަތްތެޅިފައި ހުރި ލިޑަރަކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ވަރަށް ލަދުވެތި، ވަރަށް ހިތާމަވެރި ކަމެކެެވެ.

ބާނީ ސެންޑާސް ވިދާޅުވީ ހަނގުރާމައިގެ ކުށްވެެރިއަކު ދައްކާ ވާހަކަތައް އަޑުއަހަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރުހުން ދިނުމަށް ބޭނުންވާ ލިޔުންތަކުގައި، މަޖިލީހުގެ ރައީސް މައިކް ޖޯންސަންވެސް ވަނީ ސޮއިކުރައްވާފަ އެވެ. އަދި ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުންވެސް ވަނީ ސޮއިކުރައްވާފަ އެވެ.

ސެންޑާސް ވިދާޅުވި ގޮތުގައި އިޒުރޭލަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އެކަމަކުން ރައްކާތެރިވުމާއި ސަލާމަތްވުމުގައި އެކަށީގެންވާ ބާރުގެ ބޭނުންކުރުުމަށް އޭނާ ތާއިދުކުރައްވާ ކަމަށެވެ. ނަމަވެސް ޣައްޒާގައި އިޒުރޭލުން މިހާރު އެ ހިންގަނީ ނަސްލު ނައްތާލަން ހިންގާ ޖަރީމާތަކެއް ކަމަށް ވިދާޅުވި އެވެ.

އިޒުރޭލުން މިހާރު އެ ކުރާ ހަނގުރާމަ އަކީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ސޭންޑާސް ވިދާޅުވި އެވެ. ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި މަރުވާނީ ހަމާސްގެ ހަނގުރާމަވެރިން ކަމަށްވެސް ވިދާޅުވި އެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 36،400 މީހުން މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެ އެވެ. މި ހަމަލާތަކުގައި އެކިވަރުގެ އަނިޔާ ލިބިފައި ތިބި މީހުންގެ އަދަދު ލައްކައަކަށް ވުރެ ވަނީ އިތުރުވެފަ އެވެ.