އައްޑޫ ސިޓީ

ހަށި ވިއްކި މީހުން އެދުނީ ޑީޕޯޓްކޮށްގެން ނަމަވެސް ރަށަށް ފޮނުވައިދޭން

އައްޑޫ ސިޓީގައި ހަށި ވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބިދޭސީ އަންހެނުން ބޭނުންވަނީ ޑީޕޯޓްކޮށްގެން ނަމަވެސް އެނބުރި އެ މީހުންގެ ގައުމަށް ދާންކަން އެނގިއްޖެ އެވެ.

އައްޑޫގެ ސިޓީގެ ހިތަދޫއާއި މަރަދޫގައި މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހަށި ވިއްކުމުގެ ތުހުމަތުގައި ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ތިން ފިރިހެނުންނާއި، ތައިލެންޑްގެ ފަސް އަންހެނުންނާއި، އިންޑިއާ ފިރިހެނަކާއި މިޔަންމާ ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި މި އެންމެން އަދިވެސް ތިބީ ބަންދުކޮށްފަ އެވެ. އެކި ފަހަރު މަތިން އެ މީހުންގެ ބަންދު މުއްދަތު އިތުރު ކުރުމަށްފަހު، މިހާރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ.

ރާއްޖޭގައި ހަށި ވިއްކުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު މިފަދަ ކުށްތަކުގައި ބައިވެރިވާ ބިދޭސީންގެ އަދަދު ގިނަ އެވެ.