އައްޑޫ ސިޓީ

ހަތް ބަނބުކެޔޮ ވަގަށް ނެގި މީހަކު ޖަލަށްލައިފި

ހަތް ބަނބުކެޔޮ ވަގަށް ނަގައިގެން މީހަކު ޖަލަށްލައިފި އެވެ.

މިމައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެން ޖަލަށްލާފައިވަނީ އައްޑޫ ސިޓީގެ މަރަދޫ މީހެކެވެ.

އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ވައްކަން ކުރުމުގެ ދައުވާއަކާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއާ ގުޅިގެން މަރަދޫ މީހާގެ މައްޗަށް އުފުލި، ވައްކަން ކުރުމުގެ ކުށުގެ ދައުވާ އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށްވެސް އެ މީހާ ވަނީ ޝަރީއަތުގައި އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް އޭނާގެ އިންކާރު ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ މި ދެ މައްސަލަވެސް ސާބިތުކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުގެ އަލީގައެވެ.

މި ދެ މައްސަލައިގެ ތެރެއިން ވައްކަމުގެ މައްސަލައިގެ އަދަބެއްގެ ގޮތުން އެ މީހާގެ މައްޗަށް ކޮށްފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ކޮށްފައިވައިވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ ވަގަށް ނެގި ހަތް ބަނބުކޭލުގެ އަގަކީ 150 ރުފިޔާ އެވެ.

މި ދެ މައްސަލައިގައިވެސް މިދިޔަ ހަފްތާގެ ތެރޭގައި ހުކުމްކޮށްފައިވަނީ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ.