މޯލްޑިވިއަން އައިޑޮލް

ކަޓާނެއޭ ކުޑަކޮށްވެސް ހީނުކުރަން، މީ ސަޕްރައިޒެއް!

ރޭ މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ ދެވަނަ ބުރުގެ ޝޯތައްވެސް ނިމުނީ އެވެ. ރޭގެ ޝޯ ނިންމާލީ އިރު ބެލުންތެރިންގެ ތެރެއިން ގިނަ ބައެއްގެ ލޮލުން ކަރުނަ އޮހޮރާލި ގޮތަށް ބައެއް ބެލުންތެރިންގެ މޫނަށް ހިނިތުންވުން ވެސް ގެނެސްދިނެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 11 އިން ރޭ ބެލުންތެރިންނާއި ވަކިވެގެން މިދިޔައީ ފާތިމަތު ނަބަތު އެވެ. ނަބަތު އަކީ މޫނު ކުނި ކޮށްގެން ހުންނަ ކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިއުމުގެ އަމާޒުފަތް ގަނޑަކަށް ވެފައިވާ ބައިވެރިއެއް ވެސް މެ އެވެ. އެހެންކަމުން ޓޮޕް 12 އަށް ނަބަތު ހޮވުމަކީ ބައެއް މީހުންނަށް ސަޕްރައިޒަކަށް ވީހެން ރޭގެ ޝޯ އިން ނަބަތު ވަކިވުމަކީ ވެސް އޭނާއަށް ލިބުނު ސަޕްރައިޒެކެވެ.

"އެއްވެސް ވަރަކަށް މިޜޭގެ ޝޯއިން ވަކިވެގެންދާނެ ޖެހޭނެ ކަމަކަށް އުއްމީދެއް ނުކުރަން. ވަރަށް ސަޕްރައިޒް ވި. ޖަޖުންގެ ކޮމެންޓްސް އެހާ ގޯހެއް ނޫން ރޭގަ ޕާފޯމެންސް އާއި ގުޅިގެން. ބެލުންތެރިންގެ ވޯޓުން ވެސް ނަތީޖާ ބަދަލުކޮށްލެވިދާނެ،" ރޭގެ ޝޯ ނިންމާލުމަށްފަހު އަވަސް އާ ވާހަކަ ދައްކަމުން ނަބަތު ބުންޏެވެ.

ނަބަތު އުއްމީދުކުރީ ޓޮޕް ހަޔަކާއި ހަމައަށް ދާނެ ކަމަށެވެ. އަދި އޭނާ ސަޕޯޓަރުންވެސް ގަބޫލުކޮށްގެން ތިބީ ޓޮޕް 11 އާއި ހަމައިން ނަބަތު ވަކިވެގެންދާނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ނަބަތު ހުރީ ޖަޖުންގެ ނިންމުމަށް އަދި ބެލުންތެރިންގެ ވޯޓުން ނިންމާ ކޮންމެ ނިންމުމަކަށް ހިތުގެ ހަމަ އެންމެ އަޑިން އިހުތިރާމް ކުރާށެވެ. ހަމަ އެފަދައިން ލިބޭ ކޮންމެ ފާޑު ކިއުމަކަށްވެސް އޭނާ ހުރީ ތައްޔާރަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ފާޑުކިޔައިގެން އަޅުގަނޑެއް ނުހުއްޓުވޭނެއޭ. ދެރަވޭ އެހެން ކިޔާތީ. އެކަމަކު އިޓް ކާންޓް ސްޓޮޕް މީ. ތިބޭނެ ފާޑުފާޑު ގޮތްގޮތަށް ފާޑުކިޔާ މީހުން. އެކަމަކު އެއީ އެމީހުންގެ ހިޔާލު. އެމީހުންގެ ހިޔާލު މެޓާސް. އެކަމަކު އައި ޓޭކް ވެލިޑް ވަންސް." މީގެ ކުރިން އަވަސް އަށް ދިން އިންޓަވިއު އެއްގައި ނަބަތު ބުނެފައިވެ އެވެ.

ފާޑު ކިއުންތަކާއި އަދި ޕޮޒިޓިވް ކޮމެންޓްސް ތަކާއެކު މި ދާއިރާއިން ކުރިއަށްދާން ނަބަތު ހުރީ އަތުކުރި އޮޅާލައިގެންނެވެ. މުޅި ދިރިއުޅުން ލަވަ ކިއުމުގެ ދާއިރާއަށް ހުސްކޮށް ނުލިއަސް ލަވަ ކިޔަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނަބަތު ހިފާނެ ކަމުގެ އުފާވެރި ހަބަރުވެސް ނަބަތު ދިނެވެ.

"މޯލްޑިވިއަން އައިޑޮލް އިން ނަބޫ ވަކިވެގެން ދިޔަސް ނަބޫ މި ދާއިރާއިން ފެންނާނެ. ނަބޫގެ އިތުރު ލަވަތައްވެސް މުސްތަގްބަލްގައި އިވޭނެ. ހަމަ ޗާންސް ލިބޭ ވަރަކަށް އައި ވިލް ގޯ އޮން ވިތް ދިސް ފީލްޑް"

ލަވަކިޔުމަކީ އޭނާގެ ހޮބީ އެކެވެ. ހުވަފެނަކީ ސައިކޮލޮޖީގެ ދާއިރާ އިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމެވެ. މިހާރު ކިޔަވަނީ ވެސް ސައިކޮލޮޖީ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑު ފެށުމުގެ ކުރިންވެސް ނަބަތު ވަނީ މި ރައުންޑުގައި ބަލި ބައިވެރިޔަކު އަދި އީޒީކޮށް ދޫކޮށްލެވޭނެ ބައިވެރިއަކު ނެތް ކަމަށް ބުނެފަ އެވެ. ހުރިހާ ބައިވެރިންނަކީވެސް ނަބަތުގެ ގާތް ކުދިންނަށް ވާތީ މޮޅީ މިވެނި ކުއްޖެކޭ އެނާއަކަށް ބުނާކަށް ނޭނގެ އެވެ. ހުރިހާ ކުދިންވެސް މޮޅެވެ. ހުރިހާ ކުދިންނަށްވެސް އޭނާ ސަޕޯޓުކުރެ އެވެ. އައިޑޮލް ގެންދާނީ ކޮން ބައިވެރިއެއްކަން ބުނަން ނޭންގުނަސް ލައިޝާ އަދި ޝަލަބީ ޓޮޕް ޓޫ އަށް ދާނެ ކަމަށް އޭނާ ލަފާކުރެ އެވެ.

ނަބަތުގެ ހިތަކީ ބޮޑު ހިތެކެވެ. އެނާ އަށް ސަޕޯޓުކޮށް އަދި އެސްއެމްއެސް އާއި ހިތްވަރު ދިން ހުރިހާ ފަރާތްތަކަށް ނަބަތުގެ ހިތުގައިވަނީ ހާއްސަ ލޯތްބެއް އުފެދިފަ އެވެ. ހާއްސަ ކުލުނަކާއި ގާތްކަމެއް އުފެދިފަ އެވެ. އެހުރިހާ ފަރާތްތަކަށް އޭނާގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރެ އެވެ.

މި މުބާރާތަކީ ނަބަތުގެ އުއްމީދުތަކާއި ގުޅިފައިވާ މުބާރާތެކެވެ. މި މުބާރާތުން ނަބަތު އެންމެ މިސްވާނީ ޝޯއިން އޭނާ އަށް ލިބުނު އާއިލާއެއް ފަދަ އެކުވެރިންތައް ކަމަށް ނަބަތު ބުންޏެވެ. ސްކޫލުން އައިސް މުބާރާތުގެ ކަންކަމުގައި ބައިވެރިންނާއެކު ހޭދަކުރި ކޮންމެ ވަގުތެއްވެސް ނަބޫ ސިފަ ކުރަނީ ވަރަށް ވަރަށް "މިސް" ވާނެ ވަގުތު ތަކެއްގެ ގޮތުގަ އެވެ.