( 27 މެއި 2024 އާ ގުޅޭ )
"ނިދަނީތަ؟." މާޔާގެ ހަށިގަނޑަށް ނަޒަރު ހިންގާލުމާއެކު އިޒީކިއަލް އަހާލި އެވެ. ބަދިގޭ އުނދުނުގެ ހުޑުގެ އަލިކަން ފިޔަވައި ދެން އެތަނުގައި ހުރީ ޓީވީގެ އިސްކުރީނުން އެޅިފައިވާ އަލިކަމެވެ. މާޔާއަށް ހުރެވުނީ ނިދާ ހެދުމުގައިކަން ރެއަކާލީ ދެނެވެ. އޭނާ ހުރީ މީހަކު އަތުވެދާނެކަމަށް ހީކޮށްގެންނެއް ނޫނެވެ. އެވެސް އަދި އިޒީކިއަލް އެވެ. މިރޭ ޕާޓީގައި އިޒީކިއަލް ކުރި ކަންތައް އަދި ހަނދާންނެތޭހާ ވަގުތެއް ނުވޭ ވިއްޔާ އެވެ. މާޔާ ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނެވެ. އެހިނދު ހުސިޔާރު ކަމާއެކު އޭނާގެ އަތުގައި އިޒީކިއަލް ހިފައިފި އެވެ.
"ތި ހުރި ގޮތް ވެސް އޯކޭ." އިޒީކިއަލް ބުންޏެވެ.
"ކީއްކުރަން މިގެއަށް ތިއައީ؟." އިޒީކިއަލްގެ އަތުގެ ތެރެއިން މިނިވަންވަމުން މާޔާ ބުނެލީ ހިތްހަމަނުޖެހިފައި ހުރެ އެވެ.
"ކާންތަ ތިއުޅެނީ... އަހަރެން ވެސް ބަނޑުހައި." ކާމޭޒުމަތި ފެނި އެ ދިމާއަށް ހިނގައިގަންނަމުން އިޒީކިއަލް ވާހަކަދެއްކި އެވެ. މާޔާ ކުރި ސުވާލަށް ޖަވާބު ދިނުން އޭނާއަށް މުހިންމު ނުވީ އެވެ.
"މި ގަޑީގައި ތިއައީ ކީއްކުރަން؟." މާޔާ އަނެއްކާ ވެސް ސުވާލު ކުރީ އެވެ.
ޖަވާބެއް ދިނުމެއްނެތި އިޒީކިއަލް އައިސް އިށީނީ ކާމޭޒުދޮށުގަ އެވެ. ނޫޑުލިސް ތަށި ކައިރިކޮށްލުމާއެކު އެއިން އޭނާ ވަސްބަލާލި އެވެ. ދެން އެ ކާން ފެށި އެވެ. ވަގުތުސް ގޮސް ތަށި އަތުލަން މާޔާ ހިތަށް އެރި އެވެ. އެހެންނަމަވެސް އިޒީކިއަލް ކައިކައި އިންދާ އެހެން ހަދާކަށް ނުކެރުނެވެ. ނަމަވެސް ހިތުގައި ޝަކުވާތައް އުތުރިގަތެވެ.
"އެކުވެރިޔާގެ ވެޑިންގައި ރަނގަޅު ކާއެއްޗެއް ނެތީތަ؟." މާޔާ ބުނެލީ އިޒީކިއަލްއަށް ކައިވެނީގެ ޙަފުލާގައި ހިނގައިދިޔަ ކަންތައް ހަނދާންކޮށްދޭން ބޭނުންވެ ހުރެ އެވެ.
"އައިލް ބީ ސްޓޭއިން ޓުނައިޓް." މާޔާއަށް ބަލާލުމެއް ނެތި އިޒީކިއަލް ބުންޏެވެ. އޭނާ މާޔާއާ ދެބަސްވާން ބޭނުންނުވާ ކަހަލަ އެވެ. މާޔާ ކުރާ ކޮންމެ ސުވާލަކަށް ޖަވާބެއް ނުދެނީ އެހެންވެ އެވެ. އަދި އޭނާގެ އަމިއްލަ މަޤްޞަދު އިސްކުރި އެވެ.
"ވަޓް... ސްޓޭއިންއޭ!... އިޒިކް ޕްލީޒް. މިކަން ހުއްޓާލަންވެއްޖެ... މީ ރަނގަޅުކަމެއްނޫންކަން އެނގެއެއްނު. އޭރު އަހަރެން އެއްބަސްވީ ނާނުއަށް ޓަކައި. އޭނާ ސަލާމަތްކުރާން. އެކަމުގެ އަގު އަހަރެންނަށް އަދާކޮށްދެވިއްޖެ ކަމުގައި ޤަބޫލުކުރަނީ. އިޒިކް ބުނި ކޮންމެ ގަޑިއެއްގައި އަހަރެން ނުދަންތަ؟. އެކަމަކު ދެން ހެޔޮ. މިކަން ހުއްޓާލަންވެއްޖެ." މާޔާއަށް ބުނެވުނެވެ.
"އަހަރެން ނާހަމެންނު ޚިޔާލަކަށް." އިޒީކިއަލްގެ އަޑުގައިވީ ހަރުކަށިކަމެވެ. އަމުރުވެރި ރާގެއްގައި މާޔާ ގާތު އައިސް އިށީނުމަށް ބުނެ އިޒީކިއަލް ދައްކާލީ ކާމޭޒު ދޮށުގައި އޭނާގެ ކައިރީ ހުރި ގޮނޑި އެވެ.
ނުދާން ހުރެފައި ވެސް މާޔާ އައެވެ. އިޒީކިއަލްގެ ވައަތް ފަރާތު ގޮނޑީގައި އިށީނެވެ. ކާން އިން ނޫޑުލިސް ތަށި މާޔާގެ ކުރިމައްޗަށް ވާހެން އިޒީކިއަލް ޖައްސާލި އެވެ. ކާން ފަށާށޭ އިޒީކިއަލް ބުނެލީ ވެސް އަމުރެއް ކުރި ފަދައިންނެވެ. މާޔާ ދެއަތް އުރާލަމުން މޫނު އަނބުރާލީ ނުކާނަމޭ ބުނާ ފަދައިންނެވެ.
"އަނގަ ހުޅުވާ." އުލުން ނޫޑުލިސް ކޮޅެއް ނަގައި މާޔާގެ އަނގައާ ދިމާއަށް ދިއްކޮށްލަމުން އިޒީކިއަލް ބުންޏެވެ. އެހިނދު ވަކިން ބޮޑަށް މާޔާ ދެ ތުންފަތް ބައްދާ ބާރުކޮށްލީ އެވެ. މާޔާގެ އެ ހަރަކާތުން އިޒީކިއަލް ހިނި އަންނަ ގޮތްވި އެވެ. ނަމަވެސް އޭނާ އެކަމެއް ފާޅެއް ނުކުރި އެވެ.
"ބަނޑުހައިވެގެން ނޫންތަ ނޫޑުލިސް ހެދީ." އިޒީކިއަލް ބުނެލި އެވެ.
"ތި އުލުން ކާކަށް ބޭނުމެއްނޫން." ދެބުމަ ކައިރިކޮށްލަމުން މާޔާ ބުނެލި އެވެ.
"އެޔޯ... އަހަރެން އަނގަޔަށް ލީމަ. އަހަރެންގެ އަނގަ ނުޖަހާތަނެއް އެބައޮތްތަ؟." އިޒީކިއަލްގެ ބަސްތަކުން މާޔާގެ މޫނު ރަތްވެގެން އައިތަން އެ ފަނޑު އަލިކަމުގައި ވެސް ފާހަގަވެގެން ދިޔަ އެވެ. ވަގުތުން އިޒީކިއަލްއަށް ހެވިއްޖެ އެވެ. ރުޅިވެރި ބަލާލުމަކުން މާޔާ ބަލާލުމާއެކު އިޒީކިއަލްގެ އަތުން އޫ އަތުލައި ކާންފެށި އެވެ. މާޔާގެ ފުށުން ފެންނަ އެފަދަ ދެކޮޅުވެރިކަން އިޒީކިއަލްގެ ހިތް އަވަސްކުރުވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެ އެވެ. ދެއަތުގެ ތެރެއަށް އެ އަންހެންކުއްޖާ ގެނެސް މޭގައި ބޮނޑިކޮށްލަން އިޒީކިއަލް ބޭނުންވެފައި އިނީ ނުހަނު ބޮޑަށެވެ. މާޔާގެ ކައިރީ ހުންނައިރު އޭނާގެ ނަފްސަށް ވެރިވާ މިނިވަންކަމުގެ އިޙްސާސް ޚުދު އަމިއްލަ ޟަމީރަށް ވެސް ބަޔާންކުރާނޭ ގޮތެއް އިޒީކިއަލްއަކަށް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ އޭނާ މާޔާއަށް ބޭނުންވާކަމެވެ. އެ ބޭނުންވުމަށް ލޯތްބޭ ކިޔިދާނެބާ އެވެ.
"މީހުންގެ ކުރިމަތީ މީނާހާ އަބުއި މީހަކު ނުހުންނާނެ. އެ ސިފަ މިހާރު ކޮބާތަ؟. ލަދުގެ ކަންފުޅެއް ވެސް ހުންނަނީކީ ނޫން... ޓޫ ފޭސްޑް މޮންސްޓަރ." ކުދިކިޔާހެން މަޑުމަޑުން މާޔާ ބުންޏެވެ. އިޒީކިއަލްއަށް އެ އަޑު އިވުނެއްކަމަކު އަޅައެއްނުލި އެވެ. އޭނާ އަދިވެސް އިނދެގެން ހެނީ އެވެ. މާޔާއަށް ވީގޮތް ފެނި މަޖާވެގެންނެވެ.
ކައި ނިމިގެން މާޔާ އައީ ސޯފާއަށެވެ. އޭނާގެ ހިޔަނިހެން އިޒީކިއަލް ވެސް އައިސް ސޯފާގައި އިށީނެވެ. މާޔާގެ ނުހަނު ގާތުގަ އެވެ. ދެ ފައިގެ ބީހުން އިޙްސާސް ކުރެވޭހާ ކައިރީ އެވެ. ގިނައިރެއް ނުވެ އިޒީކިއަލްގެ އަތްތިލަ މާޔާގެ ފަލަމަސްގަނޑުގައި ބާއްވާލައިފި އެވެ. މަޑުމަޑުން ފައިގައި އޭނާ ފިރުމަންފެށި އެވެ. އޭނާގެ އަތުގައި ހިފައި މާޔާ ދުރަށްލާއިރަށް ވެސް އިޒީކިއަލް ހުއްޓައެއް ނުލި އެވެ.
"ކިހާ ދެރަކަމެއްތަ އިޒީކިއަލް. ތިހެން އުޅޭން މިރޭ ޕާޓީއަށް ގެންދިޔަ އަންހެނާ ކައިރިޔަށް ދާންވީނު. އޭނާ ކައިރިން ހިތް ފުރޭވަރު ނުވަނީތަ؟." ފުންމައިގެން ތެދުވަމުން މާޔާ ބުނެލީ ތަންކޮޅެއް ބާރަށެވެ. ހަޤީޤަތުގައި ވެސް ނުރުހުންވެ ހުރެ އެވެ. އިޒީކިއަލް އޭނާގެ ކިބައިން ފައިދާ ނަގަނީއޭ ހީވާތީ އެވެ. ޚާއްޞަކޮށް މިރޭގެ ޙަފުލާއިން އަންހެންކުއްޖަކާއެކު އިޒީކިއަލް ފެނުނު ފަހުން މާޔާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފަ އެވެ.
އިޒީކިއަލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ފަޅި ސުކުންތެއްގެ ތެރޭ އެވެ. އޭނާ މާޔާގެ އަތަށް ދަމައިގަތީ ނުހަނު ބާރުލާފަ އެވެ. ސޯފާއަށް މާޔާ ވައްޓާލައި އޭނާގެ ދެ އަތް ހައްޔަރުކޮށްލައި މައްޗަށް ދަމާލިއިރު މާޔާ އޮތީ އިޒީކިއަލްގެ ހަށިގަނޑު ދަށުގައި ހަރަކާތެއް ނުކުރެވޭހާ ފިތިފަ އެވެ.
"ތަދުވެޔޭ." މާޔާއަށް ބުނެވުނެވެ. އިޒީކިއަލްގެ ބީހުންތަކުގައިވީ ގަދަވެ ގަތުމެވެ. މާޔާގެ ކަނދުރާ ދޮށާއި ކޮނޑުމައްޗަށް އިޒީކިއަލްގެ ދަތްތައް ވަދެގެންދާކަމުގެ ތަދު އިޙްސާސްވަމުންދިޔައިރު އެ ވޭނުގައި މާޔާ ކުކުރާލުމުން އިޒީކިއަލްއަށް ލިބޭ ހިތްހަމަޖެހުން ބޮޑުވާ ކަހަލަ އެވެ. ޤައިދުވީ ދެ ތުންފަތުގެ ތެރޭ މާޔާގެ އަޑު ހިނދިގެން ދިޔައީ އެވެ. އިޒީކިއަލްގެ ކުރިމަތީ މާޔާއަށް ގަދައެއް ނުވެވުނެވެ. އަމިއްލަ ނަފްސުދެކެ އޭނާ ރުޅި އަންނަނީ އެހެންވެ އެވެ. އިޒީކިއަލް އަތްލުމުން އެވާ ގޮތެއް ޚުދު މާޔާއަކަށް ވެސް ނޭނގެ އެވެ. އިޒީކިއަލް ހުއްޓުވާން ބޭނުންވިޔަސް އޭނާ ބެހިގެންދަނީ ނުހަނު ފަސޭހަކަމާއެކު އެވެ. ލަދުވެތިކަމުން އޭނާގެ ޟަމީރު އިސްޖެހިފައިވާއިރު ވެސް އެދުންވެރިކަމުގެ ކުރިމަތީ އޭނާ ނިކަމެތިވެގެންދަނީ އިޒީކިއަލްއަށް ހިތުގައި ދެވިފައިވާ މަޤާމުންކަން ޔަގީނެވެ. އޭނާއަށް ދުވަހަކުވެސް އިޒީކިއަލްއާ ދުރަށް ދެވިދާނެބާ އެވެ.
އިޒީކިއަލްގެ އަތްދަނޑިމައްޗަށް މާޔާ އުފުލާލައިގެން އޭނާ ހިނގައިގަތެވެ. އެ މޭގައި މޫނު ފޮރުވާލައިގެން އޮވެ މާޔާގެ ކޮޓަރިއާ ދިމާއަށް އަތުން އިޝާރާތްކޮށްލި އެވެ. އިޒީކިއަލް އައިސް ވަނީ އެ ކޮޓަރިއަށެވެ.
ރަޖާގެ ދަށުގައި އިޒީކިއަލްގެ އަތުގެ ތެރޭގައި މާޔާ އޮތެވެ. ދެ މީހުންވަނީ އަރާމު ނިދީގެ ތެރޭގަ އެވެ. ނަމަވެސް އެ ނިންޖަށް ހުރަސް އެޅީ އިޒީކިއަލްގެ ފޯނެވެ. ކަރުދޮށުން އިޒީކިއަލް އަތް ދަމާލީ ކިތަންމެ މަޑުމަޑުން ކަމުގައި ވިޔަސް މާޔާއަށް ހޭލެވިއްޖެ އެވެ. އެހެންވިޔަސް ހަރަކާތެއް ކުރާން ބޭނުންނުވެފައި އޮތީ އިޒީކިއަލްއަށް އެކަން ނާންގަންވެގެންނެވެ. އެ ދެމެދުގައި ކަންތައް ހިނގައިދިޔަ ގޮތުންނެވެ. އަމިއްލަ ނަފްސުގެ އެއްވެސް ހިފެހެއްޓުމެއް ނެތޭ މާޔާގެ ޟަމީރު ބުނެ އޭނާ ލަދުގަންނަވާލާފައިވާތީ އެވެ.
"ހެލޯ." ފޯނު ހިފައިގެން އިޒީކިއަލް ޖެހިލީ އެނދާއި ދުރަށެވެ. އެނދުން ފައިބަމުން އޭނާ މާޔާއަށް ބަލާ ވެސް ލި އެވެ.
"އިޒީ... އަދިވެސް ބޭރުގައިތަ؟. ކޮންއިރަކުން ގެއަށް އަންނާނީ؟." ފޯނުން އިވުނީ ސޫޒަންގެ އަޑެވެ.
"އޮފީހަށް މިއައީ. މިރޭ މިކޮޅުގައި މަޑުކޮށްލާނީ. ބުނީމެންނު އަހަރެންގެ ޚަބަރެއް ނުވިޔަސް ހޭލާ ނޫޅެއްޗޭ. ދެން ނިދާލާ. ގުޑްނައިޓް." އިޒީކިއަލް މިހެން ބުނެފައި ފޯނުކޯލު ކަނޑާލީ އެވެ.
ހޭލާ އޮތް މާޔާއަށް އިޒީކިއަލް ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނެވެ. އެ ވާހަކަތަކުން އޭނާގެ ނިދި ފިލާ ދިޔަ އެވެ. އިޒީކިއަލްގެ ހަޔާތަށް އަންހެނަކު އަތުވެއްޖެކަން މާޔާއަށް ޔަގީންވީ އެވެ. ހަމައެއާއެކު އިޒީކިއަލްގެ ގަސްދާމެދު ސުވާލު އުފެދުނެވެ. ވަފާތެރިކަމަކީ ކޮބާކަން އިޒީކިއަލް ކަހަލަ ފިރިހެނަކަށް ނޭނގޭނޭ މާޔާގެ ޟަމީރު ބުންޏެވެ.
"އަހަރެންނާ ކައިވެނިކޮށްގެން ހުރިއިރު އޮފީހުގައޭ އިޒީކިއަލް ބުނީ ކިތައް ރޭ. އަހަރެން ގޮތައް އިޒީކިއަލްގެ ހިތް އުފާކުރާން އޭރު ގެންގުޅުނު އަންހެނާ ކައިރިޔަށް ނޫންކަމެއް ކިހިނެއް އެނގެނީ ގޮސް އޮންނަނީ. މިރޭ އެ ހެދި ކަހަލަ ކިތައް ދޮގު އިޒީކިއަލް އަހަރެންނަށް ހަދާފައި ހުންނާނީ." ދެ ލޯ މަރައިގެން އޮތް މާޔާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެވެ.
އިޒީކިއަލް އެނދަށް އަރައި މާޔާ ގާތްކޮށްލަމުން އެނބުރި ނިދީގެ މީރުކަން ހޯދުމަށް މަސައްކަތް ފެށި އެވެ. އެހެންނަމަވެސް މާޔާ އޮތީ އުނދަގޫވެފަ އެވެ. އިޒީކިއަލްއާ އޮތް ނަހަމަ ގުޅުން ނިންމާލާނޭ ގޮތަކާމެދު އޭނާ ވިސްނި އެވެ. އިޒީކިއަލްގެ ކިބައިން ސަލާމަތްވާނޭ ގޮތެކެވެ.
* * * * *
ހެނދުނުގެ އެލާމް އެޅުމާއެކު މާޔާ ލޯ ހުޅުވާލި އެވެ. އޭނާ ފޯނުން އެލާމް ކަނޑާލި އެވެ. ވިސްނާ ފިކުރު ކުރުމުގައި އޮއްވާ އޭނާއަށް ރޭ ނިދުނީ ކޮންއިރަކުކަމެއް ނޭނގެ އެވެ. މަޑުމަޑުން ތެދުވެ މާޔާ އިށީނެވެ. އެނދުމަތީގައި އިޒީކިއަލްއެއް ނެތްކަން ފާހަގަވީ ދެނެވެ. އޭނާ ދިޔައީ އޭ މަޔާ ހިތަށް އެރި ވަގުތު ފާޚާނާގެ ދޮރު ހުޅުވިއްޖެ އެވެ. ތުވާލުކޮޅުގައި ނުކުތްތަން ފެނުނީ އިޒީކިއަލް އެވެ. އޭނާގެ ފަރާތުން ފެންވަރައިގެން ނުކުތްކަމުގެ ތާޒާކަން ފެންނަން ހުއްޓެވެ.
"އިންނަނީތަ؟. ފެންވަރައިގެން އާދޭ ސައިބޯން." މާޔާ ހޭލާ އިންތަން ފެނުމުން އިޒީކިއަލް ވާހަކަދެއްކި އެވެ. ރޭގައި އެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކަކީ އިޒީކިއަލްއަށް އާދައިގެ ކަމެއް ކަހަލަ އެވެ. އޭނާގެ ފުށުން އެކަމާ ވިސްނާކަމުގެ އެއްވެސް ނިޝާނެއް މާޔާއަށް ފާހަގައެއް ނުވި އެވެ.
ފެންވަރައިގެން އޮފީހަށް ދާން ތައްޔާރު ވެގެން މާޔާ ކޮޓަރިން ނުކުތެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ ކާމޭޒު ދޮށުގައި އިން އިޒީކިއަލް ފެނިފައި އެކަންޏެއް ނޫނެވެ. ކާމޭޒުމަތީ ހެނދުނުގެ ނާސްތާއަށް ބޭނުންވާނޭ ބާވަތްތައް ތަށިތަކުގައި އަތުރާލާފައި ހުރިއިރު އިޒީކިއަލް އިނީ ރޭގައި އޭނާ ލައިގެން ހުރި ހެދުމުގައެއް ވެސް ނޫނެވެ. މާޔާއަށް ލިބުނު ހައިރާންކަން ދިގުދެމިގެން ނުދިޔަ އެވެ. އޭނާއަށް އެވީ ކިހިނެއްކަން އެނގުނީ އެވެ.
"ހިލްމީ." ވައި އަޑުން މާޔާ ކިޔާލި އެވެ.
އިޒީކިއަލްގެ އަޅެއްހެން އޭނާގެ ކޮންމެ އަމުރަކަށް ކިޔަމަންވެ އޭނާ ކޮންމެ އިރަކު ގޮވާލިޔަސް ތައްޔާރަށް ހުންނާނެ މީހަކީ ހިލްމީކަން މާޔާއަށް އެނގެ އެވެ. އިޒީކިއަލްއާ ބައްދަލުވީ ދުވަހުން ފެށިގެން އޭނާއާ ވަކިވުމާ ހަމައަށް މާޔާއަށް އެންމެ ރަނގަޅަށް އެނގުނު ކަމަކީ އެޔެވެ.
"މިޔާ. އިށީނދެ ސައިބޯން ފަށާ." އިޒީކިއަލް ބުންޏެވެ.
އަތުގައި އޮތް ދަބަސް ސޯފާތައް މެދުގައި ހުރި ކޮފީމޭޒުމަތީ ބަހައްޓާލުމަށްފަހު މާޔާ އައިސް ކާމޭޒުދޮށުގައި އިށީނެވެ. އޭނާގެ އަތުގައި އޮތް ފޯނު މޭޒުމަތީ ބާއްވާލަމުން ތައްޔާރުކޮށްފައި ހުރި ކޮފީޖޯޑު ކައިރިޔަށް ދަމާލި އެވެ. އޭނާ އެ ތަށިން އެތިފޮދެއް ބޯލާފައި މޭޒުމަތީ ހުރި ބާވަތްތަކަށް ނަޒަރު ހިންގާލި އެވެ. ސައިބޯން ފެށިއިރު މާޔާގެ ހިތުގައި އިޒީކިއަލްއާ މެދު އިތުރު ސުވާލުތައް އުފެދެމުން ދިޔަ އެވެ. އޭނާ ރޭއްސުރެ ހެނދުނުވަންދެން މާޔާ ކައިރީ މަޑުކުރުމުގެ ބޭނުމަކީ ކޮބާބާއޭ ސުވާލު އުފެދެނީ އެވެ.
"ތަދުވޭތަ އެއްވެސްތާކަށް." ސައިބޮމުން އިޒީކިއަލް އަހާލި އެވެ.
"ނުވޭ." ތެދުވިޔަސް އިޒީކިއަލް ކައިރީ ނުބުނާނަމޭ ބުނާ ފަދަ ރާގެއްގައި މާޔާ ބުންޏެވެ.
"ރޭ... ވެޑިން..." އިޒީކިއަލް އެއްޗެކޭ ބުނަން އުޅެނިކޮށް ކުއްލިއަކަށް މޭޒުމަތީ އޮތް މާޔާގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ. މާޔާ ވެސް ދިޔައީ ސިއްސައިގެންނެވެ. އިޒީކިއަލް ފެނުނީ ފޯނުގެ އިސްކުރީނަށް އަރާފައި ނަމެވެ.
"ރާހިން." ހިތާހިތާ އިޒީކިއަލްއަށް ކިޔާލެވުނެވެ.
ފޯނުކޯލަށް ޖަވާބުދެމުން މާޔާ ކައްޓެއްހެން ކުއްލިއަކަށް ދެތުވި އެވެ. ފޯނުގެ އަނެއްކޮޅުން އިވިގެން ދިޔައީ މާޔާ މާލެ އައީސުރެ މެދުކެނޑުމެއްނެތި އޭނާގެ ހާލު ބެލުމަށް ގުޅާ ޒުވާނާގެ އަޑެވެ.
"ގުޑްމޯނިންގ. ހޫމް... އޮފީހަށް ދާން ރެޑީވެގެން މި އިނީ. ސައިބޯން އިނީ." މާޔާ ވާހަކަދައްކަމުން ދުރަށް ދާން ފިޔަވަޅު އަޅާލި އެވެ.
"ފޯނު ހިފައިގެން އިށީނދޭ." ހަރުކަށި ބާރު އަޑަކުން އިޒީކިއަލް ބުންޏެވެ. އޭނާގެ ޠަބީޢަތް ކުއްލިއަކަށް ބަދަލުވީ ފަދަ އެވެ.
(ނުނިމޭ)