ބޭރު ކުޅިވަރު

ރޮނާލްޑޯ އަކީ ހަތަރު ގޯލު ޖެހޭ ފެންވަރުގެ ކުޅުންތެރިއެއް: ޒިދާން

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ކޮންމެ މެޗެއްގައި ވެސް ހަތަރު ގޯލު ޖެހޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ރޭ ސެލްޓަވީގޯ އަތުން 7-1އިން މޮޅުވި މެޗުގައި ރޮނާލްޑޯ ހަތަރު ގޯލު ޖެހުމުންނެވެ. އަނެއް ތިން ގޯލު ޖެހީ މެޗުގެ ފުރަތަމަ ގޯލު ޖެހި ޑިފެންޑަރު ޕެޕޭ އާއި ގްރެތް ބޭލް އަދި ޖެސޭ ރޮޑްރިގޭޒް އެވެ.

"އެނގޭތަ؟ ރޮނާލްޑޯ އަކީ ހަތަރު ގޯލު ޖެހޭ ފެންވަރުގެ ކުޅުންތެރިއެއް. ވަރަށް މަދު މީހަކަށް އެކަން ކުރެވޭނީ. މިހެންވެ އޭނާ ހާއްސަވަނީ،" މެޗަށް ފަހު ޒިދާން ބުންޏެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއެކު އޭނާ ރެއާލް މެޑްރިޑަށް ޖަހާދީފައިވާ ގޯލުގެ އަދަދު ވަނީ 350 އަށް އަރައިފަ އެވެ. މިހެންވެ މެޗަށް ފަހު އެކަން ކުލަބުން ވަނީ ފާހަގަކޮށް ރޮނާލްޑޯ އަށް ހާއްސަ ޖާޒީ އެއް ވެސް ދީފަ އެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ބުނީ ސަޕޯޓަރުން އަބަދުވެސް ހިތްހަމަނުޖެހުން ފާޅު ކުރާނެ ކަމަށާއި ކުލަބާއި ކުޅުންތެރިން ދެކެ ސަޕޯޓަރުން ހިތްހަމަޖެހޭނީ ކާމިޔާބު ލިބޭނަމަ ކަމަށެވެ.

ރެއާލްގެ ސަޕޯޓަރުން ރޭ ވަނީ ދަނޑުގައިތިބެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެއީ އަގުބޮޑު މޮޅު ކުޅުންތެރިން ތިބެ ސްޕެނިޝް ލީގުގެ ތަށި މި އަހަރު ވެސް ނުލިބޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާތީ އެވެ.

ލީގުގައި ރެއާލް މިވަގުތު އޮތީ އެއްވަނާގައިވާ ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ނުވަ ޕޮއިންޓް ފަހަތުގަ އެވެ.
ޒިދާން ބުނީ ސަޕޯޓަރުން އަބަދުވެސް ބޭނުންވާނީ މޮޅުވާން ކަމަށާއި އެމީހުންގެ ޕްރެޝަރުގެ ސަބަބުން ޓީމަށް ނަތީޖާ ރަނގަޅު ކުރަން ބާރުލިބޭނެ ކަމަށެވެ.