ވައްކަން

ހިޔާ ޓަވަރެއްގައި ފޭރުނު ބަޔަކު ބަރަހަނާކޮށްފައި ތިއްބާ ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓް ޓަވަރެއްގައި ފޭރުނު ބަޔަކު ހިފަހައްޓާ ބަރަހަނާކޮށްފި އެވެ.

ހިޔާ ފްލެޓް އެއްވަނަ ޓަވަރުގައި ފޭރުނު ހަތަރު މީހުން ހިފަހައްޓާ އެ ޓަވަރުގެ ތިރީގައި އެ މީހުން ބަރަހަނާކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުން ބުނީ ހުޅުމާލޭ ހިޔާ ފްލެޓްގެ އެއްވަނަ ޓަވަރު ކައިރީގައި ފޭރުނު ބަޔަކު ހިފަހައްޓާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމުން ފޭރިގެން ހިފަހައްޓާފައި ތިބި މީހުން އެހެން ބައެއް މީހުންގެ އަތުންވެސް އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށް ބުނާ މައުލޫމާތު ލިބިފައިވާ ކަަމަށްވެސް ފުލުހުން ބުނެ އެވެ.

މައްސަލަ އާއި ގުޅިގެން ހަތަރު ދިވެއްސަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 32 އަހަރުގެ ދެ މީހަކާއި، 36 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެކެވެ.

ހިޔާ ސަރަހައްދުގައި ފޭރުމާއި ވައްކަމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެ އެވެ.