ބޭރު ކުޅިވަރު

11 މީހުން ތިބިނަމަ މޮޅުވާނެ: ވެންގާ

11 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ފުރުސަތު ލިބުނުނަމަ އާސެނަލް އަށް މެޗުން މޮޅުވެވޭނެ ކަމަށް ޓޮޓެންހަމާ ދެކޮޅަށް ކުޅެ 2-2އިން އެއްވަރުވި މެޗަށް ފަހު އާސެނަލްއިން ބުނެފި އެވެ.

ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމަށް ބޮޑު މިސްޓޭކެއް ހެދުނު ކަމަށާއި 66 ވަނަ މިނިޓްގައި ގަބްރިއަލް އަށް ދެއްކި ރަތްކާޑާމެދު ޝަކުވާ ކުރެވޭކަށްނެތް ކަމަށެވެ.

"އޭނާ އަށް ވެސް އެނގޭނެ އެއީ ވަރަށް ބޮޑު ގޯހެއްކަން. އެކަމާ ޝަކުވާ ކުރުމުގެ ފުރުސަތެއްނެތް. އެކަމަކު އަހަންނަށް (ޓޮޓެންހަމުގެ) ޑިޔާ ދަނޑުން ފޮނުވާނުލީމަ އެކަމާ ޝަކުވާ ކުރެވިދާނެ. ރެފްރީ އަހަރުމެންނަށް ހަރުކަށިވާ ވަރަށް ޓޮޓެންހަމަށް ހަރުކަށިނުވޭ. އެކަމަކު މުޅި މެޗުގައި އަހަރެންގެ ކުޅުންތެރިން މޮޅުވާން ކުރި މަސައްކަތް އަހަރެން ބަލައިގަންނަން،" މެޗު އެއްވަރުވުމުން އެއްވަނާގައިވާ ލެސްޓާ ސިޓީއަށްވުރެ އަށް ޕޮއިންޓް ފަހަތަށް ވެއްޓިފައިވާ އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.

އޭނާ ބުނީ ސީޒަނުގައި ކޮންމެ ޓީމަކަށް ބާކީ ނުވަ މެޗު އޮތްއިރު ތަށި ލިބިދާނެ ކަމާމެދު މިހާރު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި ސީޒަން ނިމެންދެން އެކަމަށް އިންތިޒާރު ކުރަން ޖެހޭނެ ކަމަށެވެ.

އާސެނަލް އަށްވުރެ ތަށި ހޯދުމުގެ ފުރުސަތު ބޮޑީ ޓޮޓެންހަމަށެވެ. އެ ޓީމަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. އެއްވަނާގައިވާ ލެސްޓާ ސިޓީ ރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވުމުން މިހާރު ލިބިފައިވަނީ 60 ޕޮއިންޓެވެ.

މެޗަށް ފަހު ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ 11 ކުޅުންތެރިން ހަމައަށް ތިބެ އޭނާގެ ޓީމަށް މޮޅުވެވެން ޖެހޭނެ ކަމަށެވެ.