ހައިކޯޓް

ނަދީމުގެ މަރުގެ އިސްތިއުނާފު މައްސަލަ ކެންސަލް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ އިސްތިއުނާފު ޝަރީއަތުގައި މިއަދު އޮތް އަޑު އެހުން ކެންސަލްވެއްޖެ އެވެ.

ހައިކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދަން ތާވަލުކޮށްފައި އޮތް، ނަދީމުގެ މަރުގެ މައްސަލަ ކެންސަލްވީ ކީއްވެގެން ކަމެއް ހައިކޯޓުން ނުބުނެ އެވެ. އެކަމަކު ހެނދުނު 11:15 ގައި ކުރިއަށް ގެންދަން ތާވަލުކޮށް ކޯޓުގެ ޝެޑިއުލްގައިވެސް ހިމަނާފައިވާ މައްސަލަ ކެންސަލްވީކަން ހައިކޯޓުން ކަށަވަރުކޮށްދިނެވެ.

މި މައްސަލައިގެ އަޑުއެހުމަކީ ހައިކޯޓުން ވަގުތުން ފޮނުވާވެސް މައްސަލަ އެކެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވި ހަތަރު މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން އެކަކު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ. އެއީ ލ. ގަން ތުނޑީ ވިދާތަރި އަލީ ނިފާޒް އެވެ.

އަލީ ނިފާޒްގެ އިތުރުން ހައިކޯޓުގައި ހިނގަމުންދަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްސަލަ އެވެ.

މި މައްސަލައިގައި ހިމެނޭ މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދުކޮށްފަ އެވެ. އެހެންކަމުން ހައިކޯޓުން އޭނާ ބަންދު ކުރާކަށް އަމުރެއް ނުކުރެ އެވެ. އެކަމަކު މިހާރު ބަންދުގައި ހުރި މައްސަލަ އިން ވީއްލިއްޖެނަމަ، އަލުން ބަންދުކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖުރައާތެއް ގާނޫނުގައި ނެތުމުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކާއެކު ހައިކޯޓުން ވަނީ އެކަކު ބަންދުކޮށްފަ އެވެ.

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމު މަރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ.