މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮންމެ ކުލާހަކަށް ވައިބާ ގުރޫޕް ނުހަދަން އަންގައިފި

ސްކޫލާ ގުޅޭ ކަންކަމުގައި މުއާމަލާތްކުރުމަށް ބައެއް ސްކޫލޫތަކުގައި ވަކިވަކި ކްލާސްތަކަށް ވައިބާ ގުރޫޕް ހަދާ މައްސަލަ ބޮޑުވެ އެކަން އެގޮތަށް ނުކުރުމަށް އަންގައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ވަނީ ވައިބާ ގުރޫޕްތަކުގައި އެންމެންނަށް ނުލިޔެވޭނެގޮތް ހެދުމަށްޓަކައި ކޮމިއުނިޓީ ގުރޫޕެއް މުޅި ސްކޫލަށް ނުވަތަ ކޮންމެ ގުރޭޑަކަށް އުފެއްދުމަށް އިރުޝާދު ދީފަ އެވެ. އަދި އެފަދަ ކޮމިއުނިޓީ ގްރޫޕްތަކަކީ ސްކޫލްގެ ކަންކަމުގައި މުއާމަލާތް ކުރާ ޑިޖިޓަލް ނޯޓިސް ބޯޑަކަށް ހެދިދާނެ ކަމަށްވެސް ބުނެ އެވެ.

ސާކިއުލާގައި ވަނީ ކޮމިއުނިޓީ ގުރޫޕްތަކުގައި މެސެޖުތައް ކުރާނަމަ އެކަން ކުރަންވީ ވަގުތެއްވެސް ކަނޑައަޅާފަ އެވެ. އެގޮތުން ސްކޫލުގެ ކިޔެވުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރު ފަހުން އެއްވެސް މެސެޖެއް ނުކުރަން އަންގާފައިވެ އެވެ.

މީގެއިތުރުން ސްކޫލުތަކުން ދަރިވަރުންނާ ހަވާލުކުރާ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށްޓަކައި ވައިބާ ގުރޫޕް ހަދައިގެން އެ ގުރޫޕް ތެރޭގައި އެފަދަ މުއާމަލާތްތައް ކުރުމުގެ ބަދަލުގައި ދަރިވަރުން އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގަންނަ ގޮތަށް ސްކޫލުތަކުން މަސައްކަތް ކުރުމަށް ސާކިއުލާގައި އެދިފައިވެ އެވެ.

ސްކޫލުތަކުގައި ކޮންމެ ކުލާހަކަށް ވައިބާ ގުރޫޕް ހަދައިގެން އެފަދަ ގުރޫޕްތަކުގައި ސުކޫލާއި ދަރިވަރުންގެ ހުރިހާ ކަމެއް ވާހަކަ ދެއްކުމާއި، ޒުވާބުކުރުމާއި، ހުއްޓުމެއް ނެތި ވައިބާ ގުރޫޕް އެކްޓިވްކޮށް ބޭއްވުމަކީ ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުންގެ ކަންބޮޑުވުމެކެވެ.