އޭއެފްސީ ކަޕުގައި ޕިލިޕީންސްގެ ކާޔާ އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް ނިއުރޭޑިއަންޓް އެ ގައުމަށް ހިނގައްޖެ އެވެ.
މުބާރާތުގައި ނިއު ކުޅޭ ދެ ވަނަ މެޗުގައި ކާޔާ އެފްސީއާ ދެކޮޅަށް ނުކުންނާނީ މާދަމާ ނޫން އަނެއް ދުވަހު އެވެ.
މި މެޗަށް ނިއު ނުކުންނައިރު އެ ޓީމުގެ މިވަގުތު އޮތީ ގްރޫޕް އެފްގެ ތިން ވަނާގަ އެވެ. ކާޔާ އޮތީ ގްރޫޕުގެ ފުލުގަ އެވެ.
ނިއު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-2 އިން އެއްވަރުކުރީ ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީ ވާދަކޮށް ގަލޮޅު ދަނޑުގަ އެވެ. ކާޔާ އެފްސީ ބަލިވީ ހޮންކޮންގެ ކިޗީ އަތުން 1-0 އިންނެވެ.
ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ އޭނާގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އޭއެފްސީ ކަޕަށް އާ ކުޅުންތެރިން ކަމަށާއި މިހެންވެ އެންމެ ރަނގަޅު ނަތީޖާ ހޯދަން ދަތިތަކެއް އެބަހުރި ކަމަށެވެ.
"އޮތީ މަސައްކަތް ކުރުން. ހާއްސަކޮށް މާލެ ނޫން ތަނެއްގައި ކުޅޭއިރު އަހަރުމެން ވަރަށް ވިސްނައިގެން ވަރަށް ރޭވުންތެރިކަމާއެކު ކުޅެގެން ކާމިޔާބު ލިބޭނީ. އަހަރެން ކުޅުންތެރިންނަށް ވިސްނައިދޭނީ ވެސް އަދި ޓީމު ރާވާނީ ވެސް ބޮޑަށް ދިފާއި ގޭމަކަށް،" 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ނުކުޅޭނެ އެވެ. އޭނާ ޓީމާއެކު ނުދިޔައީ އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުގައި ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހު ނުކުޅެ ހުންނަންޖެހޭތީ އެވެ.
ސްޓޮއިކޯފް ބުނީ ހޮކޭ އަކީ ޓީމުގެ ދިފާއުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމަށާއި ޑިފެންޑަރުންނަށް އަނިޔާވުމަކީ ނިއު އަށް ދިމާވާނެ ބޮޑު މައްސަލައެއް ކަމަށެވެ.