މާލޭ ސިޓީ ކައުންސިލް

މޯޗަރީގައި ގަބުރު ބޭއްވުމަށް ނަގާ ފީ މައާފުކުރުމަށް އެދޭ މައްސަލަ އިތުރުވަނީ

ގަލޮޅު މޯޗަރީގައި ބިދޭސީންގެ ހަށިގަނޑު ބޭއްވުމަށް ނަގާ ފީ މައާފްކޮށްދޭން އެދެމުންދާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގަލޮޅު މޯޗަރީގައި އޮތް ބަންގްލަދޭޝް މީހެއްގެ ހަށިގަނޑު ގައުމަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ހަށިގަނޑު މޯޗަރީގައި ބޭއްވުމަށް ނެގި ފީ މައާފްކޮށްދޭން އެ ހަށިގަނޑު ގެންދާ ފަރާތުން އެދިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަމަށް އެދެމުން ދިއުން ތަކުރާރުވަމުންދާކަން ފާހަގަވޭ. އެހެންކަމުން މިއީ ދާއިމީ ހައްލެއް ގެންނަންޖެހޭ މައްސަލައަކަށްވާތީ ކައުންސިލަރުންގެ ލަފައަކަށް އެދެން،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑު ގަލޮޅު މޯޗަރީގައި ބޭއްވުމަކީ ވަރަށް ގިނަ ހަރަދު ހިނގާ ކަމެއް ކަމަށެވެ. އަދި ގަލޮޅު މޯޗަރީއަކީ މިހާރު ވަރަށް ބޮޑަށް މަރާމާތުވެސް ކުރަންޖެހިފައިވާ ތަނެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުިން އެތަނުން ލިބެމުންދާ އާމްދަނީއެއް މަދުވުން ނުވަތަ ހުއްޓިގެން ދިއުމަކީ އިތުރު މައްސަލަތަކެއް ނިކުންނާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މިމައްސަލައިގައި ވާހަކަދެއްކެވި ކައުންސިލަރުން ވިދާޅުވީ މަރުވެފައި އޮންނަ މީހުންގެ ހަށިގަނޑު މޯޗަރީގައި ބޭއްވުމަށް އުސޫލުތަކެއް ހެދިފައިވާ ކަމަށެވެ. އެކަމަކު އެ އުސޫލާ އެއްގޮތަށް ކަންކަން ނުދިއުމުން އަމަލުކުރާނެ ގޮތްތަކެއް އުސޫލުތަކުގައި ނެތް ކަމަށެވެ.

ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މޭޔަރު ވަނީ ހިޔާލެއްގެ ގޮތުގައި ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެއީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނައިރު ކުރަންޖެހޭ އިންޝުއަރެންސްގެ ތެރެއަށް މި ހަރަދު ހިމެނުމެވެ.

ރާއްޖޭގައި މަރުވާ ބިދޭސީންގެ ތެރެއިން އެ މީހުންގެ ހަށިގަނޑު އަނބުރާ ގައުމަށް ގެންދިއުމަށް ބޭނުން ނުވާ ހާލަތުގައި ނުވަތަ އާއިލާއަށް އެކަން ކުރެވެން ނެތް ހާލަތުގައި ރާއްޖޭގައި ވަޅުލައެވެ.