ވާހަކަ

މިލްކުވާނެބާ

( 3 ޖޫން 2024 އާ ގުޅޭ )

"ގުޑްމޯނިންގ. ހޫމް... އޮފީހަށް ދާން ރެޑީވެގެން މި އިނީ. ސައިބޯން އިނީ." މާޔާ ވާހަކަދައްކަމުން ދުރަށް ދާން ފިޔަވަޅު އަޅާލި އެވެ.

"ފޯނު ހިފައިގެން އިށީނދޭ." ހަރުކަށި ބާރު އަޑަކުން އިޒީކިއަލް ބުންޏެވެ. އޭނާގެ ޠަބީޢަތް ކުއްލިއަކަށް ބަދަލުވީ ފަދަ އެވެ.

"މާޔާ. ހުރިހާކަމެއް ރަނގަޅުތަ؟." ރާހިންގެ ސުވާލުން އޭނާއަށް އިޒީކިއަލްގެ އަޑު އިވުނީކަން މާޔާ ދެނެގަތެވެ.

"އާން..." އިޒީކިއަލްއާ ނަޒަރު ސީދާކޮށްލައިގެން ހުރެ މާޔާ ބުނެލީ ނިކަން އަވަސްކޮށެވެ. ރާހިންއަށް އެއްވެސް ކަމެއް އެނގެން ބޭނުންނުވާތީ އެވެ.

"އަހަރެންނަށް މާޔާ ވަރަށް މުހިންމު. އެހެންވެ އަބަދު ކިޔެނީ އެހާ ބުރަކޮށް ނޫޅެއްޗޭ." ރާހިން ބުންޏެވެ.

"އެހާ ބުރައެއްނޫނޭ. ހާސްނުވެބަލަ... ބަލައިގެންނޭ އުޅެނީ." މާޔާ ބުނެލި އެވެ.

"އަހަރެންނަށް އަޑު އިވުނު ދެކުނުގެ ޕްރޮޖެކްޓާ ގުޅިގެން ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހެދި އެއްބަސްވުން އުވާލަން މާޔާ ބޭނުންވީ ވާހަކަ. އަހަރެން ފެއާ ނިންމާފައި އައިތަނާ އެނގުނީ... މާޔާ އަދިވެސް ބޭނުންތަ އެ އެއްބަސްވުން އުވާލަން. އެނގޭ އެ މީހުންނަށް ބަދަލު ދޭންޖެހޭކަން. ބޮޑު އަދަދެއްކަން ވެސް... އެހެންވިޔަސް މާޔާ ބޭނުންވާގޮތެއް އަހަރެންނަށް އެންމެ ރަނގަޅު. ފައިނޭންސްއާ ވާހަކަދައްކައިގެން އަހަރެން އެކަން ހަމަޖައްސަންތަ؟." ރާހިން ވާހަކަދެއްކި އެވެ.

"އެ ޕްރޮޖެކްޓް... އެކަމަކު..." މާޔާއަށް ބުނެވުނެވެ.

"ފައިސާއާމެދު ދޯ ވިސްނަނީ. މާޔާ އެކަމާ ނުވިސްނާ... އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން. އަދި ބުނަން. ގާތްގަނޑަކަށް މިކޮޅުގައި ކުރަން ހުރި ހުރިހާކަމެއް ނިމިއްޖެ. ހީވަނީ ދެ ހަފްތާއެއްވަރު ފަހުން އަހަރެންނަށް ދެވޭނެހެން. އައި ކާންޓް ވެއިޓް ޓު ސީ ޔޫ... ސްޓީވް އަތުވެއްޖެ. ފަހުން އަދި ގުޅާނަން އިނގޭ." ރާހިން ބުންޏެވެ.

"އޯކޭ... ބާއި." މާޔާ މިހެންބުނެލުމުން ރާހިން ފޯނުކޯލު ކަނޑާލައިފި އެވެ. ފޯނަށް ބަލާލާފައި މާޔާ ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި މޭޒުމަތީ ފޯނު ބާއްވާލަމުން އިށީނދެ އަނެއްކާ ވެސް ސައިބޯން ފެށި އެވެ. އަތަށް ދަތްދޮޅި ދީގެން މާޔާއަށް ނަޒަރު ހުއްޓާލި ގޮތަށް އިން އިޒީކިއަލް ހޭންފެށި އެވެ. އެ ހުނުމުގައިވަނީ ދިމާކުރުމާއި މަލާމާތެވެ. މާޔާ އަޅާނުލުމުން އޭނާ ވާހަކަދެއްކި އެވެ.

"ޑްރައިވަރުތަ؟. އޭނާއަށް ވެސް ފުރުޞަތު އޮވޭ ދޯ." އިޒީކިއަލް ބުނެލި އެވެ. އޭނާއަށް އޮޅުން އެރީކަން މާޔާ ދެނަހުއްޓެވެ. އިޒީކިއަލް ހީކުރީ ކުންފުނީގެ ކާރުގައި މާޔާ ދަތުރުކުރާއިރު އާންމުކޮށް އޭނާ ގޮވައިގެން ދަތުރުކުރާ މީހަކީ ފިރާޝެވެ. މީހުންނާ ގުޅޭ މިޒާޖެއް ލިބިފައިވާ ފިރާޝާއި މާޔާއާ ދެމެދު އޮތް އެކުވެރިކަން އިތުރަށް ބަދަހިވީ ފައިނާނުގެ ޚަބަރެއް ބަލަން މަސައްކަތް ކުރި ދުވަސްކޮޅު އެވެ. އެހެންވިޔަސް އޮފީސް ދަތުރެއްގައި ނޫން ގޮތަކަށް އެ ދެ މީހުން ބައްދަލުވަނިކޮށް މީހަކަށް ނުފެންނާނެ އެވެ. އިޒީކިއަލް އެޅުވި ތުޙުމަތުގެ ސަބަބުން މާޔާ ކައިރިޔަށް ރުޅިއައެވެ.

"އަހަރެން ކޮންމެކަމެއް ކުރިޔަސް އިޒީކިއަލްއަށް ކީއް!." ދެ ބުމަ ގޮށްޖަހާލަމުން މާޔާ ބުނެލި އެވެ.

"އެހެންތަ." އިޒީކިއަލް ބުންޏެވެ. އަދި އޭނާ މޭޒުދޮށުން ތެދުވި އެވެ.

"އާން. ހަމަ އެހެން." މާޔާ ތަކުރާރުކޮށްލި އެވެ.

އެޕާޓްމެންޓްގެ ދޮރު ކައިރިޔަށް އިޒީކިއަލް މަޑުކޮށްލި އެވެ. އެނބުރި ކާމޭޒުދޮށުގައި އިން މާޔާއަށް އޭނާ ބަލާލި އެވެ. މާޔާ އިނީ އިޒީކިއަލް ކުރަން އުޅޭ ކަމެއް ބަލާށެވެ. އެހެންވެ ދެ މީހުންގެ ނަޒަރު އެވަގުތުކޮޅު އަމާޒުވެގެން ދިޔަ އެވެ.

"ޕްރޮޖެކްޓްގެ ކަންތައް ޒާހިލްއަށް ގުޅައިގެން އަހަރެން ބަލާނަން. އެކަން ކުރިޔަށްދާގޮތެއް ބަލަން ސައިޓަށް ދާން ވެސް ޖެހޭނެއެއްނު. ހިޔެއްނުވޭ މިދުވަސްކޮޅު ޒާހިލަށް ދެވޭނެހެން... އެހެންވީމަ އަހަރެމެން ދެ މީހުން ތިބޭނީ ދާން." އިޒީކިއަލް ބުންޏެވެ. މާޔާ އިތުރަށް މޫނު ކުނިކޮށްލީ އެވެ. އެއީ އޭނާ އެންމެ ބޭނުންނުވާ ކަންތަކެވެ. އެކަމަކު އިޒީކިއަލް އެބުނީ ކުރަން ޖެހިފައި އޮތް ކަމެއްގެ ވާހަކަ އެވެ. މާޔާ އެއްޗެކޭ ނުބުނެ އިނުމުން އިޒީކިއަލް އިތުރު ވާހަކައެއް ނުދައްކާ އެޕާޓްމެންޓުން ނުކުމެއްޖެ އެވެ.

* * * * *

ކައިވެނި ޙަފުލާއަށް ގޮސްފައި އައިފަހުން ސޫޒަންއަށް އިޒީކިއަލް ފެނުނީ ކުޑަ ވަގުތުކޮޅަކަށެވެ. ދެން އަނެއްކާ އޮފީސް ދަތުރެއްގައި ދެކުނަށް ފުރައިގެން އިޒީކިއަލް ދިޔައީ އެވެ. ފޯނު ކުރިޔަސް ފޯނުކޯލު ނަގަނީ މަދު ފަހަރެއްގަ އެވެ. އަނެއްކޮޅުން ފޯނުކޯލު ނެގިޔަސް މާގިނައިރަކު ވާހަކަ ދައްކާކަށް ނުހުރެ އެވެ. މާލެ އައީ ދަންވަރުގެ ވަގުތެއްގަ އެވެ. އެ އައިގޮތަށް ހެނދުނުގެ ނާސްތާ ވެސް ކުރުމެއްނެތި އިޒީކިއަލް އޮފީހަށް ދިޔައީ ސޫޒަންއަށް ހިލަމެއްވެލުމެއްނެތި އެވެ.

"އައިންތު. އިޒީކިއަލް އެބައުޅޭތަ." ރިސެޕްޝަންގައި ތިބި ކުދީންގެ ތެރެއިން ކުއްޖަކަށް ގޮވާލަމުން ސޫޒަން އަހާލި އެވެ.

"ސޫޒަން. މިތާ... ބޮސްއަށް އެނގޭތަ؟." އައިންތު ހައިރާންވި އެވެ. އޭނާއަށް އިޒީކިއަލްއާއެކު ދެ ފަހަރަކު ސޫޒަންވަނީ ފެނިފަ އެވެ. އަދި އެންމެންނަށް ވެސް އެނގޭ ކަމަކީ އިޒީކިއަލްއާއި ސޫޒަންއާ ދެމެދުގައި އޮންނަނީ އާދައިގެ ގާތްކަމެއް ނޫންކަމެވެ. އެންމެން ވެސް އުންމީދުކޮށްގެން ތިބީ ވަރަށް އަވަހަށް އެމީހުންގެ ކައިވެނި ޢިއުލާންވެގެން ދާނޭ ކަމަށެވެ.

"ސަޕްރައިޒެއް." އެއް ލޯ މަރާލަމުން ނިކަން ހެވިފައި ސޫޒަން ބުންޏެވެ.

"ހުޝާމަށް އެބަގުޅާލަން." އައިންތު ބުންޏެވެ.

ގިނައިރެއްނުވެ ހުޝާމް އެތަނަށް އަތުވެއްޖެ އެވެ. އޭނާއަކީ އިޒީކިއަލްގެ ސެކްރެޓެރީންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާއަށް ސޫޒަން ފެނުމާއެކު ވާހަކަދައްކަން ފެށި އެވެ. އިޒީކިއަލް އޮފީހުގައި އެބައުޅޭ ކަމާއި އޭނާއާ ހަމައަށް ސޫޒަން ގެންގޮސްދިނުމުގެ ޒިންމާ ހުޝާމް ނެގި އެވެ.

"ސޫޒީ." މޭޒުދޮށުގައި އިން އިޒީކިއަލްއަށް ލިބުނީ ހައިރާންކަމެވެ. އޭނާ ހުޝާމް ފޮނުވާލާފައި ސޫޒަންއާ ކުރިމަތިލި އެވެ.

"އޮފީހަށް ތިއައީ ކީއްވެ؟." އިޒީކިއަލް ސުވާލު ކުރި އެވެ.

"އިޒީ ދިރިއުޅޭ ތަނަކަށް އޮފީސް ބަދަލުވީމަ... ގެއިން ވެސް ދިމާވަނީއެއްނޫން." ސޫޒަން އައިސް މޭޒުގެ އަނެއްކޮޅުގައި މަޑުކޮށްލަމުން ބުންޏެވެ.

"އަހަރެން ވެސް ބިޒީވީމަ މިހެން މިއުޅެނީ." އަމިއްލަ ދިފާއުގައި އިޒީކިއަލް ބުންޏެވެ.

"ދެން އެހެންވީރު ތި ބިޒީކަން ނިމޭނީ ކޮންއިރަކުން." ސޫޒަންގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. އިޒީކިއަލް އޭނާއަށް ވަގުތު ނުދޭތީ އެވެ.

"ނޭނގެ." މާބޮޑު ވިސްނުމެއްނެތި އިޒީކިއަލް ބުނެލި އެވެ. އެއާއެކު ސޫޒަންގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. އިޒީކިއަލްގެ މޭޒުމަތީ ހުރި ކަރުދާސްތައް ސޫޒަން އަތުން ޖަހާ ބުރުވާލި އެވެ.

"ސޫޒަން. ކިހާ ދެރަކަމެއް." ކުއްލިއަކަށް ގޮނޑިން ތެދުވި އިޒީކިއަލް ހަޅޭލަވައިގަތީ ބާރަށެވެ. އޭނާގެ ހަރުކަށިކަން ފެނުމާއެކު ސޫޒަން ފެންކަޅިވެއްޖެ އެވެ. އޭނާއަށް ރޮވެންފެށުމުން އިޒީކިއަލްގެ ނުރުހުން ވަގުތުން ފިލައިފި އެވެ. އަވަސްއަވަހަށް އައިސް ސޫޒަންގެ ގާޔާ ކައިރިކޮށްލައިފި އެވެ.

"ސޮރީ ސޫޒީ... ބާރަށް ހަޅޭލަވައިގަނެވުނީމަ... އަހަރެން ވެސް ބިޒީކަމުން މިހުންނަނީ ފްރަސްޓްރޭޓްވެފައި. ބިޒީވީމަ ބިޒީއޭ ބުނަނީ." ސޫޒަންގެ ބޮލުގައި ބޮސްދެމުން އިޒީކިއަލް ބުންޏެވެ.

"ކިތަންމެ ބިޒީވިޔަސް ގެއަށް އަންނަންވާނެއެއްނު. އަހަރެންނާއި ހައިކްއަށް ވަގުތުކޮޅެއް ހުސްކުރެވެންވާނެއެއްނު." ރޮމުންރޮމުން ސޫޒަން ވާހަކަދެއްކި އެވެ.

"އާން. އަހަރެންގެ މައްސަލަ މީ. ސޫޒީ. ދެން ނުރޮއެ. އަހަރެން ޕްރޮމިސްކުރާން ދެން އެހެނެއްނުވާނެ. ކިތަންމެ ބިޒީވިޔަސް ގެއަށް ދާނަން. ވަގުތު ހުސްކުރާނަން. ސޯ ޕްލީޒް. ދެން ހުއްޓާލާ." ސޫޒަންގެ މޫނުގައި ދެ އަތުން ހިފަހައްޓާލައިގެން ހުރެ އިޒީކިއަލް ބުންޏެވެ.

"ޔަގީންތަ؟." ސޫޒަންއަށް އަހާލެވުނެވެ.

"ޔަގީން." ސޫޒަންގެ ކޯތާފަތް ފުހެލައި ދެމުން އިޒީކިއަލް ބުންޏެވެ. ސޫޒަން ދެ ލޯ ފުހެލާފައި ހިނިތުންވެލި އެވެ. އަދި އިޒީކިއަލްގެ ގައިގާ އޭނާ ބައްދާލި އެވެ.

"މިވަގުތު އަހަރެން ކުރާން ވަރަށް ގިނަ ކަންތައް އެބަހުރި. އޮފީހުގެ ރަސްމީ ގަޑި ދޯ. އެހެންވީމަ ސޫޒީ އިހަށް ގެއަށް ދޭ. މިއަދު އެހާ ލަސްވަންދެން މަޑެއް ނުކުރާނަން. ގެއަށް ދާނީ." އިޒީކިއަލް ބުންޏެވެ.

"އަންނާތި. އަހަރެން އިންތިޒާރު ކުރާނަން... ބުނަން. މިއަދު ކަމެއް ދިމާވެގެން ނައީވިއްޔާ އަހަރެން އިޒީއާ ދެން ވާހަކައެއް ނުދައްކާނަން." ސޫޒަން ތުންކޮޅު ހަދާލި އެވެ.

"ޑޯންޓް ވޮރީ ބޭބީ." ނިކަން ލޯތްބާއެކު ސަމާސާ ރާގެއްގައި އިޒީކިއަލް ބުންޏެވެ. އަދި ހުޝާމް ގެނެސް އޭނާއާއެކު ސޫޒަން ފޮނުވާލި އެވެ.

* * * * *

އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެފައިވި އެވެ. އޮފީހުގެ ކާރުން ފައިބައިގެން އައިސް އިމާރާތުގެ ތެރެއަށް މާޔާ ވަނެވެ. ލިފްޓާ ހަމައަށް އައީ ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ތެރެއިން އެޕާޓްމެންޓްގެ ކީކާޑު ހޯދަމުންނެވެ. ލިފްޓަށް އަރަން ސުވިޗަށް އޮބާލުމާއެކު ވަގުތުން ލިފްޓުގެ ދޮރުފަތް ހުޅުވިއްޖެ އެވެ. އެވަގުތު މާޔާ ނޫން މީހަކު އެތާކުނެތެވެ. އެހެންވެ ލިފްޓަށް އޭނާ އެރީ ނިކަން ހަމަޖެހިލައިގެން ހުރެ އެވެ. އެޕާޓްމެންޓް ހުންނަ ފަންގިލާގެ ނަންބަރަށް އޮބާލުމާއެކު ލިފްޓުގެ ދޮރުފަތް ލެއްޕި އޭގެ މަސައްކަތް ފެށި އެވެ. މައްޗަށް އަރަމުން ދިޔަ ލިފްޓަށް ކުއްލި ލޮޅުމެއް އެރުމާއެކު ބާރު އަޑުފަށްގަނޑެއް އިވިގެންދިޔަ އެވެ. ވަގުތުން ލިފްޓު ހުއްޓުމަކަށް އައުމާއެކު މުޅިތަން އަނދިރިވެއްޖެ އެވެ.

* * * * *

ވައިބްރޭޓްވަމުން ދިޔަ ފޯނު އިޒީކިއަލް ނެގީ އެ ގުޅާ މީހަކު ގުޅުން ހުއްޓާނުލައިގެންނެވެ. ފޯނު ނެގިއިރު އޭނާއަށް ގުޅަމުންދިޔައީ މިޔާގެ ނަންބަރުންނެވެ. މިޔާ އިސްވެ ގުޅާތީވެ ހައިރާންވެފައި ހުރެ އިޒީކިއަލް ފޯނުކޯލު ނެގި އެވެ. ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ އަޑެވެ. އެމީހަކު ހެލޯއޭ ކިޔާލުމަށްފަހު އިޒީކިއަލްތޯ އަހާލި އެވެ.

"އިޒީކިއަލް ވާހަކަދައްކަނީ." އިޒީކިއަލް ބުންޏެވެ.

"މީ... މާޔާގެ ފޯނުން މިގުޅަނީ. މިއުޅެނީ މާޔާ ހޮސްޕިޓަލަށް ގެނެސްގެން. ލިފްޓުގައި ތާށިވެފައި ހުއްޓާ އަޅުގަނޑުމެން އައިސް ހުޅުވިއިރު މާޔާ އޮތީ ޚަބަރު ހުސްވެފައި. ފޯނުން އެންމެފަހުން މާޔާ ގުޅާފައި އޮތީ މި ނަންބަރަށް. ތީ މާޔާއާ ގުޅުމެއް އޮތް ފަރާތެއްނޫންނަމަ އޭނާގެ ޢާއިލާއަށް އަންގާލަދެވިދާނެތޯ." ފޯނުން ވާހަކަދެއްކި ފިރިހެން މީހާ އިޒީކިއަލްއަށް އޮޅުންފިލައިދިނެވެ.

"ކޮން ހޮސްޕިޓަލެއްގައި އޮތީ." އިޒީކިއަލް ވަގުތުން އަހާލި އެވެ.

"ހުޅުމާލެ ހޮސްޕިޓަލުގައި." އެ މީހާ ބުންޏެވެ.

"އަހަރެން މިދަނީ." އިޒީކިއަލް މިހެންބުނެ ފޯނުކޯލު ކަނޑާލި އެވެ.

އޮފީހުން ގެއަށް އައިސް ފެންވަރާލައިގެން އިޒީކިއަލް ނުކުތީ ޢާއިލާއާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ގަސްދުކޮށްގެން ހުރެ އެވެ. ނަމަވެސް ކުއްލިއަކަށް މިދިމާވި ކަމަކުން އޭނާއަށް ދާން މަޖުބޫރުވެއްޖެ އެވެ. އޭނާ ތައްޔާރުވެގެން ކޮޓަރިތެރެއަށް ނުކުތްއިރު ސޫޒަން އިނީ އޭނާގެ އިންތިޒާރުގައި އެނދުގައި އިށީނދެލައިގެންނެވެ.

"ބޭރަށް ދަނީތަ؟." އިޒީކިއަލް ހުރި ގޮތް ފެނުމާއެކު ސޫޒަން ގަޔައެއް ނުވި އެވެ.

"އާން. އާޖަންޓްކަމެއް ޖެހިގެން ކޮންމެހެން ދާންވެއްޖެ." އިޒީކިއަލް މިހެންބުނީ ކޮޓަރިން ނުކުންނަން ދަމުންނެވެ.

"ދޮގެއްތީ... ހަމަ ކަނޑައެޅިގެން ދޮގެއް." ސޫޒަން ބުނެލީ ނިކަން ބާރަށެވެ. އިޒީކިއަލްގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އޭނާ ފަސްއެނބުރި ސޫޒަންއަށް ބަލާލި އެވެ. ހިތްދަތިވެގެން ފަޅައިގެންދިޔަ ފަދައިން ސޫޒަން ރޯންފެށި އެވެ. އިޒީކިއަލް ހާސްވެ ކަންބޮޑުވި އެވެ. އަވަސްއަވަހަށް ހަލުވި ފިޔަވަޅުގައި އައިސް ސޫޒަންގެ ގާތުގައި މަޑުކޮށްލައިފި އެވެ.

"ބަލަ ރޯވަރުކަމެއް އަދި ނުވެއެއްނު." ސޫޒަންގެ މޫނުގައި ދެ އަތުން ހިފަހައްޓާލައި އިޒީކިއަލްއާ ދިމާއަށް އުފުލާލަމުން އޭނާ ބުނެލި އެވެ.

"އޭރު ވެސް އަހަރެން ހިތަށް އެރި ކޮންމެވެސް އެއްޗެކޭ ކިޔާފައި އިޒީ ދާނެއޭ" ސޫޒަން ބުންޏެވެ. އިޒީކިއަލްގެ މޭގައި ސޫޒަން ފޮރުވާލަމުން ބާރަށް ބައްދާލި އެވެ.

"ޕްލީޒް ސޫޒީ. ވަރަށް މުހިންމުކަމެއް ޖެހިގެން މިދަނީ. އެހެންނޫންނަމަ ނުދާނަން. ނުގޮސް ނެތް ވާކަށް... އަހަރެން ދިޔަޔަސް ވަރަށް އަވަހަށް އަންނާނަން. ހައިކްއަށް ކާންދީފައި ސޫޒީ ނުކައި މަޑުކުރޭ. އަހަރެން އައީމަ ދެ މީހުން އެކުގައި ބޭރަށްދާނީ. ނުރޮއެ ސޫޒީ. ޕްލީޒް ހުއްޓާލާ." އިޒީކިއަލް އާދޭސްކުރާ ފަދައިން ބުންޏެވެ.

"އަހަރެންނަށް ޕްރޮމިސް ކުރީމެންނު. މިރޭ އެއްކޮށް ގޭގައި މަޑުކުރާނަމޭ ބުނީ... ތީ އެއްވެސް އިތުބާރެއްނެތް މީހެއް. ދޮގުވެރިއެއް... އާން! ޔޫ އާ އަ ލަޔާ... އަހަރެންނަށްވުރެ އެހެން ހުރިހާކަމެއް އިޒީއަށް މުހިންމު. އަޅެ ބުނެބަލަ... އަހަރެން މީ ކާކުތަ؟. އިޒީއާ އަހަރެންނާ މިއޮތް ގުޅުމަށް ދޭނީ ކޮންނަމެއް؟. އަހަރެންގެ އެއްވެސް އަގެއް އެބައޮތްތަ؟." ސޫޒަންގެ ރުއިން ހައްތަހާވީ ބާރެވެ. މޫނުގައި ދެއަތް އަޅައި އޭނާ ގިސްލަމުން ދިޔަ އެވެ.

"ސޫޒީ." އިޒީކިއަލްގެ ހިތަށް އަސަރު ކުރި އެވެ.

"އެނގޭތަ މީހުން ކިޔާހާ އެއްޗެހި..." އިޒީކިއަލްގެ މެޔާ ދިމާލުން ގަމީހުގައި ހިފަހައްޓާލަމުން ސޫޒަން ބުނެލި އެވެ.

(ނުނިމޭ)