ސާޖިދާ މުހައްމަދު

ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަކީ ފަރުދީ ޒިންމާއެއް: ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގަތީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިއްމު މަގުސަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރި ގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުގުވެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.

"ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިއްމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިއްމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން މުޖުތަމައުގައި އޮންނަންޖެހޭ،" ސާޖިދާ ވިދާޅުވި އެވެ.

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ" އެވެ.

މިޝިއާރަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިއަހަރުގެ ޝިއާރުން އިންސާނާގެ ދުޅަހެޔޮކަމާއި ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްގީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާ ކަމަށެވެ.

މިޖަލްސާގައި މެޑަމް ސާޖިދާ ވަނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރުމުގެ މުހިއްމު ކަންވެސް ފާހަގަކުރައްވާފަ އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާސިލްކުރުމަށްވެސް ބާރުއަޅުއްވާފަ އެވެ.