ޓޫރިޒަމް

ޖަޕާންގައި ރާއްޖެ އިޝްތިހާރުކުރަން ވެބިނާއެއް ބާއްވައިފި

ޖަޕާންގައި ރާއްޖެ މަންޒިިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ވެބިނާއެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ މެލޭޝިއަން އެއާލައިންސާ ގުޅިގެން ވާޗުއަލް ޕްރޮޑަކްޓް ސެމިނާއެއް ބާއްވައި، ޖަޕާނުގެ މުހިއްމު ދަތުރުފަތުރުގެ ބާޒާރުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ވެބިނާ ޖަޕާނުގެ ގާތްގަނޑަކަށް 100 ޓްރެވަލް ޕްރޮފެޝަނަލުންނަށް އަމާޒުކޮށްފައިވެ އެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އިންޑަސްޓްރީގެ ބޭފުޅުންނާއެކު ޑެސްޓިނޭޝަން އަޕްޑޭޓްތައް ހިއްސާކޮށްގެން ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފައްދައި، ޖަޕާނުގެ ފަތުރުވެރިންގެ ހިތްތަކުގައި އެންމެ ދާން ބޭނުންވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ކަށަވަރުކުރުމެވެ.

މިޕްރޮގްރާމްގައި މެލޭޝިއަން އެއާލައިންސާއި ރާއްޖެ، މެލޭޝިއާ އަދި ތައިލެންޑްގެ ޓޫރިޒަމް އޮތޯރިޓީތަކުން ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދިޔަ އެވެ.

ޕްރެޒެންޓޭޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލާއި ޕްރޮޑަކްޓް އޮފާތަކުގެ އަޕްޑޭޓްތަކާއި، ކުއަލަލަމްޕޫރުން ރާއްޖެއަށް ކޮންމެ ދުވަހަކު ސީދާ ދަތުރު ތައާރަފްކުރުމާއި، ހާއްސަ އެއާފެއާ ޕްރޮމޯޝަން ތަކަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޖަޕާންގެ މާކެޓަކީ މުހިއްމު ދައުރެއް އަދާކުރާ މާކެޓެކެވެ.

ކޮވިޑް-19ގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް ގިނަވަމުން ދާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން މިދިޔަ ޖަޕާނުން 23،041 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޖަޕާނުން 9،333 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.