ބޭރުގެ ފެއާތަކުގައި މިހާތަަނަށް ބައިވެރިވަމުން ގެންދާ އެމްއެމްޕީއާރުސީން އަމިއްލަަށް އިންތިޒާމުކުރި ފުރަތަމަ ފެއާ މެލޭޝިއާގައި ފަށައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ބޭރުގައި އިޝްތިހާރު ކުރުމަށްޓަކައި މެލޭޝިއާގައި ފެށި "ވިޒިޓް މޯލްޑިވްސް 2019" ފެއާ ކުރިއަށްދާނީ މި މަހުގެ 5-7 ގެ ނިޔަލަށް މެލޭޝިއާގެ އައިއޯއައި މޯލް ޕުތްރަޖާޔާގަ އެވެ. ފެއާގެ ތެރެއިން ނަގާ ކޮންމެ ޓިކެޓަކަށް 20 ޕަސެންޓުގެ ޑިސްކައުންޓެއް އެއާ އޭޝިއާއިން ދޭނެ އެވެ. އެއާ އޭޝިއާއަކީ ހަފްތާއަކު 10 ދަތުރު ކުއަލަލަމްޕޫރާއި ރާއްޖެއާ ދެމެދުގައި ކުރާ އެއާލައިން އެކެވެ.
ޓޫރިޒަމް ދާއިރާގެ 17 ކުންފުންޏަކުން މިފެއާގައި ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ސިނާތުގައި ހިމެނޭ ޓުއާ އޮޕަރޭޓަރުންނާއި ޓެރެވެލް އޭޖެންޓުން އަދި ރިސޯޓުތަކާއި އަދި ގެސްޓް ހައުސްތައް ބައިވެރިވެފައިވެ އެވެ.
މެލޭޝިއާ އަދި ސައުތު އީސްޓް އޭޝިއާގެ މާކެޓަށް އަމާޒުކޮށް ކުރިއަށް ގެންދާ މިފެއާގެ މައިގަނޑު މަގްސަދަކީ ސައުތު އީސްޓް އޭޝިއާގެ އޮޕަރޭޓަރުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުވައިދީ ރާއްޖެ އިތުރަށް ޕުރޮމޯޓު ކުރުމަށް މަގުފަހި ކޮށްދިނުމެވެ.
މެލޭޝިއާ "ވިޒިޓް މޯލްޑިވްސް ފެއާ" ހުޅުއްވައި ދެއްވީ އެމްއެމްޕީއާރްސީ ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެއާ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫ އެވެ. މީގެ އިތުރުން ފެއާ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފެއާގެ ފުރަތަމަ ދުވަސް ހާއްސަކުރެވިފައި ވަނީ މެލޭޝިއާ އިން ބޭރަށް ފަތުރުވެރިން ފޮނުވާ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ފެއާއަށް ޒިޔާރަތްކުރާ މީހުންނަށެވެ. މި މުއްދަތުގައި އައިއޯއައި މޯލް އަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އައިއޯއައި މޯލްއަށް ދުވާލަކު 150,000 އާއި 200,000 އާއި ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތް ކުރެ އެވެ.