ހަބަރު

"ޑްރީމް ޑައިވް ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއަށް

ޑައިވް އެންޑް ޓްރެވެލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، "ޑްރީމް ޑައިވް ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

މެރިން ޑައިވްގެ އެވޯޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، "ޑްރީމް ޑައިވް ޑެސްޓިނޭޝަން" ގެ އެވޯޑް ރާއްޖެއަށް ލިބުނު އިރު މިއީ ރާއްޖެއިން މި އެވޯޑް ވިދިިިވިދިގެން ހާސިލް ކުރި 12 ވަނަ ފަހަރެވެ.

މެރިން ޑައިވް ފެއާ އަކީ ކޮންމެ އަހަރަކުވެސް ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓް ތަކަށް ހާއްސަކޮއްގެން ބާއްވާ ފެއާއެކެވެ. މި ފެއާއަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު ފެއާއެކެވެ. އަދި ރާއްޖޭގެ ޑައިވް ސެގްމެންޓް ތަޖުރިބާކުރަން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަކީ ޖަޕާނެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖާޕާން ހިމެނެ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ޖަޕާނުން 4052 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި 2019 ވަނަ އަހަރު ޖުމްލަ 44،251 ފަތުރުވެރިން ޖަޕާނުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.6 ޕަސެންޓް ކުރިއެރުމެކެވެ.