ދުނިޔެ

ނަތަންޔާހޫއަށް އިޒުރޭލު ރައްޔިތުންގެ އަޣުލަބިއްޔަތު ދެނެއް ނުލިބޭނެ

އިޒުރޭލުގައި ބޮޑުވަޒީރުގެ މަގާމަށް މީހަކު އައްޔަންކުރަން ދެން ބާއްވާ އެއްވެސް އިންތިހާބެއްގައި އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވެ ވަޑައިގެންފި\ނަމަ އާބާދީގެ ބޮޑު ބައެއް އޭނާއަށް ނޫނެކޭ ބުނާނެ އެވެ.

ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން ފެންނަ މީހަކާ ބެހޭ ގޮތުން އިޒުރޭލުގެ މީޑިއާތަކުން ނެގި ހިޔާލު ހޯދުމުގެ ވޯޓެއް ބުނާ ގޮތުން ބެންޖަމިން ނަތަންޔާހޫއަށް ތާއީދު އޮންނަ ބަޔަކަށްވެސް އާންމުންގެ އަޣުލަބިއްޔަތު ދެން ނުލިބޭނެ އެވެ.

ޗެނަލް 12 އިން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުން އިޒުރޭލުގެ އާބާދީގެ 62 ޕަސެންޓް، ބެންޖަމިން ނަތަންހޫއަށް ވޯޓެއް ނުދޭނެ އެވެ.

ނަތަންޔާހޫ ބޮޑުވަޒީރުގެ މަގާމަށް ގެނައުމަށް އެންމެ ފަހުން ވޯޓު ދިން އާބާދީގެ 30 ޕަސެންޓްވެސް މިހާރު އޭނާއާ ދެކޮޅުކަން ވަނީ ހިޔާލު ހޯދުންތަކުން ސާބިތުވެފަ އެވެ.

އިޒުރޭލުގައި ދެން އޮންނަ އިންތިހާބެއްގައި ބެންޖަމިން ނަތަންޔާހޫ ބައިވެރިވެއްޖެނަމަ ރަނގަޅު ފިލާވަޅެއް އޭނާއަށް އުނގަންނައިދޭން ރައްޔިތުން ތައްޔާރު ކަމަށްވެސް ހިޔާލު ހޯދުންތަކުން ދައްކަ އެވެ.

ނަތަންޔާހޫ މިފަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މުޅިންހެން މަސައްކަތްކުރައްވާފައިވަނީ އާންމުންގެ އިހްސާސްތަކާ ދެކޮޅަށެވެ.

އިޒުރޭލުގެ ޝަރުއީ ނިޒާމަށް ބަދަލު ގެނެސް، ފަނޑިޔާރުންގެ ނިންމުންތަކުގެ މައްޗަށް ސަރުކާރުގެ ބުނުންތައް އިސްވާ ގޮތަށް ގެންނަން އުޅުނު ބަދަލުތަކަށްވެސް އާންމުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ.

މިކަމާ ދެކޮޅަށް އާންމުން މަގުތަކަށް ނިކުމެ ޔުނިވާސިޓީތަކާއި މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ދައުލަތުގެ އިމާރާތްތަކަށްވެސް ވަނީ ގެއްލުން ދީފަ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅުއްވާ ގޭދޮށަށްވެސް އެތައް ބަޔަކު އެެއްވެ ވަނީ އަމަން ބަލަހައްޓާ ފުލުހުންނާ ކުރިމަތިލާފަ އެވެ.

އަނެއްކޮޅުން މިހާރު ޣައްޒާގައި އިޒުރޭލު ސިފައިން ހިންގަމުންދާ އޮޕަރޭޝަން ހުއްޓާލުމަށްވެސް އާންމުންގެ އެތައް ބަޔަކު ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ.

އާންމުންގެ އިހްސާސްތަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ނަތަންހޫ ދަނީ ޣައްޒާ ހަމަލާތައް ފުޅާކުރުމަށް އަސްކަރިއްޔާއަށް އިރުޝާދު ދެއްވަމުންނެވެ.

އަސީރުން ބަދަލުކުރަން ސުލްހައިގެ އެއްބަސްވުމެއް ނުހެދިގެން އުޅެނީވެސް ނަތަންޔާހޫ ގޮތް ދޫނުކުރެއްވުމުގެ ސަބަބުންކަން އާންމުންނަށް އެނގެ އެވެ.