ސިވިލް ކޯޓް

ކުރީގެ މެންބަރު ޖަމީލް އުސްމާނަށް ހިބައިން ދިން ގޯތި އަތުލަން ކުރީގެ އަންހެނުން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު ޖަމީލް އުސްމާނަށް ހިބައިން ދިން ގޯތި އަތުލަން އޭނާގެ ކުރީގެ އަންހެނުން ކޯޓަށް ހުށަހެޅި މައްސަލަ އޭނާއަށް ނާކާމިޔާބުވެއްޖެ އެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރުކަން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާކުރެއްވި ޖަމީލް އުސްމާނަށް އޭނާގެ ކުރީގެ އަންހެނުން ހަދީޖާ އަބްދުއްސައްތާރު، ހިބައިން ދިން ގޯތި އަތުލަން ހުށަހެޅި މައްސަލައިގައި ހިބަ ދިނުމަށްފަހު އަތު ނުލެވޭނެ ކަމަށް ހުކުމް ކުރީ، މިދިޔަ ހަފްތާގައި ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ. މިއީ ހިބަ އަތުލުމާއި ވަސިއްޔަތުން ރުޖޫއަވުމުގެ މައްސަލަ އެކެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޖަމީލް އުސްމާނާއި، ހަދީޖާ ކައިވެނިކޮށްގެން އުޅުނުއިރު ހިބައިން ދިން ގޯތީގައި ދެމަފިރިންގެ މަސައްކަތުން ހަތަރު ބުރީގެ އިމާރާތެއް އަޅާފައިވެ އެވެ. އަދި ދެމަފިރިންގެ ނަމުގައި އެއިރު ލޯނެއް ވެސް ނަގާފައިވާ ކަމަށާއި އެ ލޯނަށް ޖަމީލް އުސްމާންވެސް ވެސް ޒިންމާ ވާން ޖެހޭކަން ކަނޑައަޅައި ދިނުމަށް އެދި ވަކި މައްސަލައެއްވެސް ހުށަހަޅާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ.

މި މައްސަލައިގައި ޖަމީލް އުސްމާނަށް ހިބައިން އެ ތަން ލިބިފައިވާ ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ހުކުމެއް ވެސް އޮތެވެ. އެ ހުކުމުގައި ކަނޑައަޅާފައިވަނީ ހަދީޖާގެ މިލްކުވެރިކަމުން އެ ތަން ވަކިކޮށް، ޖަމީލް އުސްމާނުގެ މިލްކަކަށް އެ ތަން ބަދަލުކޮށްފައިވާ ކަމެވެ. އެއީ 2014 ވަނަ އަހަރުގެ ނިންމުމެކެވެ. ރައްޔިތުންގެ މަޖިލީހަށް ޖަމީލް އުސްމާން އިންތިހާބުވީ އެ އަހަރު އެވެ. އެ ހުކުމް ކުރިއިރު ޖަމީލް އުސްމާނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އޭރު މި ދެ މަފިރިން މައްސަލަ ޖެހި، ވަކިން އުޅެމުން ދިޔަކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެ އެވެ. އެ ދެމަފިރިންގެ ކައިވެނި ރޫޅިފައިވަނީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

ޖަމީލް އުސްމާނުގެ އަތުން ހިބަ އަތުލަން ހުށަހަޅާފައިވާ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ހިބައިން ތަނެއް އަތުލުމުގެ އުސޫލެއް ބިމާ ބެހޭ ގާނޫނުގައި ވެސް، ހިބައިން އަދި ވަސިއްޔަތުން ދިނުމާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ފަރުވާއެއް ފެންނަން ނެތް ކަންކަމުގައި އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ބުނެ ހުކުމްކޮށްފައިވަނީ އިސްލާމީ ފިގުހު އިލްމުވެރިންގެ ނަޒަރުގައި ގާތް ތިމާގެ މީހަކަށް ނުވަތަ ފަގީރަކަށް ހިބައިން ދެވޭ އެއްޗަކީ ސަދަގާތެއް ކަމަށެވެ. އަދި ކައިވެނީގެ ގުޅުމަކުން ހިބައިން ދެވޭ މުދަލެއްވެސް އަތުނުލެވޭނެ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ހިބަ އަނބުރާ ރުޖޫއަކުރުން ޖަމީލް އުސްމާނު އިއުތިރާޒް ކުރި ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.