އެމްއެންޑީއެފް

ހުޅުމާލޭގައި ގޯއްޗެއް އޮތް މީހަކަށް ސިފައިންގެ ފްލެޓު ދޭން ކޯޓުން އަމުރެއް

Jul 29, 2024

ހުޅުމާލޭގައި ގޯއްޗެއް އޮތް މީހަކަށް، ސިފައިންގެ ސިފްކޯ ފްލެޓެއް ދޭން ސިވިލް ކޯޓުން ސިފައިންގެ ކޯޕަރޭޓިވްގެ މައްޗަށް އަމުރުކޮށްފި އެވެ.

މިއީ 2014 ވަނަ އަހަރު ސިފައިންގެ ފްލެޓަށް ޑައުންޕޭމަންޓް ދެއްކި މީހަކު، އޭނާއަށް ފްލެޓް ނުދީގެން ދައުވާ ކުރި މައްސަލަ އެކެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 2014 ވަނަ އަހަރު އެ މީހާ، ޑައުންޕޭމަންޓްގެ ގޮތުގައި 91،200 ރުފިޔާ ދައްކައި އަދި 2023 ވަނަ އަހަރު ފަހުކޮޅު، އެ މީހާއަށް ލިބޭނެ ފްލެޓްވެސް ކަނޑައަޅާފައި ވަނިކޮށް، ފަހުން ފްލެޓް ނުދޭން ނިންމުމުން ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.

ޑައުންޕޭމަންޓް ދައްކައި އަދި ލިބޭނެ ފްލެޓްވެސް ކަނޑައަޅުމަށް ފަހު، ފްލެޓް ނުދޭން ނިންމާފައިވަނީ މައްސަލަ ހުށަހެޅި މީހާގެ ނަމުގައި އެހެން ބޯހިޔާވަހިކަމެއް އޮތްކަން އެނގުމުންނެވެ. އެއީ އެ މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުޅުމާލޭގައި އޮތް ލޮޓެކެވެ.

ސިފްކޯއަށް އެ މީހާގެ ނަމުގައި ހުޅުމާލޭގައި ލޮޓެއް އޮތްކަން އެނގުނީ، ހައުސިން މިނިސްޓްރީ މެދުވެރިކޮށް، އެ މީހާގެ ގެދޮރުވެރިކަމުގެ މައުލޫމާތު ސާފުކުރުމުންނެވެ.

މި މައްސަލަ ސިވިލް ކޯޓުން އިއްޔެ ނިންމިއިރު، ސިފްކޯ ފްލެޓަށް އެދި އެ މީހާ އެންމެ ފުރަތަމަ ހުށަހެޅިއިރު، އޭނާގެ ނަމުގައި އެހެން ބޯހިޔާވަހިކަމެއް އެއްވެސް ތަނަކު ނެތްކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ކޯޓުން ނިންމީ، 30 ދުވަހުގެ ތެރޭގައި އެ މީހާއަށް ސިފްކޯއިން ފްލެޓް ދިނުމަށް ސިފްކޯގެ މައްޗަށް އަމުރު ކުރުމަށެވެ. މި މައްސަލައިގައި، ކުރިން ވަނީ އޭނާއަށް ކަނޑައެޅި ފްލެޓް އެހެން މީހަކަށް ނުދޭން އަމުރެއް ނެރެފަ އެވެ.

ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ނިންމެވި މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް ކުރިން ކަނޑައެޅި ފްލެޓް ހުކުމް ކުރި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަވާލުކުރުމަށެވެ.